Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ގޮތް ހުސްވެ، ބޮޑުވަޒީރުކަމުން ރާޖަޕަކްސަ އިސްތިއުފާ ދެއްވަނީ

ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަގާމުން އެގައުމުގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސަ މާދަމާ އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ.

ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަން އިއުލާން ކޮށްފައިވަނީ އޭނާގެ ދަރިކަލުން، ނަމާލް ރާޖަޕަކްސައެވެ. މިދިޔަ އޮކްޓޫބަރު މަހު ބޮޑުވަޒީރުކަމުން ރަނިލް ވިކްރަމަސިންހް ވަކިކުރުމަށް ފަހު ރައީސް ސިރިސޭނާ އެމަގާމަށް ރާޖަޕަކްސަ ގެންނެވި ހިސާބުން ލަންކާ ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.

ރަނިލް ވަކިކުރުމާއި ރާޖަޕަކްސަ މަގާމަށް ގެނައުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުން ގަބޫލެއް ނުކުރިއެވެ. ރާޖަޕަކްސައަށް ރުހުން ނުދިންތާ މަޖިލީހުން ވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓުވެސް ދެ ފަހަރު މަތިން ނަގައި، އިތުބާރު ނެތް ކަމަށް ދެފަހަރު މަތިން ފާސްކޮށްފައެވެ.

އޭގެ ސަބަބުން ރައީސް ސިރިސޭނާ މަޖިލިސް އުވާލި ނަމަވެސް އިއްޔެ ލަންކާ ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލުކޮށްފައެވެ. ރާޖަޕަކްސައަށް އިތުރު ގޮތެއް ނެތްކަން ޔަގީންވުމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާއިރު ނަމާލް ވިދާޅުވީ ގައުމު އިތުރަށް ހަލަބޮލި ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އިސްތިއުފާ ދެއްވި ކަން ރަސްމީކޮށް އިއުލާންކުރުމަށް ފަހު ރާޖަޕަކްސަ، އޭނަގެ ސަޕޯޓަރުންނާ މުޚާތަބުކޮށް ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވެއެވެ.