Last Updated: May 19, 09:39
Sunday, May 19, 2024
ކޮލަމް

ކުރިން ނެތީ ބަޖެޓް, މިހާރު ގޯހީ ކައުންސިލް މުވައްޒަފުން!

އެމްޑީޕީގެ އެގްރިވިޔަފާރި ލޯންޗުކުރުމަށް ހުޅުމީދޫގައި ބޭއްވި ރަސްމިއްޔާތު. ފޮޓޯ: އިބްރާހިމް ޒުހުރީ

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނަށް ކަންކަން ކޮށް ނުދެވޭ ވާހަކަ އަކީ އާއްމު ވާހަކައެކެވެ. ނަަމަވެސް އެކަން އެ ގޮތަށް ދިމާވަނީ ކިހިނެއް ވެގެންކަން ވަނީ އޮޅުން ނުފިލަ އެވެ. އެހެންވެ އަބަދުވެސް ޝަކުވާގެ އިނގިލި ދިއްކޮލެވެނީ ކައުންސިލަރުންނާ ދިމާލަށެވެ. ނަމަވެސް މިކަމުގައި ކައުންސިލަރުންގެ ގޯހެއް ނުވާކަން އަދި ކިރިޔާ މި އެނގުނީ އެވެ.

މި މަހުގެ 20 ވަނަ ދުވަހު އައްޑޫގެ ޑެޕިއުޓީ މޭޔަރގެ އަމިއްލަ ބްލޮގްގައި އެވާހަކަ ވަރަށް އަސަރާއި އެކު ވަނީ ލިޔެ ހާމަކޮށްފައެވެ. އެލިއުން ކިޔާލުމުން ކަމުގެ އަސްލު ވަރަށް ސާފުވި އެވެ. ކައުންސިލް ހަގީގީގަތުގައި ފެއިލްވީ "ސިވިލް ސާވިސް" މުވައްޒަފުންނާ ހެދި ކަން އެނގުނެވެ.

ހިތަށް އެރި އެވެ. ރަށުތެރޭގައި މިދެކެވެނީ ހެޔޮ ވާހަކައެއްތާ އެވެ؟ ކައުންސިލް މުވައްޒަފުން ގަޑިއަށް އޮޕީހަށް ނާންނަ ވާހަކަ އެވެ. ހެދުނު 9 އެއް 10 އެއް ޖަހާ އިރު ވެސް ވަޒީފާއަށް ނުނިކުންނަ ވާހަކައެވެ. ކައުންސިލްގައި ތިބި ވެހިކަލްތަކަށް އަރައިގެން މި މުވައްޒަފުން ބޭރަށް ދާ ވާހަކަ އާއި ސަޔަށް ނިކުންނަ ގޮތަށް އެބުރި އޮފީހަށް ނާންނަ ވާހަކައެވެ. އަދި ސައިބޯން ރެސްޓޯރެންޓް ކެފޭ ތަންތަނަށް ވަދެ ސިނގިރޭޓް ބުއިން މަނާ ސަރަހައްދުތަކުގައި ތިބެ ސިނގިރޭޓް ބޯ ވާހަކަ އެވެ.

މިފަދަ ފަރުވާ ކުޑަ ބަޔަކު ގޮވައިގެން ހަގީގަތުގައިވެސް ކައުންސިލަރުންނަކަށް މަސައްކަތެއް ނުކުރެވޭނެ އެވެ. އެހެންވެ އެވާހަކަ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު ލިޔުނީ އެވެ.

އަދިވެސް އަޑުއެހި އެއްވާހަކައެވެ. ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ނުކޮށް ޗެޓް ކުރާ ވާހަކަ އެވެ. އެގޮތުން ޑެޕިއުޓީ މޭޔަރ އޮފީހުގައި ބިޒީކޮށް ހުންނަވާ ގަޑީގައި ވެސް ސިވިލް ސާވިސްގެ ބައެއް އަންހެން މުވައްޒަފުން ޑެޕިއުޓީ މޭޔަރާޢި ޗެޓް ކުރައްވަން މަސައްކަތް ކުރަނީ އެވެ. އެކަމާއި އެ ބޭފުޅާ އަށް "ބޮލަށް އުދަނގޫވެގެން" އުޅުއްވި ހަބަރުވެސް ލިބުނެވެ.

ހެދުނު 9 އެއް 10 ޖަހާއިރު "ސިވިލް ސާވިސް" މުވައްޒަފުން އޮފީހަށް އައިސްގެން ދެވޭނީ ކޮން ހިދްމަތެއް ތޯއެވެ. އަމުދުން ދަނޑު ބިން ކަހަލަ ބޮޑެތި ކަންކަން ކުރެއްވޭނީ ކިހިނެއްތޯ އެވެ. މިކަމުގެ ޝަކުވާ ކައުންސިލަރުންނަށް މީހުން އަމާޒު ކުރަނީ ހަގީގަތުގައި ވެސް ނުވިސްނޭތީ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ސިވިލް ސާވިސް މުވައްޒަފުން މިހާ ފަރުވާ ކުޑަވެ، އޮފީހަށް ނާދެވޭ އިރު މިސާލަކަށް ކައުންސިލަރުނަށް ބަލާލަމާ ހިނގާށެވެ. ހާއްސަކޮށް ޑެޕިއުޓީ މޭޔަރަށް ބަލަމާ ހިގާށެވެ.

ފަތިސް ނަމާދުކޮށްލައިގެން އައިސް އެވަނީ އޮފީހަށެެވެ. އައްޑޫ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްވަރާތައް ހެނދުނު 7:45 ވާއިރު ފެށެއެވެ. އެކަމުގައި އެބޭފުޅާ އަކީ އެހެން ކައުންސިލަރުންނަށް ހުރި ނަމޫނާއެކެވެ. އެންމެ ފުރަތަމަ އަމިއްލަ ބްލޮގްގައި ކުރީ ދުވަހު ހިނގި ހުރިހާ ހަދިސާއެއް ލިޔުއްވަ އެވެ. އަދި ޓްވިޓާގައި އެވާހަކަ ހިއްސާކޮށްލަވަ އެވެ.

10 ގަޑި ސަޔަށް ބޭރަށް ނިކުމެލަން ބަލާލާއިރު ކައުންސިލްގައި އޮންނަ ވެހިކަލަށް އަރައިގެން އެއްކަލަ ސިވިލް ސާވިސް މުވައްޒަފުން ބުރު ޖަހަން ތިބެނީ ނިކުމެ އެވެ.

އެހެންވެ ދަންނަ ރައްޓެއްސަކަށް ގުޅައި ގެނެސްގެން ބާރަށް ގޮސް ހެދުނު ސައި ބޮއި ނިމިގެން 15 މިނިޓް ތެރޭ އަނެއްކާވެސް އޮފީސް މޭޒު ދޮށުގައި އިށީދެއެވެ. އެންމެ ބިޒީކޮށް ކައުންސިލް އިދާރާ ހިންގުމުގައި އުޅުއްވަނީ ޑެޕިއުޓީ މޭޔަރު އެވެ.

ސައިގަޑި ނިމިގެން އައިސް ކޮމްޕިއުޓަރ ހުޅުވާލާއިރު "ހިތް" ޖަހާފައި އެތަނުގެ އަންހެން މުވައްޒަފުން ތިބެނީ މެސެޖްކޮށްފަ އެވެ.

އެކަމާއި ހެދި އެ މައްސަލަ ކައުންސިލް ބައްދަލުވުމަށް ހުށަހަޅަން އެތައް ފަހަރަކު ވިސްނެވިއެވެ. އެގޮތުން އެއްދުވަހަކު އެއިން މުވައްޒަފަކު ފޮނުވި މެސެޖް ފެނިފައި ޑެޕިއުޓީ ވަރަށް ލަދުވެސް ގަތެވެ. އޭގައި އޮތީ "ޖޫސް" ބޯން ހިގާށެވެ. އަދި "ސާވިސް" ކޮށްދޭނެ ކަަމަށް ބުނެފައިވެ އެވެ.

މިހިރީ މިމުވައްޒަފުންގެ ކަންކަން ހުރި މިންވަރެވެ. މިފަދަ ބަޔަކު ގޮވައިގެން މަސައްކަތް ކުރެވޭނެ ހަމައެއްގޮތެއް ވެސް ބުނެބަލާށެވެ. ކައުންސިލުން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިމިފައިވާކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވެ އެވެ.
އޭގެ ތެރެއިން ދަނޑު ބިންތަކާއި، އީސީސީ ސަރަހައްދުން ނެގި ގޯތީގެ ބަދަލުގައި ދޭން ޖެހޭ ގޯތި ކަނޑައެޅުމެވެ. އައްޑޫގެ ތަރައްޤީގެ އޮނިގަނޑު ވަނީ ހަދައި ނިންމާފައެވެ. ކުނި އަޅާނެތަނަކާއި ކުނި އުކާލާނެ ގޮތް ވަނީ ކައުންސިލްގެ މަޝްވަރާއިން ނިންމާފަ އެވެ.

އައްޑޫގެ އެކި ތަންތަން ގޮޑުވެފައިވާ މަންޒަރު ބަލަން އުނދަގޫވެގެން "އަމިއްލަ ޚަރަދުގައި" ބެންކޮކަށް ގޮސް ވަނީ އެގައުމު ތަކުގައި އެމަސައްކަތް ކުރާތަން ބަލާ، ހިޔާލު ހޯދާފަ އެވެ. އަދި އެކަމުގެ މަސައްކަތަށް ކައުންސިލަރުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ނިމި ވަނީ ސިވލް ސާވިސް އާ ހަވާލުކޮށްފަ އެވެ.

ތިން އަހަރުގެ ދައުރެއް ނިމިގެންދާ އިރު ކައުންސިލުން އޮތީ އައްޑޫގެ ތަރައްޤީއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދީފައެވެ. އެމިޙުންގެ ޒިންމާ "ފުރިހަމަ"އަށް އަދާކޮށްފަ އެވެ. ނަމަވެސް ރައްޔިތުންނަށް އެކަން ނުފެނި ދިގުލައިގެން މިދަނީ ކައުންސިލަގައި މަސައްކަތްކޮށް ދޭނެ މުވައްޒަފުން ތަކެއް ނެތިގެންނެވެ. ބޮޑެތި އިންސެންޓިވްތައް ދީ މުސާރަ ބޮޑުކޮށް ދިން ނަމަވެސް ވެހެވެ.

"ބާޢީ ސަރުކާރަކާއި" އަދި ނާގާބިލް "ސިވިލް ސާވިސް" މުވައްޒަފުންނާއި ހެދި "ގާބިލް" ކައުންސިލް ވަނީ ފެއިލްވެފައެވެ. އެކަމަކު މިފަހަރު ބަޖެޓްގެ ތާށިކަމެއް ނެތެވެ. މައިގަނޑު މައްސަލައަކީ މުވައްޒަފުންނެވެ.