Last Updated: June 8, 20:40
Monday, June 8, 2026
ކުޅިވަރު

އުނދަގޫ ވާނެ، އެކަމަކު ކުޅޭނީ މޮޅަށް: މޮރީނިއޯ

މާދަމާ އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާ މެޗަށް ޔުނައިޓެޑު ނިކުންނާނީ ތިން ޕޮއިންޓު ހޯދުމަށް ކަމަށް ޓީމުގެ މެނޭޖަރު ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

މެޗުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައިވަނީ މެޗު އުނދަގޫ ވާނެ ކަމަށާއި އެއީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް އާދީއްތަ ދުވަހު އޭނާގެ ޓީމު ކުޅޭނީ މޮޅުވާން ކަމަށް ވެސް މޮރީނިއޯ ބުނެފައިވެއެވެ.

ކްލޮޕްއަށް އިނގިރޭސި ލީގުގައި މޮރީނިއޯ ބަލިކުރެވިފައިނުވި ނަމަވެސް ލިވަޕޫލް މިވަގުތު އޮތީ ރަނގަޅު ފޯމެއްގައި ތާވަލުގެ އެއްވަނައިގައި ބަލިނުވެއެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑަށް ސީޒަން ފެށުނު ފަހުން ރަނގަޅަށް ދެފައި މައްޗަށް ތެދުވިގަނެފައިނުވާއިރު ޔުނައިޓެޑު އޮތީ ތާވަލުގެ ހަވަނައިގައި، ލިވަޕޫލާ ދެމެދު 16 ޕޮއިންޓުގެ ފަރަގަކާއެކުގައެވެ.

އެންމެ ފަހަކަށް ޔުނައިޓެޑު ކުޅުނު މެޗުން ވެލެންސިއާ އަތުން ޗެމްޕިއަންސް ލީގުގައި ބަލިވިއިރު ލިވަޕޫލް ވަނީ ނަޕޯލީގެ މައްޗަށް ކުރި ހޯދާފައެވެ. ނަމަވެސް ދެޓީމުވެސް ވަނީ ޗެމްޕިއަންސް ލީގު ފަހު 16 އަށް ދަތުރުކޮށްފައެވެ.