ސްރީ ލަންކާގެ ބޮޑުވަޒީރުގެ މަގާމުން އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިއެވެ.
ބެލެވޭ ގޮތުގައި ދެން އެ މަގާމާ އަލުން ހަވާލުވެވަޑައިގަންނަވާނީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހްއެވެ. ލަންކާގެ ރައީސް، ސިރިސޭނާ ރަނިލް މަގާމުން ވަކިކުރެއްވީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ނަމަވެސް މަޖިލީހުން ވަނީ ރަނިލް އަނބުރާ އެ މަގާމަށް ގެނައުމަށް ފާސްކޮށްފައެވެ.
ރައީސާ ބޮޑުވަޒީރާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ރަނިލް މަގާމުން ވަކިކުރުމަށް ފަހު ރާޖަޕަކްސަ ބޮޑުވަޒީރުގެ މަގާމަށް ގެނައުމުން ސިރިސޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެކަން ކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެ ރާޖަޕަކްސަގެ އިތުބާރު ނެތްކަމުގެ ވޯޓު ދެފަހަރު މަތިން ނަގާފައެވެ.
މަޖިލީހުގެ އިތުބާރު ސިރިސޭނާއަށް ނެތުމުން، މިދިޔަ މަހު މަޖިލިސް އުވާލެއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ ބުރާސްފަތި ދުވަހު އެ ނިންމުން ބާތިލުކޮށްފައެވެ.