ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރާއްޖެ ޓީވީއަށް އެ ސްޓޭޝަނުގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރާއްޖެ ޓީވީގެ 8 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ޓުވީޓުގައި ވިދާޅުވީ، ގިނަ ގޮންޖެހުންތަކާ އުނދަގޫ ތަޙައްމަލް ކުރުމަށް ފަހު ވެސް ރާއްޖެ ޓީވީ މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ސާބަހާ އައްސަރި ބަސް ރައްދުކުރައްވާ ކަމަށެވެ.
ރައީސް ކަމަށް އިންތިޚާބުވި ފަހުން ރައީސް ވަނީ ރާއްޖެ ޓީވީއަށް ވަޑައިގެން އެތަނުގެ މުވައްޒަފުންނާއި މެނޭޖްމެންޓް ޓީމާއި ބައްދަލުކުރައްވައި އެބޭފުޅުންނަށް ހިތްވަރު ދެއްވާފައެވެ.
މިނިވަން ނޫސްވެރިކަމަށް އެއްބާރުލުން ދެއްވާނެ ކަމަށާއި ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅުއްވާނެ ކަމަށް ރައީސް ސޯލިހް ވަނީ އެކި ފަހަރު މަތިން ވިދާޅުވެފައެވެ. އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ނޫސްވެރިކަން ނެތި ސަރުކާރު ހިންގުމަށް ވުރެ ސަރުކާރު ނެތި ނޫސްވެރިކަން ހިންގުން މުހިންމު ކަމަށެވެ.
ފާއިތުވެދިޔަ ހަތް އަހަރު ތެރޭ ނޫސްވެރިކަމުގެ ގޮތުން އެންމެ ބޮޑު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު މީޑިޔާއަކީ ރާއްޖެ ޓީވީއެވެ. އެ ސްޓޭޝަނަށް ބަޔަކު ވަދެ، ތަނުގައި ރޯކޮށް އަންދާލާފައިވާއިރު އެކި ފަހަރު މަތިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް އަނިޔާކޮށް ބިރު ދައްކައި އިންޒާރު ދީފައިވެއެވެ. އަދި މުޒާހަރާތައް ކަވަރު ކުރަމުންދިޔަ ރާއްޖެ ޓީވީ ނޫސްވެރިންނަށް ވަނީ ފުލުހުންގެ ފަރާތުންވެސް އަނިޔާތަކާއި ކުރިމަތިލާން ޖެހިފައެވެ. މީގެ އިތުރުން ރާއްޖެ ޓީވީއަށް ވަނީ އެކިފަހަރު މަތިން ބޮޑެތި ޖޫރިމަނާތަކެއް ވެސް ކޮށްފައެވެ. ރާއްޖެ ޓީވީން ބުނެފައިވަނީ އެހުރިހާ ކަމެއް ކުރީ އެސްޓޭޝަނުން ކުރަމުން އައި މަސައްކަތް ހުއްޓުވުމަށް ވަކި ބަޔަކު ރާވައިގެން ކަމަށެވެ.