Last Updated: July 1, 23:03
Wednesday, July 2, 2025
މުނިފޫހިފިލުވުން

ދީވާނާ 2 ( ހަތްވަނަަބައި )

ދުވަހަކީ ހުރުކު ދުވަހެކެވެ. ފަރަހަނާޒްއާއި ތޫބާއުޅެނީ ގޭތެރެ ފޮޅައި ސާފުކުރުމުގައި އަވަދިނެތިއެވެ. ފަރަހަނާޒް ސިޓިންރޫމުގައި އުޅުނުއިރު ތޫބާއުޅެނީ ބަދިގޭގައެވެ. ހާދީ އޭނާގެ ކޮޓަރީގައި ފޮތެއް ކިޔަންއިނެވެ. މިއީ ކޮންމެ ހުރުދުވަހެއްގައިވެސް އެމީހުންގެ އާދައެވެ. ހެނދުނުގެ ނާސްތާއަށްފަހު ގޭތެރެ ސާފުކުރެއެވެ. ކޮޓަރިތަކުގެ ތަންމަތިތައް ދޮވެ، އާކުރެއެވެ.
މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔައިރު، ކޮޓަރިތެރެއިން އިރުއިރުކޮޅުން ތޫބަގެ ފޯނު ރިންގްވާ އަޑުއިވެމުންދިޔައެވެ. ރިންގްގެ އަޑުކެނޑުމާއެކު އަނެއްކާވެސް ރިންގްވާން ފަށައެވެ. ފަރަހަނާޒް ކިތަންމެ ފަހަރަކު ތޫބާއަށް ގޮވާފައި ފޯނު ރިންގްވާ ވާހަކަ ބުނެފިއެވެ. ނަމަވެސް އަދިވެސް އޭނާ މަސައްކަތައިގެން އަވަދިނެތި އުޅެއެވެ. އެންމެފަހުން ފަރަހަނާޒް ކޮޓަރިއަށްވަދެ، ފޯނުގެނެސް ތޫބާގެ އަތަށްދިނެވެ. އޭރުވެސް ފޯނުރިންގްވަމުން ދިޔައެވެ. ފަރަހަނާޒް ފޯނުދިއްކޮލުމުން ތޫބާ ފޯނުގައި ހިފަމުން ހިނިތުންވެލިއެވެ.

" ދެންވެސް އަވަހަށް ނަގާބަލަ!…" ތޫބާ ފޯނަށް ބަލަންހުރުމުން ފަރަހަނާޒް ބުންޏެވެ.

" ހެލޯ" ތޫބާ ޖެހިލުންވެހުރެ ފޯނުނެގިއެވެ.

" ގަސްތުގަ ފޯނު ނުނަގަންދޯ ތިހުންނަނީ؟…މަގޭހުރި ކެތްތެރިކަމެއް ބަލަންވެގެންތަ ތިހުންނަނީ؟." ފިރިހެންވަންތަ އަޑެއް ތޫބާގެ ކަންފަތުގައި ޖެހުނެވެ.

" ނޫން….މިވަގުތު ކަމެއްގަ އުޅޭތީ…" ތޫބާ ބުނެލިއެވެ.

" ކަމެއްގަ އުޅުނަސް މިވަރަށް ގުޅާއިރު، އެއްފަހަރަކު ނަމަވެސް ފޯނު ނެގޭނެއްނު….މަށަށް އެނގޭ ހަމަ ބަހަނާ ދައްކަނީކަން…..މިފަހަރު ފޯނު ނުނެގިނަމަ ތިގެޔަށްވެސް ދިޔައީމުސް…." އިންޒާރެއް ދިންފަދަ ގޮތަކަށް އޭނާ ބުނެލިއެވެ.
" ނޫނޭ…އަންނާނެކަމެއްނެތް…އަހަރެން ހިނގައިދާނަން…" ތޫބާ އަވަސް އަވަހަށް ބުނެލިއެވެ.

" ކީއްވެތަ ތިހާބިރަކުން ތިއުޅެނީ….މަމީ ޑްރެކިއުލާއަކީތަ؟….ބައެއްފަހަރު ދަތްއަޅާފާނަމޭ ހިތަށް އެރިއެއް ކަމަކު، މަށަކީ ރޮލުންކާ އެއްޗެއްނޫނޭ…މިވަރަށް އާދޭސްކުރާއިރު ދެން އަންނަން ވެއްޖެއެއްނު" ދެރަވެލާފައި އާދޭހުގެ ރާގަކަށް އެކޮޅުން ބުނުމާއެކު ތޫބާއަށް ހެވިއްޖެއެވެ.

" ދާނަމޭ…އެކަމު ކުއްޖަކު ގޮވައިގެން ދިޔަޔަސް އެންމެ ރަނގަޅުތަ؟…" ތޫބާ އަހާލިއެވެ.

" އަވަށު އެންމެން ގޮވައިގެން އަޔަސް އަހަރެންގެ ފަރުވާލެއްނެތް….ތިކުއްޖާ އަންނަނިކޮށް އެވީ…" ގަޔާވެފައި އޭނާ ބުންޏެވެ. އެއަޑު އަހާފައި ތޫބާ ހިނިތުންވެލިއެވެ.

ބަދިގެ ސާފުކޮށް ނިމިގެން ތޫބާ ބަދިގެއިން ނުކުތްއިރު، ފަރަހަނާޒް މުޅިގޭގައި މޮޕްލައި ނިންމައިފިއެވެ. ދެކުދިންވެސް ތިބީ ވަރުބަލިވެފައެވެ. އެހެންކަމުން ސިޓިންގްރޫމުގެ ސޯފާގައި ޖައްސާލިއެވެ.

" ނާޒް…މެންދުރުގެ ކެއުމަކަށް މިތާ ކައިރިގެޔަކަށް މަށާއެކު ދެވިދާނެތަ؟…އެކަނިދާން ޖެހޭތީ…" ތޫބާ އެދުނެވެ.
" އާނ…އެކަމު ބައްޕައަށް ކާންދީ ބޭސްދީފަ ދެވޭނީ….ލަސްވާނެތަ؟" ފަރަހަނާޒް އަހާލިއެވެ.
" ނޫނޭ….ލަހެއްނުވާނެ…" ތޫބާ ޖަވާބުދިނެވެ.

މެންދުރު ނަމާދު ވަގުތުވާން ގާތްވުމުން ދެކުދިންވެސް ފެންވަރަން އަވަސްވެގަތެވެ. ފެންވަރައިގެން ނުކުތްއިރު، ބަންގިގޮވުމާމެދު އަދި ވަގުތުކޮޅެއް އޮތުމުން ފަރަހަނާޒް ކަހަފްސޫރަތް ކިޔަވަންފެށިއެވެ. އެވަގުތު އޭނާގެ ބައްޕަ ކޮޓަރިއަށް ވަނެވެ. ބައްޕަހުރީ ކުރިންދުވަހު ލިބުނު ނޫކުލައިގެ ގަމީސްލައިގެންނެވެ.

" އާޗާ….ބައްޕަ ހާދަރީއްޗޭ ތިގަމީސްލީމަ…." ފަރަހަނާޒް އުފާވެފައި ބައްޕައަށް ތައުރީފުކޮށްލިއެވެ.

" އާނ….ބައްޕައަށްވެސް ވަރަށް ރީތި މިގަމީސް….ބައްޕަ މިއުޅެނީ މިއަދު ހުކުރަށްދާންކަމަށް….އެހެންވީމަ އާއެއްޗެއްނު ލާންވާނީ.." ހާދީ ބުނެލިއެވެ.

" ބައްޕައަށް ގޮސް މިސްކިތުގަ ކޮޅަށްހުރެވޭނެތަ ގިނައިރު؟.." ފަރަހަނާޒް ކަންބޮޑުވެފައި އަހާލިއެވެ.

" ގޮނޑިހުންނާނެ….އިށީނދެ އިނދެވޭނެއްނު…." ހާދީ ޖަވާބުދިނެވެ.

" އެކަމު ބައްޕަ މިސްކިތަށްދާނީ ކާކާއެކު….ޓެކްސީގާ އެކަނިދާކަށް އަހަރެން ހިތްހަމައެއް ނުޖެހޭ…" ފަރަހަނާޒް ދެރަވެލާފައި ބުންޏެވެ.
" ބައްޕަ ބުނެފިން އިޒްޔަންގާތު ބައްޕަ ގޮވައިގެންދާށޭ….ބައްޕައަށް މިހާރު ހިނގާއުޅެވެއްނު….ދަރިފުޅު ހާސްނުވެބަލަ!" ހާދީ ހިނިތުންވެލަމުން ބުންޏެވެ.

" އެކަމު ބައްޕާ އަސައަކާއެކީއެއްނު އަދި ތިހިނގެނީ….މިސްކިތުގަ އެހާގިނަމީހުން ތިބޭއިރު ކިހާ އުނދަގޫވާނެ….އަހަރެން ވަރަށްބިރުގަނޭ…." ފަރަހަނާޒް އަދިވެސް ހުރީ ކަންބޮޑުވެފައެވެ.

" ދަރިފުޅާ… ހެއްދެވިފަރާތުގެ ރުއްސެވުން ހޯދަންދޯ އަހަރެމެން އަބަދުވެސް މި މަސައްކަތްކުރަނީ؟….މިސްކިތަކީ މިބިމުގަވާ އެންމެ އަމާން އަދި ރައްކާތެރިތަން….އެތަނަށް ގޮސްއުޅެނިކޮށް ކަމެއްވެދާނެތީ ބައްޕަ ކުޑަކޮށްވެސް ޖެހިލުމެއްނުވޭ….އިރާދަކުރެއްވިއްޔާ ބައްޕައަށް ލުއިކަންނޭނގެވާނީވެސް….ބައްޕަ އުޅޭނީ ވިސްނައިގެން….މިއަދު ދިޔައީމަ ވާގޮތަކުން ދެން ގޭގަ މަޑުކުރެވިދާނެއްނު…" ހާދީ އޭނާގެ ދަރިފުޅަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

އޭނާއަކީ އެތައް އަހަރެއްވާންދެން މުދިންކަން ކޮށްފައިވާ މީހަކަށް ވުމުން ގޭގައި އެންމެ ނަމާދެއް ކުރުމަކަށްވެސް އޭނާގެ ހިތެއް ނުރުހެއެވެ. އެންމެފަހުން ފަރަހަނާޒަށް ޖެހުނީ ބައްޕަގެ ވާހަކަތަކަށް އާބަސްބުނާނެވެ.

" އެންމެ ރަނގަޅު…ގަމީސްގެނޭ އިސްތިރިކުރަން….ހުކުރުވަގުތު ޖެހެނީ…..މިހާރު އިޒްޔަންބޭބެވެސް އަންނަން އުޅޭނެ…" ފަހަރަނާޒް ޚަތިމު ލައްޕާލަމުން ބުނެލިއެވެ.

ހާދީ ގަމީސްބާލާފައި ދިނުމުން، ފަރަހަނާޒް އިސްތިރި ކުރުމަށް އަވަސްވެގަތެވެ. ހަމަ އެހިނދު ގޭގެ ރަނގަބީލު ޖެހުނު އަޑުއިވުނެވެ. ހާދީގޮސް ދޮރުހުޅުވާލިއިރު، ދޮރުމަތީގައި ހުރީ އިޒްޔަންއެވެ.

" އަނހާ! ބޭބެ އަދި ތައްޔާރު ނުވަނީތަ؟…" ހާދީ ހުސްގަޔާހުރި މަންޒަރުފެނިފައި އިޒްޔަން އަހާލިއެވެ.

" ގަމީސް އިސްތިރިކޮށް ނިމުނީމަ ތައްޔާރުވެވުނީ….އާދޭ އެތެރެއަށް…" ހާދީ އެދުނެވެ.

އިޒްޔަންވެސް ދެކޮޅު ހެދުމެއްނެތި އެތެރެއަށް ވަދެ ސޯފާގައި އިށީނދެލިއެވެ. އިރުކޮޅެއްގެ ތެރޭގައި ފަރަހަނާޒް ގަމީސް އިސްތިރިކޮށްގެން ގެނެސްދިނެވެ. ހާދީ ގަމީސްލައި، ބޮލުގައި ތާކިހަލެއް އަޅައިގެން އިޒްޔަންއާއެކު ބޭރަށް ނުކުތެވެ. އެމީހުން ދިއުމުން ފަރަހަނާޒް އެނބުރި ކޮޓަރިއަށް ދިޔައިރު މެންދުރު ނަމާދުގެ ބަންގިގޮވަނީއެވެ. އެހެންކަމުން އޭނާ ނަމާދުކުރުމަށް އަވަސްވެގަތެވެ.
******
ހާދީއާއި އިޒްޔަން ހުކުރުން ފޭބި ވަގުތު އާއިންއާ ދިމާވިއެވެ. މާލޭގައި އުޅޭމީހާ ހުޅުމާލޭ މިސްކިތަކަށް ހުކުރަށް އައިސް ހުއްޓައި ފެނުމުން އިޒްޔަންގެ ގާތަށް ހިނިވެސް އައެވެ. އާއިން ހާދީގެ ހާލު އަހުވާލު އަހައި ހެދިއެވެ. އަދި ހާދީގެ ގަމީސް ރީތިކަމަށްބުނެ ތަޢުރީފުކުރީ ޚުދު އޭނާގެ ހިތާހިތުން އެކަމަށް ނުހަނު އުފާކުރާ ހާލުގައެވެ. ތިންމީހުން އެކުގައި އިޒްޔަންމެންގެ ގެޔަށް އައެވެ. ހާދީ އޭނާއުޅޭ ބަޔަށް ލާފައި އިޒްޔަންއާއި އާއިން ދިޔައީ އިޒްޔަންގެ ބަޔަށެވެ.

" މިހާރު މިރަށުގަ ނޫނީ ހުކުރުވެސް ނުކުރެވެނީތަ؟…" ދިމާކުރާ ރާގެއްގައި އިޒްޔަން އަހާލިއެވެ.

" މަށަށް އެނގޭ އޭރުވެސް ކޮންމެވެސް އެއްޗެކޭ ކިޔާނެކަން…..ބަލަ މަށަށް މިރަށުން މިސްކިތަކަށް އެރުމުގެ ހައްޤުވެސް ނެތީތަ؟…" އާއިން ޝަކުވާގެ ރާގެއްގައި އަހާލިއެވެ.

" ނޫނޭ އެހެނެއްނޫން…..މާލޭގަ އުޅޭމީހަކު ކަމަކާ ކަންފަށާ ހުޅުމާލޭ މިސްކިތަކަށް ހުކުރަށް އައީމަ ހަމަ އަހާލާ ހިތްވީ…" އިޒްޔަން ބުނެލިއެވެ.

" އަނހާ! އާން….ކޮންއިރަކު އައީ…" އިޒްޔަންއާއެކު އާއިން އައިސް ސޯފާގައި އިށީއް ވަގުތު ކޮޓަރިން ނުކުތް އުޝާއަށް އޭނާ ފެނިގެން އަހާލިއެވެ.

" އުޝް…ވަރަށް ގޯސް ސުވާލެއް ތިކުރެވުނީ….އޭނާއަކީ މިހާރު މިރަށުގަ އުޅޭމީހެއްނު…" އިޒްޔަން އަނެއްކާވެސް ފެށިއެވެ.

އާއިން އިތުރު އެއްޗެއް ނުބުނެ މަޑުން އިނީ އިޒްޔަން އާއި އުޝާއާއި ދެމީހުން އޭނާއާ ދިމާކުރާނެ ވަރަކަށް ކުރަން ފުރުސަތުދީގެންނެވެ.

" މަށަށް ހީވަނީ މީނަ މިހެން މާބުރެއްހެން މަލުގެ ވަށައިގެން އެނބުރި އެނބުރި ހުއްޓާ، އެހެން މީހަކު އައިސް މާ ބިނދެލަފާނެހެން….." އިޒްޔަން އަނެއްކާވެސް އެއްޗެއް ބުނެލިއެވެ.

" އާނ…ތިވެސް ވުން އެކަށީގެންވާ ކަމެއް…..ނާޒްވެސް އަބަދަކު ނުހުންނާނެ ދޯ އެގޮތަށް ހުސްކޮށެއް….ރަނގަޅު މީހަކު ފެނިއްޖެނަމަ އޭނާވެސް ގުޅޭނެ…އޭނަގެ ފަހަތުން އާވާރާވެގެން މީހަކު އުޅޭކަމެއް ކިހިނެއް އެނގޭނީ…" އުޝާވެސް އިޒްޔަންއާ އެއްބައިވެލިއެވެ.

އެމީހުން އެވާހަކަތައް ދައްކަމުން ދިޔައިރު، އާއިންގެ ޚިޔާލަށް އައީ ކުރިން ދުވަހު އަރްވިން ފެނުނު މަންޒަރެވެ. އޭނާ އެކަމާމެދު އެއްވެސް މީހަކު ގާތުގައި އެއްޗެއް ނުބުނެ ހުރިނަމަވެސް އަދިވެސް އޭނާއަށް އެކަމާމެދުގައި ވިސްނެވެ. ކައިނިމިގެން އާއިން އިޒްޔަންއާއެކު ބެލްކަންޏަށް ނުކުމެ ވާހަކަދައްކަން ތިއްބައި އޭނާގެ ލޮލުގައި އަޅައިގަތީ، ތިރީބައިން ނުކުތް ތޫބާއާއި ފަރަހަނާޒެވެ. ދެމީހުން ތައްޔާރުވެގެން ތިބިގޮތުން، އެމީހުން ކޮންމެވެސް ތަނަކަށް ދަނީކަން އެނގުނެވެ.
" ދާންވީނު ފަހަތުން…" އާއިން ބަލަންހުރި ގޮތުން އިޒްޔަން ބުނެލިއެވެ.
" އިޒީ ނުބުންޏަސް އަހަރެން ބޭނުމިއްޔާ ދާނަމޭ…" އާއިން ދެރަނުވާންވެގެން ބުނެލިއެވެ.
އެދެކުދިން ގޮސް ތަންކޮޅެއް ދުރުން ފެންނަން ހުރި ފުލެޓަށް ވަންނަންދެން އާއިން ބަލަން ހުއްޓެވެ. އެވަގުތު އޭނާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެމީހުންވަނީ އަރުވިން އުޅޭ ފުލެޓަށްކަން ޔަޤީންވުމުން އާއިންއަށް އިޒްޔަންއާ ދިމާ ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
" އެމީހުން ކީއްވެބާ އެފްލެޓަށް އެދިޔައީ؟…" އިޒްޔަންވެސް ކުރީ އާއިންގެ ހިތުގައި އޮތް ސުވާލެވެ.

އެސުވާލުގެ ޖަވާބު އޭނާ ބޭނުމެވެ. އެފްލެޓާއި ގާތަށްދާން ބޭނުން ނޫންނަމަވެސް އާއިންއަށް އެސުވާލުގެ ޖަވާބު ހޯދެން އަންނަނީ އެހިސާބަށް ގޮސްގެންނެވެ. އަރްވިންއާ ފަރަހަނާޒްއާ ގުޅުމެއް ނެތްކަން ޔަޤީންކުރަން އޭނާ ބޭނުމެނެވެ.

ފްލެޓްގެ ތިންވަނަ ފަންގިފިލައަށް އަރާފައި ބެލްޖަހާލުމާއި އެކުހެން ދޮރު ހުޅުވައިފިއެވެ. ހީވަނީ އެމީހުންގެ އިންތިޒާރުގައި މީހަކު ފާރަޔަށް ހުރިހެންނެވެ.

" އަވަހަށް ވަދޭ!…" ދޮރުމަތީގައިހުރި އަރްވިން ފުޅާ ހިނިތުންވުމަކާއި އެކު ތޫބާމެންނަށް ދައުވަތުދިނެވެ.
އަރްވިން ފެނުމާއެކު ހައިރާންވެގެން ފަހަރަނާޒަށް ބަލާލެވުނީ ތޫބާގެ މޫނަށެވެ.

" އާދޭ..ފަހުން ކިޔައިދޭނަން" އެބެލުމުގެ މާނަ ވިސްނިގެން އަވަސް އަވަހަށް ތޫބާ ސިއްރު ސިއްރުން ބުންޏެވެ.
" އައްސަލާމު އަލައިކުމް" އަރްވިންގެ މަންމަ ފެނުމާއެކު ތޫބާ އަދަބުވެރިކަމާއެކު ސަލާމްކޮށްލިއެވެ.

" ވައަލައިކުމް ސަލާމް…އަވަހަށް އާދޭ ދަރިފުޅާ….ކިހާ ދުވަހެއް ވެއްޖެ ދަރިފުޅު މިގެޔަށް ގެނެސްބަލާށޭ އަރްވިންގާތު ކިޔާތާ…" ސަލާމް ބަލައިގަންނަމުން ޝަކުވާގެ ރާގެއްގައި އަރްވިންގެ މަންމަ އާމިލާ ބުންޏެވެ.

" ހޫމް ދެން މަންމަ އަހަރެން ކުށްވެރިކުރޭ….މަންމައަށް އެނގޭތަ މަންމަގެ ވާންއުޅޭ ޅީދަރިއަކީ ކިޔާ ބޯހަރު ކުއްޖެއްކަން…ސަލާންޖާހާ މީހަކުފަދައިން ތިންދުވަސްވާންދެން އާދޭސްކުރިފަހުން އާނއެކޭ ބުނީ…." އަރްވިން ވަގުތުގެ ބޭނުން ހިފައި އޭނާގެ ކުށެއްނެތްކަން ސާބިތުކުރިއެވެ. ތޫބާއިނީ ލަދުން ބުނާނެ އެއްޗެއް ނޭނގިފައެވެ.

" މީ ކޮންކުއްޖެއް؟…" ފަރަހަނާޒްއާ މުޚާތަބުކޮށް އަމީލާ އެހިއެވެ.

" މީ ފަރަހަނާޒް…އަޅުގަނޑުގެ ރައްޓެއްސެއް…މިހާރު އަޅުގަނޑާއެކު އެޕާރޓްމެންޓްގަ އުޅެނީ…" ތޫބާ އޮޅުން ފިލުވައިދިނެވެ.

" ކުރިންވެސް ދިމާވިޔޭދޯ އަހަރެމެން….ތޫ ނުބުނޭދޯ އަހަރެންމީ ކާކުކަމެއް…" އަރްވިން އަހާލިއެވެ.

އެވަގުތު ފަރަހަނާޒް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެދުވަހު ރެސްޓޯރެންޓް ތެރެއިން އަރްވިން ފެނުމުންވެސް ތޫބާ އޭނާ ދަންނަކަމަށްވެސް ނުހެދިވިއްޔާއެވެ. އެހެންކަމުން ކުއްލިއަކަށް ފަރަހަނާޒް ގޮވައިގެން އަރްވިންގެ ގެޔަށް އައުމުން އޭނާއިނީ ވިސްނަންވީ އެއްޗެއްވެސް ނޭނގިފައެވެ.

އާއިން މަގުމަތީގައި ހުންނަތާ އެތައްއިރެއްފަހުން އަރްވިން ބެލްކަންޏަށް ނުކުތެވެ. އޭނާއާއި އެކުގައި ބެލްކަންޏަށް ނުކުތް އަންހެންކުއްޖާ ހުއްޓިލީ އާއިންއާއި ފުރަގަސްދީގެން ކަމުން އެއީ ފަރަހަނާޒްކަމެއް ނުވަތު ތޫބާކަމެއް އާއިން އަކަށް ޔަގީނެއްނުވިއެވެ.
" އެއީ ނާޒްހެނެއް މަށަކަށް ހިޔެއްނުވޭ…" އިޒްޔަން އެދިމާބަލަންހުރެ ބުނެލިއެވެ.

" މަށަކަށްވެސް ހިޔެއްނުވޭ…އެވާނީ ތޫބާކަމަށް" އާއިން އަވަސް އަވަހަށް އެހެންބުނެލީ އެއީ އޭނާ ބޭނުންވާ ގޮތްކަމަށް ވާތީއެވެ.
" ނޫނޭ…އެއީހަމަ ނާޒް….ދެންމެ އޭނަ އެނބުރިލިޔޭ…." ކުއްލިއަށް އާއިން ތަޅުވާލަން އިޒްޔަންގެ ހިތަށްއެރިއެވެ.
" ހަމަޔަގީންތަ؟…" އާއިން އަވަސް އަވަހަށް އަހާލިގޮތުން އިޒްޔަންއަށް މަޖާވިއެވެ. އެހެންކަމުން އަދިވެސް ބޮޑަށް އާއިން ތަޅުވާލަން އޭނާ ބޭނުންވިއެވެ.

" އާނއެކޭ…ދެން އިތުރަށް ޔަޤީންކުރަން ބޭނުމިއްޔާ…އާން ޖެހޭނީ އެގެއަށްދާން…" އިޒްޔަން އެހެންބުނީ ކޮންމެގޮތެއްވިޔަސް އާއިން އެގެޔަށް ނުދާނެކަން އެނގޭތީއެވެ.

ތޫބާއާއި އަރްވިން އެތައްއިރެއްވާންދެން ބެލްކަނީގައި ވާހަކަދައްކަން ތިބުމަށްފަހު އެތެރެއަށް ވަތްއިރު، އަމީލާ އާއި ފަރަހަނާޒްވެސް ވަރަށް އޮލަވާހަކައެއްގައި ތިއްބެވެ.

" މަންމައަށް އާރައްޓެއްސަކު ލިބުނީދޯ…" ހިނިތުންވެލަމުން އަރްވިން ބުނެލިއެވެ.

" އާނ….މަންމަ މިކިޔަނީ ފަރަހަވެސް ދެން މިގެޔަށް ގިނަގިނައިން އަންނަންވާނޭ…" އަމީލާވެސް ހިނިތުންވެލާފައި ބުންޏެވެ.

" ދެން ތިޖެހުނީ އެހެންގޮތަކަށް ވިސްނަން….ނާޒްވެސް މަންމަގެ ޅީދަރިއަކަށް ހަދަންވީނު…" އަރްވިންގެ ލާނެއްކަމުން އަމީލާގެ ގާތަށް ހިނިއައިނަމަވެސް ފަރަހަނާޒް ލަދުގަތެވެ. އެވަގުތު ތޫބާ އަރްވިންއަށް ލޯއަޅާލިއެވެ.

" އޯހ ސޮރީ…މަމިބުނީ މަގޭ ވާހަކައެއްނޫނޭ….މަންމަގެ ހަގުދަރީގެ ވާހަކަ….އެހެންނޫނަސް މަށަށް މިކަހަލަ ބޯހަރު އެކަކު ފުދޭނެ.." ތޫބާގެ ބޮލުގައި އިނގިޖައްސާލަމުން އަރްވިން ބުނެލިއެވެ. ނަމަވެސް އަމީލާގެ މޫނަށް އެވަގުތު ވެރިވި މާޔޫސްކަން ފެނިފައި އަރްވިން މިބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން ވިސްނުނެވެ. އޭނާގެ ކޮއްކޮއެއް ދުނިޔޭގައި ހުރިނަމަވެސް، އުފަލާއެކު އެކަން ފާހަގަކުރެވޭކަށް އޭނާއަކަށް ނެތެވެ. އެހެންކަމުން އޭނާ އިތުރަކަށް އެވާހަކައެއް ނުދައްކައެވެ.

ތޫބާމެން އެގެއިން ނުކުމެގެން ދިޔައިރު، މަގުގެ އަނެއްފަރާތުގައިހުރި ހިޔާދޭ ގަހެއްގެ ދަށުގައި ސައިކަލުމަތީގައި އާއިން އިނެވެ. ކުޑައިރުކޮޅެއް ކުރިން އިޒްޔަންއަށް ފޯނެއް އައުމުން އޭނާދިޔައީއެވެ. ތޫބާމެން ހެމުން ވާހަކަދައްކަމުން ދިޔައިރު އެންމެ ފަހަރަކުވެސް އާއިން އިންދިމާއަށް ބަލާވެސް ނުލައެވެ. ދެކުދިންގެ ހަރަކާތްތައް ހުރިގޮތުން ހީވަނީ ވަރަށް އުފާވެފައި ތިބިހެންނެވެ.
އާއިންއަށް ބޭއިޚުތިޔާރުގައި އަރްވިންގެ ގޭގެ ބެލްކަންޏަށް ބަލާލެވުނެވެ. އެވަގުތު ފެނުނު މަންޒަރުން އާއިންއަށް އިރުކޮޅެއްވާންދެން އެދިމާ ބަލަންހުރެވުނެވެ. އަރްވިންއާއި އޭނާގެ މަންމަ ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަންތިބިއިރު، އެމީހުން ބަލަމުން ދިޔައީ ތޫބާމެންނާ ދިމާއެވެ. އާއިން އަވަސް އަވަހަށް ގަހުގެ ނިވަލަށް ޖެހިލީ އެމީހުނަށް އޭނާ ފެނިދާނޭ ހީވުމުންނެވެ. އަރްވިން އުފާވެފައި ހުރެގެން އޭނާގެ މަންމައާއި ސަމާސާކޮށް ވާހަކަ ދައްކާ މަންޒަރު ފެނުމުން އާއިންގެ ހިތުގައި ރިއްސާލިއެވެ. އޭނާ އަވިއައިނު ރަނގަޅުކޮށްލަމުން ސައިކަލު ސްޓާރޓްކޮށްލީ އިތުރަށް އެތާހުންނަން ބޭނުން ނުވާތީއެވެ.

ބާރު ދުވެލީގައި މާލެދިއުމަށްޓަކައި މިސްރާބުޖެހިއިރު، ރުޅިއާއި ހިތާމައިގެ ސަބަބުން އޭނާގެ އެތެރެހަށީގައި ހޫނެއްވަނީ އުފެދިފައެވެ. މިއަދު އޭނާއަށް އެފެނުނީ އޭނާ ދެކެންބޭނުންވީ މަންޒަރެއް ނޫނެވެ. އިޒްޔަންބުނީ ތެދެއްކަމުގައި ވާނަމަ ފަރަހަނާޒްއާއި އަރްވިންގެ މެދުގައި ގުޅުމެއް އެބައޮތެވެ. ނަމަވެސް އެހާއަވަހަށް އެދެމެދުގައި ގުޅުމެއް އުފެދުނީވެސް ކިހިނެއް ހެއްޔެވެ؟ އެހާފަސޭހައިން ފަރަހަނާޒް ފިރިހެނަކާ ގުޅުމެއް އުފައްދަފާނެ ހެއްޔެވެ؟ ނޫނެކެވެ. އޭނާއަކަށް އެކަން ގަބޫލެއް ނުކުރެވެ. ނަމަވެސް ގަބޫލު ނުކުރެވެންވީ ސަބަބެއްވެސް ނެތެވެ. އަރްވިންއަކީ ޒުވާން، ރީތި، މުއްސަނދި މީހެކެވެ. އަންހެންކުދިންގެ ހިތްކިޔާނެފަދަ ހުރިހާގޮތެއް އަރްވިންގެ ކިބައިގައި ހުރެއެވެ. އޭނާގެ މައްޗަށް އަންހެން ކުއްޖަކު ލެނބޭކަން މާގިނަ ވަގުތެއް ނުނަގާނެކަން އާއިންއަށްވެސް ގަބޫލު ކުރެވެއެވެ. ފަރަހަނާޒްއަކީވެސް ޒުވާންކަމުގެ ކުރިބޯށީގައިހުރި ޅަނދޮޅު އަންހެން ކުއްޖެކެވެ. އެއަންހެން ކުއްޖާގެ ނާޒްކް ހިތްވެސް އަރްވިންފަދަ މީހަކަށް އެދޭނެއެވެ.

އާއިން ގެޔަށް އައިސް ވަތް ވަގުތު މީހަކާ މުޑިއެރިއެވެ. އޭނާގެ ގައިގާ ޖެހިފައި ވެއްޓެންދިޔަ މީހާގެ އަތުގައި އޭނާއަށް ހިފަހައްޓާލެވުނެވެ. ނަމަވެސް ހަމަ އެސިކުންތުގައި އޭނާ އެމީހާގެ އަތުން ދޫކޮށްލީ އެއީ ކާކުކަން އެނގުމުންނެވެ.
" ދަރިފުޅާ….ކާންވީނު…" އާއިން ކޮޓަރިއާ ދިމާއަށް ހިނގައިގަތުމުން ޒާހިދާ ލޯތްބާއެކު ބުނެލިއެވެ.

ނަމަވެސް އާއިން ޖަވާބުނުދިން ތާނގައި ބަލާލުމެއްވެސް ނެތި އެދިޔަގޮތަށް ގޮސް ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ. ޒާހިދާ އޭނާއަށް ދަރިފުޅާއޭ ގޮވާލާ ކޮންމެފަހަރަކު އޭނާ ރުޅިގަދަވެއެވެ. ޒާހިދާ ކިތަންމެ ވަރަކަށް ދަރިފުޅާއޭ ގޮވިނަމަވެސް ދުވަހަކުވެސް އެއީ އޭނާގެ މަންމައަކަށް ނުވާނެއެވެ. އެއީ ދޮންމަންމައެވެ. ވީއިރު، މާލޯބިވާކަމަށް ހެދުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އާއިން އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އޭރުވެސް އޭނާގެ ލޯމައްޗަށް ސިފަވަމުންދިޔައި އަރްވިންއެވެ.

އޭނާ ކުއްލިއަކަށް އެނދުން ތެދުވެގެން އަލަމާރި ކައިރިއަށް ދިޔައެވެ. އަލަމާރި ހުޅުވާލުމަށްފަހު، އެތެރޭގައިވާ ވަތްގަނޑު ހުޅުވާލާފައި ކުޑަވަރެއްގެ އަލްބަމެއް ނެގިއެވެ. އަދި އެހިފައިގެން އައިސް އެނދުގައި އިށީނެވެ. އޭގައިވާ ފޮޓޯތައް ބަލަމުންގޮސް، އެތަނުން ފޮޓޯއަކަށް އޭނާގެ ނަޒަރުހުއްޓުނެވެ. އެއީ އޭނާ ތުއްތުއިރު، މަންމަ އޭނާ އުރައިގެން ނަގާފައިވާ ފޮޓޯއެކެވެ. ކުޑަކުޑަ އާއިންގެ ކޮލުގައި މަންމަ ބޮސްދެނިކޮށް ނަގާފައިވާ އެފޮޓޯގައި މަންމަހުރީ ނުހަނު އުފަލުންނެވެ. މަންމަ އޭނާދެކެ ވާލޯބި ހަމައެކަނި އެފޮޓޯއިންވެސް ހާމަވެއެވެ. އެކަހަލަ ކިތަންމެ ފޮޓޯއެއް އެއަލްބަމުގައި ވެއެވެ. ފޮޓޯތައް ބަލަމުން ދިޔަވަރަކަށް އޭނާގެ ލޯ ފެންކަޅިވަމުން، ފޮޓޯތައް ފުސްވަމުން ދިޔައެވެ. އާއިން އަލްބަމް ލައްޕާލުމަށްފަހު އެނދުގައި ހުރަހަށް އޮށޯތެވެ. އޭނާ ދެލޯމަރާލި ވަގުތު ކަރުނަތައް ފޫދިގެން އޭނާގެ ކޯތާފަތްމައްޗަށް އޮހިގަތެވެ.
****
" ކީއްވެތަ ކުރިން ނުބުނީ އެއީ ކާކުކަން؟.." ގެޔަށް އައުމާއެކު ފަރަހަނާޒް ޝަކުވާކޮށްލިއެވެ.

" ހަމަ ބުނާނަމޭ ހިތާހުރި….އެކަމު ރަނގަޅު ވަގުތަކުން ބުނަންވެގެން މަޑުކޮށްލީ…" ހަމަޖެހިލާފައި ތޫބާ ޖަވާބުދިނެވެ.

" އެނގޭތަ ދޮރުހުޅުވާލި ގަޑީގަ އޭނާ ފެނުނީމަ ހިތަށްއެރި އެއްޗެއް…ތޫ އެހާ އަވަހަށް ރެސްޓޯރެންޓުން ފެނުން މީހާއާ ރައްޓެހިވީބާއޭ….އެކަމު ތިބުނީ މިހާރު އެންގޭޖްވީތާވެސް އަހަރެއް ވެއްޖެއޭ…" ފަރަހަނާޒް ހައިރާންވެފައި ބުނެލިއެވެ.

" ހޫމް…އެނގޭތަ…އެއީ އަހަރެންގެ ދޮންބެގެ ބެސްޓް ފްރެންޑޭ….ކިޔަވަން އުޅުނުއިރުގެ ރަހުމަތްތެރީން އެއީ….އަހަރެން ބުނީމެއްނު ދެފިހާރަ ވާހަކަ….އަސްލު އެއީ ބޭބެގެ އެކަނި ހިއްސާވާ ތަންތަނެއްނޫން….އަރްވިންއާ ދޮންބެއާ ދެމީހުންގެ ތަނެއް…އަރްވިން މަންމަގެ މުސްކުޅިގެއިން ލިބުނު ތަންކޮޅުގަ ފިހާރަ ހަދާފަ އެހުރީ….އެމީހުނަށް މިކޮޅުން ފްލެޓް ލިބުނީމަ ބަދަލުވީ…ކުރިން އަހަރެމެންވެސް އުޅުނީ އެއިމާރާތުގެ އެޕާރްޓްމެންޓެއްގަ…އެތާގެ ވެރިން އެތަނަށް އަންނަން ބޭނުންވީމަ އެތަން ދޫކޮށްލަން ޖެހިގެން މިތަންހިފީ…" ތޫބާ ވަރަށް ތަފްސީލުކޮށް އޮޅުންފިލުވައިދިނެވެ.

" އެތާ އުޅެމުންތަ ދެމީހުން ލޯބިވީ…" ކުއްލިއަކަށް ފަރަހަނާޒް އަހާލީ ތޫބާ ހީވެސް ނުކުރާ ކަހަލަ ސުވާލެކެވެ.

" ލޯބިވުމާ ރައްޓެހިވުމަކީ އަހަރެން ގަޔާވާ ކަންކަމެއްނޫން….އަރްވިންއަށްވެސް ވަރަށް ރަނގަޅަށް އެކަން އެނގޭނެ….އެހެންވެ އޭނާ ފުރަތަމަވެސް ބޭބެގާތު އެވާހަކަ ދެއްކީ….ބޭބެ އަހަރެންގާތުގަ އެވާހަކަ ދެއްކީމަ އަހަރެންބުނީ ކިޔަވާ ނިމުނީމަ ނޫނީ ކައިވެންޏެއް ކުރާކަށް ގަސްތެއް ނުކުރަމޭ….އެހެންވެ އަރްވިން ބޭނުންވީ އެންގޭޖްވާން…" ތޫބާ ކިޔައިދިނެވެ.

" އަހަރެންވެސް ހިތަށްއަރާ ތޫފަދަ ނަސީބެއް ލިބޭނެނަމައޭ….އަހަރެންވެސް ބޭނުމީ ސާފުތޯހިރު ލޯތްބެއް…" ވަރަށް ގަޔާވެގެން ތޫބާގެ ވާހަކަތައް އަޑުއަހަން އިނދެފައި ފަރަހަނާޒް ބުންޏެވެ.

" އަދި ލިބޭނެ…ކެތްކޮށްލާ!…އެކަމަށް އެދި ދުޢާކުރޭ!….ކިހާބޮޑު ކަމަކުން މިހާރުވެސް ތިހުރީ ސަލާމަތްވެފަ….ބުނީމެއްނު ފާޑެއްގެ މީހެއްގެ ވާހަކަ….އެމީހާ އަދިވެސް ގުޅާތަ؟.." ކުއްލިއަކަށް އެއްޗެއް ހަނދާންވާފަދައަކުން ތޫބާ އަހާލިއެވެ.
" އާނ….ކުރިން ދުވަހަކުވެސް ގުޅި…ބައްޕަގެ ފޯނު ހަލާކުވެފަ އޮތީމަ ކަންނޭނގެ ބައްޕައަށްވެސް އޭނައަށް ނުގުޅުނީ….ސްމާރޓް ފޯނެއް ނޫންވީމަ، އަހަރެންގެ ފޯނުން ނަމްބަރު ބްލޮކެއްވެސް ނުކުރެވޭ ވިއްޔަ…އެހެންނޫންނަމަތާ ބްލޮކްވެސް ކުރާނީ…" ހިތްހަމަ ނުޖެހިފައި ފަރަހަނާޒް ބުނެލިއެވެ.

" ކީއްވެތަ ކުރިން ތިހެން ނުބުނީ…..އަހަރެން އަތުގަ އޮންނާނެ ކުރިން ދޮންބެދައްތަ ބޭނުންކުރި ސްމާރޓްފޯނެއް…އެފޯނު ނާޒް ބޭނުންކޮށްފަ ބައްޕައަށްދީބަލަ ތިފޯނު…އެހެންނޫނީ ބަހަނާއެއް ދައްކާފަ ސިމްވެސް ބަދަލުކުރެވިދާނެއްނު….ބައްޕަގާތުބުނޭ ދިރާގު މާއަގުބޮޑުވީމަ އުރީދޫއަށް ބަދަލުކުރަނީއޭ….މައްސަލަ ހައްލުވީ…" ތޫބާ ޚިޔާލުދިނެވެ. ފަހަރަނާޒަށްވެސް އެޚިޔާލު ކަމުދިޔައެވެ. އޭނާ އެގޮތަށް ކަންތައް ކުރަން އެއްބަސްވިއެވެ.
*****
އާދުވަހެކެވެ. އާ ކަންތައް ތަކަކައިގެން ދުނިޔެ ކުރިމަތި ލައިފިއެވެ. ނަމަވެސް އާއިންގެ ދިރިއުޅުމުގައި އެއްވެސް ތަފާތުކަމެއްނެތެވެ. އަބަދުމެ ތަކުރާރުވަނީ އެއްކަންތައް ތަކެކެވެ. ދުރުދުރުން ފަރަހަނާޒްގެ ސޫރަދެކިލައިގެން އޭނާ ހިތްހަމަ ޖައްސާލައެވެ. އެސޫރަ ލޮލުން ދެކިލުމަށްޓަކައި ކިހާ ވަގުތެއް އޭނާ ބޭކާރު ކުރޭހެއްޔެވެ؟ ކިތަންމެ ފަހަރަކު އެކުއްޖާއާއި ވާހަކަދައްކަންވެސް ހިތްއެދުނެވެ. ނަމަވެސް އެހައި ހިތްވަރެއް އޭނާއަކަށް ނުލިބެއެވެ. އޭނާގެ ހިތްފަހެ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ދުރުދުރުން އެކުއްޖާއަށް ބަލަންހުރުން ހެއްޔެވެ؟

އާދައިގެމަތިން ކޮފީޝޮޕްގެ މޭޒެއް ކައިރީގައި އޭނާއިނީ ފަރަހަނާޒް ފެންނާނެކަމުގެ އިންތިޒާރުގައެވެ. ނަމަވެސް މިއަދު ފަހަރަނާޒްގެ ޚަބަރެއް ނުވިއެވެ. އެތައްއިރަކު އޭނާ އިންތިޒާރުކުރިއެވެ. ނަމަވެސް ފަރަހަނާޒެއް ނައެވެ. އެހެންކަމުން އޭނާ މާޔޫސްވާގޮތްވިއެވެ. ފަހަރަނާޒްގެ ކުލާސްނިމޭހައި އިރުކޮށްފައި އޭނާ ޔުނިވާސިޓީ ކައިރިއަށްވެސް ދިޔައެވެ. އުޑުމަތިބަނަވެ ވިއްސާރަވުމުގެ އަލާމާތްތައް ފެންނާތީ، މިއަދު އޭނާ އޮފީހަށް އައީވެސް ކާރުގައެވެ. އެހެންކަމުން ސައިކަލުގައި އުޅޭހައި ފަސޭހަކަމާއެކީ މަގުތަކުގައެއް ނޫޅެވެއެވެ.
އޭނާ އެތައްފަހަރަކު އެމަގުން ދުއްވިފަހުން ފަރަހަނާޒް ޔުނިވާސިޓީން ނުކުތް މަންޒަރު ފެނުނެވެ. އޭރު ހިމަފޮދުވާރޭ ވެހެމުންދާތީ، ކުދިންގެ ހަރަކާތްތައްވަނީ އަވަސްވެފައެވެ. ފަހަރަނާޒް ޓެކްސީއަކަށް ގުޅުމަށް މަސައްކަތްކޮށް ގުޅޭގޮތް ނުވުމުން، މަގުމަތިން ޓެކްސީއެއް ނެގުމަށް ގަސްތުކުރިއެވެ. އެހިސާބުގައި ހުރެގެން ޓެކްސީއެއް ހޯދުމަކީ އުނދަގޫކަމަކަށްވުމުން އޭނާ މަޖީދީމަގަށް މިސްރާބުޖެހިއެވެ. މިއަދު ތޫބާ ބަލިވެ ނާންނާތީ އޭނާހުރި އެކަނިދާންވެސް ޖެހިލުންވެފައެވެ. އޭނާގެ ފަސްފަހަތުން އާއިން ގޮސްގޮސް ހުއްޓައި އޭނާ ވަންވޭއަކަށް އެޅުމުން އާއިންއަށް ޖެހުނީ އެހެންގޯޅިއަކުން ދާށެވެ. އާއިން މަޖީދީމަގަށް މިސްރާބުޖެހިއެވެ.

މަގުމަތީގެ ބާރުބޮޑުކަމުން އެއީ މާފަސޭހަ ކަމަކަށްނުވިއެވެ. އޭނާއަށް މަޖީދީމަގަށް ނުކުމެވުނުއިރު ފަރަހަނާޒް ލޯމަތިން ގެއްލިއްޖެއެވެ. އޭނާ މަގުހުރިގޮތަށް ދަނިކޮށް ހަނިގޯޅިއެއްގެ ތެރެއިން ފަހަރަނާޒް ނުކުތެވެ. ވާރޭދިޔައީ ހިނދެއް ހިނދަކަށް ބޯކުރަމުންނެވެ. ފަރަހަނާޒް ޓެކްސީއެއް ލިބޭތޯ ކުރިމަސައްކަތް ނާކާމިޔާބު ވުމުން އަނެއްކާވެސް ކުރިޔަށް ހިނގައިގަތެވެ. ތެމިފޯވަމުން ދިޔަ ފަރަހަނާޒްގެ ފަހަތުން ކަހަލަ ގޮތަކަށް ބިދޭސީގުރޫޕެއް ހިނގަމުން ދިޔައެވެ. އެމީހުންގެ ހަރަކާތްތައްހުރި ގޮތް އާއިންއަކަށް ކަމަކުނުދިޔައެވެ. އެހެންކަމުން ކޮންމެގޮތެއް ވިޔަސް ހެޔޮކަމަށް ފަހަރަނާޒްގާތަށް ދިޔުމަށް އޭނާ މިސްރާބު ޖެހިއެވެ. ނަމަވެސް އޭނާގެ ކުރީގައި އޮތްކާރު ކުއްލިއަކަށް ފަރަހަނާޒްއާ ކައިރިކުރިއެވެ. ކާރުގެ ބަރުގޮނުގެ އަޑަށް ފަހަރަނާޒް ބަލާލިއެވެ.

" ނާޒް…އާދޭ އަރަން….ތިޔޮއް ތެމެނީނު…" އެވަގުތު ކާރުގެ ބިއްލޫރި ތިރިކޮށްލާފައި އަރްވިން ގޮވާލިއެވެ.

" ތެދެއް…އަވަހަށް އާދޭ…" އަރްވިންގެ ގާތުގައި އިން އޭނާގެ މަންމަވެސް ފަރަހަނާޒަށް ގޮވާލިއެވެ. ފަހަރަނާޒް ޖެހިލުންވެހުރެގޮސް ކާރަށްއެރިއެވެ. އަރްވިން އެކަނިނޫންކަން ނަސީބޭ އޭނާގެ ހިތަށްއެރިއެވެ. ކާރުދުއްވާލުމާއެކީ، އާއިންވެސް އެކާރުގެ ފަހަތުން ދިޔައެވެ. އެއީ ޓެކްސީއެއްނޫންކަން އެނގުމުން އާއިން ރަނގަޅަށް ބަލާލިއެވެ. އެވަގުތު އެއީ އަރްވިންގެ ކާރުކަން އެނގި، ފަހަރަނާޒް އެއަށް އެރުމުން އާއިން ރުޅިގަދަވިއެވެ.

ވެހެމުންދާ ބޯވާރޭގެ ތެރެއިން ބްރިޖްމަތީގައި ދުއްވަމުންދިޔަ އުޅަނދުތައް ހަލުވިކަމާއެކު އެތަކެތީގެ މަންޒިލްތަކަށް ދަތުރުކުރަމުން ދިޔައެވެ. އާއިންވެސް ހިތްނުތަނަވަސްވެފައިވާ ހާލު އަރްވިންގެ ފަހަތުން ދިޔައެވެ. ދުރުރާސްތާއެއް ކަޑަތުކުރުމަށްފަހު ހުޅުމާލެއަށް ދެވިއްޖެއެވެ. އަރްވިން އެދިޔަގޮތަށް ގޮސް އޭނާގެ ކާރުމަޑުކޮށްލީ ތޫބާމެންގެ ފްލެޓް ދޮރުމައްޗަށެވެ. ފަރަހަނާޒް ޝުކުރު އަދާކޮށްފައި ކާރުންފޭބިއެވެ. އެވަގުތު އަމީލާ އަތްހޫރާލުމުން ފަހަރަނާޒްވެސް އަތްހޫރާލާފައި ހިނިތުންވެލިއެވެ. އެމަންޒަރުބަލަންއިން އާއިންގެ ރުޅި އިތުރަށް ގަދަވިއެވެ. އޭނާހީކުރީ ފަރަހަނާޒް އަތްހޫރާލީ އަރްވިންއަށް ކަމުގައެވެ. އޭނާއަކަށް އަމީލާ ކާރުގައި އިންކަމެއް ނޭނގެއެވެ.
މިފެނުނު މަންޒަރުން މިހާރު އެދެމެދުގައި ގުޅުމެއްއޮތްކަމަށް އޭނާގެ ހިތްވެސް ބުނަން ފަށައިފިއެވެ. އާއިންގެ ކާރުފަސްދީ އަރްވިން ދިއުމުން އާއިންއަށް ދަތްކުނޑި ވިކާލެވުނެވެ. އަރްވިންގެ ފަހަތުން ގޮސް އޭނާގެ ގައިގާ ބޮނޑިއެއް އަޅަފާނަމޭވެސް އޭނާގެ ހިތަށްއެރިއެވެ. މިހާރު ކަންތައް މިދަނީ ދެން މާމައްޗަށެވެ. ދެން އޭނާއަކަށް އިތުރަކަށް ކެތެއްނުވާނެއެވެ. އިމާދަށްވުރެވެސް އަރްވިންގެ ނުރައްކާ އޭނާއަށް ބޮޑުވެއްޖެއެވެ.

ނުނިމޭ