ސަނީ ޑިއޯލް ކާމިޔާބް ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގާޔަލް" ގެ ސީކްއެލް "ގާޔަލް ރިޓާންސް" އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރިލީޒް ކުރާނެ ކަމަށް ސަނީ ބުނެފި އެވެ.
އޭނާ ބުނީ ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް ނިންމައި، ފިލްމްގެ ޑައިލޮގް ލިޔެމުގެ މަސައްކަތް މިހާރު ކުރިއަަށްދާ ކަމަށެވެ. ސަނީ އާއި މީނާކްޝީ ޝެޝަދާރު ލީޑް ރޯލް ކުޅުނު "ގާޔަލް" ޑައިރެކްޓް ކުރީ ރާޖް ކުމާރު ސަންތޯޝީ ކަމަށް ވިޔަސް ސީކްއެލް ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ސަނީ ބޮލީވުޑަށް ތައާރަފްވި ފިލްމް "ބޭތާބް" ގެ ޑައިރެކްޓަރު ރާހުލް ރަވައިލް އެވެ.
އެހެން ނަމަވެސް މި ފިލްމްގެ ބަތަލާ އާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ދަައްކާފައެއް ނުވެ އެވެ. އެހެންވެ ސީކްއެލްގެ ބަތަލާގެ ބައި ކުޅޭނެ ތަރިއަކާ މެދު އަދި އޮތީ ސުވާލް މާކްތަކެކެވެ.
ސަނީ ބުނީ "ގާޔަލް ރިޓާންސް" އަކީ ކުރީގެ ފިލްމާ ގުޅުވައިގެން ގެނެސްދޭ ފިލްމެއް ކަމަށްވުމާ އެކު، ސީކްްްއެލް ފެށޭނީ ކުރީގެ ފިލްމް ނިމޭ ހިސާބުން ކަމަށެވެ. އެގޮތުން އެ ފިލްމް ނިމޭ އިރު ސަނީގެ ކެރެކްޓާ ހުންނަނީ ޖަލުގަ އެވެ. އެހެންވެ "ގާޔަލް ރިޓާންސް" ގައި ކިޔައި ދޭނީ އޭނާ ޖަލުން ނިކުތުމަށް ފަހު، ދެން ކުރިމަތިވާ ކަންތައްތަކެވެ.
ސަނީގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޔަމްލާ ޕަގްލާ ދީވާނާ 2"، "އައި ލަވް ނިއު ޔެއާ" އަދި "ބެއްޔާޖީ ސުޕަހިޓް" ފަދަ ފިލްމްތައް ހިމެނެ އެވެ.