ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިޔާއަށް މިއަދު ރައީސް ސޯލިހް ފުރާވަޑައިގެންފިއެވެ.
ރައީސްގެ މިދަތުރުފުޅަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިންޑިޔާއިން ވަނީ މިދަތުރުފުޅުގައި ރައީސް ސޯލިހަށް ރަތް ދޫލައިގެ މަރުހަބާއެއް އެރުވިގެން ދާނެ ކަމަށެވެ. އަދި ރިޔާސީ ގަނޑުވަރުގައި އިބޫ ހުންނަވާނީ ޝާހީ އިއްޒަތުގައި ކަމަށް ވެސް އިންޑިޔާއިން ހާމަކޮށްފައިވެއެވެ.
އިންޑިޔާއަށް ފުރާ ވަޑައިގަތުމުގެ ކުރިން ރައީސް ސޯލިހް ވަނީ ގައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިދަތުރުފުޅުން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށް ވެގެންދާނީ ދިވެހި އާއިލާތަކާއި ބައްދަލުކޮށްލަން ފުރުސަތު ލިބުން ކަމަށެވެ.
އަދި ފާއިތުވެދިޔަ އަހަރުތަކުގައި އިންޑިޔާއާ ދިވެހިންނާ ދެމެދު އޮތް ގުޅުމަށް ލިބުނު ހީނަރުކަން ފޫބެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފުރާވަޑައިގަތުމުގެ ކުރިން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ. "މި ދަތުރުގައި، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެޤައުމުގެ ރައީސް ރާމް ނާތު ކޯވިންދާ ބައްދަލުކޮށް، ދެޤައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ. އަދި އިންޑިޔާ ސަރުކާރުގެ އިސް ވެރިންނާވެސް ބައްދަލުކުރުން އޮންނާނެ."
އިންޑިޔާ ވިސާ ލިބުމުގައި ދިވެހިންނަށް ކުރިމަތިވި ދަތިތައް ވަރަށް ބޮޑުތަނުން މިދަތުރުފުޅުގައި ހައްލު ކުރެވިގެން ދާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކުރިން ވިދާޅުވެފައެވެ. މީގެ އިތުރުން، އިންވެސްޓްމެންޓުތަކާއި އެހެނިހެން އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް އިބޫ ވިދާޅުވެފައިވެއެވެ.