ޖަރުމަނު ޗޮކްލެޓް ފެކްޓްރީއެއްގެ ޗޮކްލެޓް ޗެމްބަރެއް ފުރި، ބަންޑުންވެގެން ޗޮކްލެޓު ކޯރެއް މަގުތަކުގައި ދައުރުވާން ފަށައިފިއެވެ.
ހުޅަނގު ޖަރުމަނު ޗޮކްލެޓް ފެކްޓްރީއެއްގައި ހިނގި މިހާދިސާގައި ޗެމްބަރު ފުރި ފެކްޓްރީ ހުރި ބިމުގައިވެސް ޗޮކްލެޓު ދައުރުވިއެވެ. މަގުތަކަށް ޗޮކްލެޓު ދައުރުވެ ކޯރެއްގެ ސިފައިގައި ގޮސް އެންމެ ފަހަކަށް ޖެހުނީ ފަޔާފައިޓަރުންގެ އެހީ ހޯދާށެވެ.
މިދުވަސްވަރަކީ ފިނި މޫސުމަށް ވުމާއެކު ޗޮކްލެޓު ވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަރުވެފައެވެ. ފަޔާފައިޓަރުންނަށް މަގުތައް ސާފުވީ ހަރުވެފައިހުރި ޗޮކްލެޓު ވިރުވައި، އަނެއްބައި ތަޅާ ހަލާކުކޮށްލައިގެނެވެ.
ޗޮކްލެޓް ފެކްޓްރީގެ ވެރިޔާ ބުނެފައިވަނީ ހާދިސާ ހިނގަން މެދުވެރިވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. ނަމަވެސް މިހާރު އެކަން ހައްލު ކުރެވިފައިވާ ކަމަށާއި ފެކްޓްރީގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.