Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ގައިދީންގެ ބޭސްފަރުވާގެ ކަންކަން ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ގައިދީންގެ ބޭސްފަރުވާގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކަމާއި ބެހޭ ފަރާތްތަކާއި ހޯމް މިނިސްޓްރީ އިން މަޝްވަރާކޮށްފި އެވެ.

ހޯމް މިނިސްޓްރީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ގައިދީންގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އިންތިޒާމްތައް އިތުރަށް ހަރުދަނާކޮށް، އެމަރުޙަލާ އަވަސްކުރުމާއި ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އައިޖީއެމްއެޗް ހޮސްޕިޓަލާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ގައިދީންގެ ބޭސްފަރުވާ އާއި ގުޅޭގޮތުން މިއަދު މަޝްވަރާކުރައްވާފައިވާއިރު، ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ އަވަހަށް ދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. އެގޮތުން މޭޑޭ މުޒަހަރާގެ ތެރެއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު ވެސް ޖަލުގައި މަރުވެފައި ވަނީ އޭނާއަށް ބޭސްފަރުވާ ދިނުމުގައި ލަސްތަކެއް ވެގެން ކަމަށް ތުހުމަތުކުރެ އެވެ.

މީގެ އިތުރުން ވެސް ކުރީގެ ސަރުކާރުގައި ޖަލަށް ލާފައި ތިބި ސިޔާސީ ކުށްވެރިން ކަމަށްވާ ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްޙީ ހާލުކޮޅާއި މެދުވެސް ވަރަށް ބޮޑަށް ކުރީގެ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.