Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

މާލޭގައި ތިބި ނުރައްކާތެރި ކޮންސްޓްރަކްޝަން ސައިޓުތައް ކައުންސިލުން ހޯދަނީ

މާލެ ސިޓީ - ފޮޓޯ: ގޫގުލް

އިއްޔެ މާލޭ މަގުމަތިން ހިނގާފައިވަނިކޮށް ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ކުއްޖަކު ޒަޚަމްވުމުން، މާލޭގައި ތިބި އެފަދަ ނުރައްކާތެރި ސައިޓުތައް ހޯދަން ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް ކައުންސިލުން ވަނީ މީހުންނަށް ނުރައްކަލެއް ހުރި ކަމަށް ފެންނަ ސައިޓުތަކުގެ ފޮޓޯއާއި ހުރިތަނުގެ މައުލޫމާތާއި އެތަނެއް ނުރައްކާތެރިކަމަށް ދެކެނީ ކީއްވެތޯ ކުރުކޮށް ބަޔާން ކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.

މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ޑަބްލިއު ކޮންސްޓްރަކްޝަން އިން ހަދަމުން ދިޔަ އިމާރާތަކުން ޕޭވްމެންޓު މައްޗަށް ވެއްޓުނު ސިމެންތި ބަސްތާ ވެއްޓުނީ ހިނގާފައިދިޔަ 9 އަހަރުގެ އަންހެން ކުއްޖެއްގެ ބޮލަށެވެ.

އަންހެން ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު ރައީސް ސޯލިހް ވަނީ އެމައްސަލަ ގާތުން ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައެވެ. އަދި ކޮންސްޓްރަކްޝަން ސައިޓުތަކުން މަސައްކަތް ކުރަމުންދާ ގޮތް ގާތުން ބެލުމަށްވެސް އެންގެވިއެވެ.