އިއްޔެ ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި 9 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވި މައްސަލާގައި، ސައިޓުގައި މަސައްކަތް ކުރަމުން ދިޔަ ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތް ކުރުމުގެ ހުއްދަތައް ކައުންސިލުން ބާތިލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ އެ ކުންފުނިން އެއިމާރާތުގައި މަސައްކަތް ކުރަމުން ގެންދިޔައީ މާކުރިން، މިސްކިތެއް އިމާރާތް ކުރުމަށް ދިން "ނުރައްކާ" ބޯޑެއް ކަމަށާއި މިއިމާރާތަށް "ނުރައްކާ" ބޯޑެއް ހޯދާފައިނުވާ ކަމަށެވެ.
އެހެންކަމުން މިހާދިސާގެ ތަހުގީގު ނިމެންދެން އެ ކުންފުންޏަށް ދީފައިވާ އިމާރާތްކުރުމުގެ ހުރިހާ ހުއްދައެއް ހިފެހެއްޓުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ވާ ޖަހައިގެން އެއްޗެހި އުފުލައި ހެދުން މަނާ ކޮށްފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ހުރިހާ ކޮންސްޓްރަކްޝަން ސައިޓުތައް އަމަލުކުރަނީ ރައްކާތެރިކަން ޔަގީންކުރުމަށް އަޅަން ޖެހޭ ފިޔަވަޅު އަޅައިގެންތޯ ބެލުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ޑަބްލިއު ކޮންސްޓްރަކްޝަނުން ބުނެފައިވަނީ އެކުންފުނިން މަސައްކަތް ކުރީ ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން ކަމަށެވެ. އަދި އަނިޔާވި ކުއްޖާގެ ބޭސްފަރުވާގެ ކަންކަން އެކުންފުނިން ބަލަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.