Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ރައީސް ސޯލިހަށް އިންޑިޔާއިން ހޫނު މަރުހަބާއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އިންޑިޔާ ސަރުކާރުން އެމަނިކުފާނަށް ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފިއެވެ.

އެކާވީސް ބަޑީގެ ސެލއިުޓަކާއެކު އިންޑިޔާ ސަރުކާރުން ރައީސުލް ޖުމުހޫރިއްޔާގެ ދެކަނބަލުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅުން މިރަސްމިއްޔާތުގައި ރައީސް އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ ދެކަނބަލުން ވަނީ މަހާތުމާ ގާނދީގެ މަގްބަރާ، ރާޖްގަޓަށް ވަޑައިގެން އިހްތިރާމް އަދާ ކުރައްވާފައެވެ.

މިދަތުރުފުޅުގައި ރައީސް އިބޫ ވަނީ އިންޑިޔާގެ ނުފޫޒުގަދަ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގައި ކުރެވޭނެ އިންވެސްޓުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި އިންޑިޔާ ވިސާ ލިބުމުގައި މިހާރު ހުރި ދަތިތައް ނައްތާލެއްވުމަށް، ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށް ވެސް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރު ޝާހިދު ވެސް ވަނީ މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.