މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހް ޖަމީލް ޕްރޮފެސަރ ހަސަން އުގެއިލާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުމުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާ އާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ކޮމިއުނިކޭޝަން، ސައެންސް އަދި ޓެކްނޮލޮޖީގެ ދާއިރާގައި ދެ ކަމެއް ހިމެނެއެވެ.
އެއީ، އިޖްތިމާއީ ހަރަކާތްތަކުގައި މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް ކަންކަމުގައި ބައިވެރިވުމަށް ފަސޭހަވާނޭހެން މަދަނީ ޖަމިއްޔާތަކުގެ މައުލޫމާތު އޮންލައިންކޮށް އެއްތަނަކުން ލިބޭ ނިޒާމެއް ގާޢިމް ކުރުމާއި، ބަލިބައްޔާއި ސިއްހީ މައްސަލަތަކާއި، އިޖްތިމާއީ މައްސަލަތަކާއި، އިގްތިސާދީ ކަންކަމާއި، ތިމާވެއްޓާއި، ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދުންތެރިކަން ކުރިއެރުވުމަށް ގައުމީ ތިންކް ޓޭންކްއެއް އުފެއްދުމެވެ.
މިހާތަނަށް މިއިން އެއްވެސް ކަމެއް ނިމިފައިނުވާއިރު ޖަމިއްޔާތަކުގެ މައުލޫމާތު ލިބޭ ނިޒާމް ގާއިމުކުރުމަށް 60 ދުވަސް ދެއްވިއެވެ. އަދި ތިންކް ޓޭންކު އުފެއްދުމަށް 90 ދުވަސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.