Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

އިމާރާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ

ޑަބްލިޔު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުންދާ ސައިޓެއް - ފޮޓޯ: ޑަބްލިޔު ކޮންސްޓްރަކްޝަން

ދިވެހި ރާއްޖޭގައި އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ މުހިއްމު ގަވާއިދުތަކެއް ނަހަދާ، އިމާރާތްކުރުން ހުއްޓުވައިދިނުމަށް އެދި ގާނޫނީ ވަކީލުންގެ ޓީމަކުން ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.

މާލޭގައި ހަރަކާތްތެރިވާ ބައެއް ލޯ ފާމްތަކުގެ އިތުރުން އަމިއްލަ ގާނޫނީ ވަކީލުންތަކެއް ވަނީ އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނެހެދެނީސް، އިމާރާތްކުރުމަށް ކުންފުނިތަކަށް ދޭ ހުއްދަ ނުދިނުމަށް ހައުސިން މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައެވެ.

ވަކީލުންނާ ހަވާލާދީ "އަވަސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މައްސަލަ ހުށައެޅީ އާންމުންގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ. އިއްޔެ ސިމެންތި ބަސްތާއެއް ވެއްޓި، 9 އަހަރުގެ ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު މާލެ ސިޓީ ކައުންްސިލުން ވަނީ އެ އިމާރާތުގެ މަސައްކަތް ކުރަމުންދިޔަ ޑަބްލިއު ކޮންސްޓްރަކްޝަންގެ ހުއްދަތައް ވަގުތީ ގޮތުން ބާތިލުކޮށްފައެވެ.

އިމާރާތް ކުރުމުގެ ގާނޫނުގެ ދަށުން 14 ގަވާއިދެއް ހަދަން ޖެހެއެވެ. ގާނޫނު ހަދާ މަޖިލީހުން އެމަސައްކަތް ކޮށްފައިނުވާއިރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހަދަމުންދާ އިމާރާތްތަކުގެ ސަބަބުން ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވަކީލުން މައްސަލަ ހުށައަޅަމުން ފާހަގަކުރިއެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ރިޒާ ޝްފނީޒް އެންޑް ކޯ، ވިޝާމް އެންޑް ކޯ އަދި ގާނޫނީ ވަކީލް އައިމިނަތް އަރީޖް، ސޮފިއްޔާ ތައުފީގް އަދި ފާތިމަތް ޝަރީފެވެ.