އިއްޔެ ހެނދުނު މާލޭގައި ހަދަމުން ދިޔަ އިމާރާތެއް މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އަނިޔާވި އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ އެ ކުއްޖާ މީގެ އިރުކޮޅެއް ކުރިން ނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ.
ދިވެހި ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝް ޑޮކްޓަރެއްގެ އެ ކުއްޖާ، މަންމަ އާއެކު މާލެ އައިސްފައިވަނީ ޗުއްޓީއެއްގައެވެ. ސިމެންތި ބަސްތާ އެ ކުއްޖާ މަންމައާއެކު ހިނގާފައިދަނިކޮށް ވެއްޓިފައިވަނީ ހަދަމުންދިޔަ އިމާރާތަކަށް ގަވާއިދާ ހިލާފަށް ސިމެންތި އަރުވަމުންދަނިކޮށެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެކުއްޖާގެ އޮޕަރޭޝަނެއް އިއްޔެ ކޮށްފައިވާއިރު ހޮސްޕިޓަލުން ބުނީ ކުއްޖާގެ ހާލު އޭރުވެސް ސީރިއަސް ކަމަށެވެ. އެގޮތުން އެ ހާދިސާގައި އެ ކުއްޖާގެ ދެ ފަޔާއި ކޮނޑު ހުޅަށް އަނިޔާވެފައިވާއިރު ހަށިގަނޑަށް ވެސް ވަނީ ލޭ އެޅިފައެވެ.
އެ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓޭ މަންޒަރު ފެންނަ ވީޑިޔޯއެއް މިހާރު އާއްމުވެފައިވާއިރު، އެ ވީޑިޔޯ އިން ފެންނަ ގޮތުގައި ކުއްލިއަކަށް ބޮލަށް ސިމެންތި ބަސްތާ ވެއްޓުމާއެކު އެ ކުއްޖާ ހަރަކާތް ހުއްޓިފައިވާ މަންޒަރު ފެނެއެވެ.
ސިމެންތި ބަސްތާ ވެއްޓުމާއެކު މުޅި އެ ސަރަހައްދުގައި އެއްކޮށް ސިމެންތި ދުމުން ބޯކޮށްލާފައިވާއިރު އިރުކޮޅެއްފަހުން އެ ސަރަހައްދަށް މީހުން ޖަމާވެ އެ ކުއްޖާ އަށް އެހީތެރިވާ މަންޒަރު ވެސް ވީޑިޔޯ އިން ފެނިގެންދެއެވެ.
މި ހާދިސާއާ ގުޅިގެން މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ރިވިއުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަބާހެހޭ ފަރާތްތަކަށް ވަނީ އަންގަވާފައެވެ. މީގެއިތުރުން މާލޭގައި އިމާރާތްކުރުމަށް ސިޓީ ކައުންސިލުން ދޭ ހުއްދަތައް ވަގުތީ ގޮތުން ވަނީ މަޑުޖައްސާލާފައެވެ.
މީގެއިތުރުން ފުލުހުން ވެސް ވަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައެވެ.