Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު މަރުވެއްޖެ

މިއަދު އަލިފާނުގެ ހާދިސާ ހިނގި މުމްބާއީގެ ހޮސްޕިޓަލް - ފޮޓޯ: އައުޓްލުކް އިންޑިއާ

އިންޑިއާގެ މުމްބާއީގެ އަންދޭރީގެ ހޮސްޕިޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

"ހިންދުސްތާން ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި 47 ބަލިމީހުން ސަލާމަތްކޮށް ކައިރި ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާއިރު، މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި މުމްބާއީގައި ހިންގާ ސަރުކާރު ހޮސްޕިޓަލެއް ކަމަށްވާ އެމްޕްލޮއީސް ސްޓޭޓް އިންޝުއަރެންސް ކޯޕަރޭޝަން (އީއެސްއައިސީ) ގައެވެ. ލެވެލް ތިނެއްގެ ހާދިސާއެއް ގޮތުގައި ފުރަތަމަ މި ހާދިސާ ރިޕޯޓް ކުރެވުނު ނަމަވެސް، ފަޔަރ ޑިޕާޓްމެންޓްގެ އޮފިޝަލުން ވަނީ މިހާރު އެ ހާދިސާގެ ސީރިއަސްކަން ލެވެލް ހަތަރެކަށް އުފުލާފައެވެ.

އަލިފާން ރޯވުމާއެކު ދުންގަނޑު ވަނީ އެ ހޮސްޕިޓަލްގެ ހުރިހާ ފަންގިފިލާއަކަށް ވަރަށް އަވަހަށް ފެތުރިފައެވެ. އޭގެ ސަބަބުން ހޮސްޕިޓަލްގެ ކޮރިޑޯ އާއި ޓެރަސްގައި ގިނަ އަދަދެއްގެ ބަލިމީހުން ތިބީ ތާށިވެފައެވެ.

އެ ހޮސްޕިޓަލާއި ކައިރި އެހެން ހޮސްޕިޓަލްތައް ވެސް މިހާރު އެލާޓަށް ގެނެސްފައިވާއިރު، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ.