Last Updated: June 19, 18:13
Friday, June 19, 2026
މުނިފޫހިފިލުވުން

އަކްޝޭ އާއި ޕަރިނީތީގެ "ކޭސަރީ" އަންނަ އަހަރުގެ މާޗު މަހު

"ބެޓަލް އޮފް ސަރްގަރީ" ނުވަތަ ސަރްގަރީ ހަނގުރާމައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް "ކޭސަރީ"ގެ ޝޫޓިން ނިންމައި، ފިލްމް ރިލީޒްކުރާނެ ތާރީޚު މިއަދު އިއުލާންކޮށްފި އެވެ.

ބޮލީވުޑްގެ ކުޅަދާނަ ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރް އާއި ޕަރިނީތީ ޗޯޕްރާ ލީޑް ރޯލްތަކުން ފެނިގެންދާނެ މި ފިލްމްގެ ޝޫޓިން މިއަދު ނިންމާލާފައިވާއިރު، ފިލްމްގައި ދެ ތަރިން ފެނިގެންދާނެ ލުކް ވެސް ވަނީ ދައްކާލާފައެވެ.

މިއަދު ރިލީޒްކުރި ފޮޓޯއިން ފެންނަ ގޮތުގައި އަކްޝޭ އަދާކުރާނީ ހަނގުރާމައިގައި އިސް ދައުރެއް އަދާކުރާ ހަނގުރާމަވެރިއެއްގެ ރޯލުންނެވެ. އަދި ލަފާކުރެވޭ ގޮތުގައި ޕަރިނީތީ ކުޅޭނީ އަކްޝޭގެ އަނބިމީހާގެ ރޯލެވެ. މި ފިލްމް ރިލީޒް ކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހު އެވެ.

އާންމު ގޮތެއްގައި އަކްޝޭގެ ފިލްމްތައް ރިލީޒްކުރަނީ އިންޑިއާގެ ޖުމްހޫރީ ދުވަސް ނުވަތަ މިނިވަން ދުވަހާއި ދިމާކޮށެވެ. ނަމަވެސް "ކޭސަރީ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ ތެރޭގައެވެ.