2018 ވަނަ އަހަރުގެ މިސް ޔުނިވާސްގެ ތާޖު، މިސް ފިލިޕިންސް ކެޓްރިއޯނާ ގްރޭ ހާސިލްކޮށްފި އެވެ.
ގްރޭ މިސް ޔުނިވާސްގެ ތާޖު ކާމިޔާބުކުރީ މުބާރާތުގައި ޖުމްލަ 93 ޤައުމަކުން ބައިވެރިވި ކޮންޓެސްޓެންޓުންނާއި ވާދަކޮށްގެންނެވެ. ގްރޭ އަކީ މިސް ޔުނިވާސްގެ ތާޖު އުފުލާލި ހަތަރުވަނަ މިސް ފިލިޕިންސް އެވެ.
މިސް ޔުނިވާސްގެ ގްރޭންޑް ފިނާލޭގައި ގްރޭ ލައިގެންހުރީ ރަތް ކުލައިގެ ހެދުމެކެވެ. އެކަމާއި ގުޅޭގޮތުން އޭނާ ބުނީ އޭނާ ކުޑައިރު، ރަތް ކުލައިގެ ހެދުމެއް ލައިގެން މިސް ޔުނިވާސް ކާމިޔާބުކުރާ ހުވަފެނެއް އޭނާގެ މަންމަ ދެކެފައިވާ ކަމަށެވެ.
މިސް ޔުނިވާސް 2018ގެ ފުރަތަމަ ރަނާއަޕް އަކަށް ހޮވުނީ މިސް ސައުތު އެފްރިކާ، ޓެމަރިން ގްރީން އެވެ. އަދި މުބާރާތުގެ ތިންވަނަ އަށް ގޮސްފައި ވަނީ މިސް ވެނެޒުއެލާ، ސްތެފަނީ ގުޓިއެރެޒް އެވެ.
މި އަހަރުގެ މިސް ޔުނިވާސް މުބާރާތަކީ ޓްރާންސްޖެންޑަރ ކޮންޓެސްޓެންޓަކު އެ މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ފިލިޕިންސް އިން މިސް ޔުނިވާސް މުބާރާތް ކާމިޔާބުކޮށްފައި ވަނީ 1969، 1973 އަދި 2015 ވަނަ އަހަރު އެވެ.