އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކައިފް ވެސް ފެނިގެންދާނެ ޝާހް ރުކް ޚާންގެ ކުރިއަށް އޮތް ފިލްމް "ޒީރޯ" ދަނީ އެ ފިލްމްގެ ފުރަތަމަ ޕޯސްޓަރ ރިލީޒްކުރި ދުވަހުން ފެށިގެންވެސް ފޭނުންގެ ސަމާލުކަން ހޯދަމުންނެވެ. އަހަރުގެ އެންމެ އުއްމީދީ ފިލްމްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ޑިސެމްބަރ މަހުގެ 21 ވަނަ ދުވަހު އެވެ.
އާނަންދް އެލް ރާއި ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދައްކުވައިދޭނީ އިސްކޮޅުން ކުރު ބައުއާ ސިންގް (ޝާހް ރުކް)ގެ ދިރިއުޅުމުގެ ވާހަކައެވެ. މި ފިލްމްގެ ޓްރެއިލާ ބަލާލުމުން އެނގިގެންދަނީ ފިލްމް ނިމޭއިރު، ޝާހް ރުކްގެ ކެރެކްޓާ ރޮކެޓެއްގައި ހަނދަށް ދާނެކަމެވެ.
ރިޕޯޓްތައް ބުނާގޮތުން މި ފިލްމްގެ ކްލައިމެކްސް ސީން ޝޫޓްކޮށްފައި ވަނީ އެމެރިކާގަ އެވެ. އަދި ފިލްމްގެ ޝޫޓިން ކުރިއަށްގެންގޮސްފައި ވަނީ 45 ދުވަހުގެ ދިގު ޝެޑިއުލްއެއްގައި އެމެރިކާގެ އެލަބާމާގައި ހުންނަ ނާސާގެ ފެސިލިޓީގައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ޝޫޓިންގައި ނާސާގެ އެތެރެ ބޭނުންކޮށްފައެއް ނުވެއެވެ. ފިލްމްގެ މަންޒަރުތައް ޝޫޓްކުރުމަށް ބޭނުންކުރީ ހަމައެކަނި ނާސާގެ ބައެއް ރޮކެޓް މޮޑެލްތަކާއި ޕްރޮޓޮޓައިޕްތަކެވެ.
"ޒީރޯ" އަކީ ނާސާގައި ޝޫޓްކޮށްފައިވާ ޝާހް ރުކް ޚާންގެ ފުރަތަމަ ފިލްމެއް ނޫނެވެ. މީގެ ކުރިން 2004 ވަނަ އަހަރު ރިލީޒްކުރި ޝާހްގެ ފިލްމް "ސްވާދޭސް"ގެ ބައެއް މަންޒަރުތައް ވެސް ވަނީ ނާސާގައި ޝޫޓްކޮށްފަ އެވެ.