އިންޑިއާގެ މުމްބާއީގެ އަންދޭރީގެ ހޮސްޕިޓަލެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި މަރުވި މީހުންގެ ތެރޭގައި އެންމެ ދެ މަހުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އެ ހާދިސާގައި މިހާތަނަށް 147 މީހުން ސަލާމަތްކޮށްފައިވާއިރު، ފަސް މީހަކު ވަނީ މަރުވެފަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައި މުމްބާއީގައި ހިންގާ ސަރުކާރު ހޮސްޕިޓަލެއް ކަމަށްވާ އެމްޕްލޮއީސް ސްޓޭޓް އިންޝުއަރެންސް ކޯޕަރޭޝަން (އީއެސްއައިސީ) ގައެވެ. ލެވެލް ތިނެއްގެ ހާދިސާއެއް ގޮތުގައި ފުރަތަމަ މި ހާދިސާ ރިޕޯޓް ކުރެވުނު ނަމަވެސް، ފަޔަރ ޑިޕާޓްމެންޓްގެ އޮފިޝަލުން ވަނީ ފަހުން އެ ހާދިސާގެ ސީރިއަސްކަން ލެވެލް ހަތަރެކަށް އުފުލާފައެވެ.
އަލިފާން ރޯވުމާއެކު ދުންގަނޑު ވަނީ އެ ހޮސްޕިޓަލްގެ ހުރިހާ ފަންގިފިލާއަކަށް ވަރަށް އަވަހަށް ފެތުރިފައެވެ. އޭގެ ސަބަބުން ހޮސްޕިޓަލްގެ ކޮރިޑޯ އާއި ޓެރަސްގައި ގިނަ އަދަދެއްގެ ބަލިމީހުން ތިބީ ތާށިވެފައެވެ. ސަލާމަތްކުރެވުނު މީހުން ވަނީ ކައިރި ތިން ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.
އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާއިރު، ހޮސްޕިޓަލްގައި ތާށިވެފައި ތިބި އެންމެން މިހާރު ވަނީ ސަލާމަތްކުރެވިފަ އެވެ.