Last Updated: June 20, 17:58
Friday, June 20, 2025
ޚަބަރު

ނިޔާވި ކުއްޖާގެ އާއިލާއާ މައުމޫން ބައްދަލުކުރައްވައިފި

އިއްޔެ ހެނދުނު މާލޭގައި ހަދަމުން ދިޔަ އިމާރާތެއް މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ނިޔާވި އަންހެން ކުއްޖާގެ އާއިލާއާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމަށްފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަ ކުއްޖާ ނިޔާވި ހަބަރު އެހީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި އެމަނިކުފާނު ވަނީ އެ ކުއްޖާގެ މައިންބަފައިންނާއި އާއިލާ އަށް ތައުޒިޔާ ރައްދުކޮށް ހަމްދަރުދީ ފާޅުކުރައްވާފައެވެ.

ސިމެންތި ބަސްތާ ވެއްޓުނު އިމާރާތުގައި މަސައްކަތްކުރަމުންދިޔައީ ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާއިރު މާލޭ ސިޓީ ކައުންސިލުން ވަނީ ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނީގެ ހުރިހާ ހުއްދައެއް ހިފަހައްޓައި އެކުންފުނީގެ ލައިސަންސް ވެސް ވަގުތީގޮތުން ހިފަހައްޓާފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި ސިމެންތި ބަސްތާ ވެއްޓުނު އިމާރާތުގައި ޑަބްލިއު ކޮންސްޓްރަކްޝަނުން  މަސައްކަތްކުރަމުންދިޔައީ ނަގަންވާ ހުއްދަތައް ނުނަގައި ކަމަށެވެ. ނަމަވެސް ޑަބްލިއު ކޮންސްޓްރަކްޝަނުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުންދިޔައީ ނަގަންޖެހޭ ހުރިހާ ހުއްދަ އަކާއި ބަހައްޓަންޖެހޭ ރައްކާތެރިކަމުގެ ބޯޑުވެސް ބަހައްޓައިގެން. އެހެން ނަމަވެސް މި ހިނގާދިޔަ ހާދިސާއާ މެދު އަޅުގަނޑުމެން ހިތާމަކުރަން" އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން މާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ރިވިއުކަން ރައީސް ސޯލިހު ކަބާހެހޭ ފަރާތްތަކަށް ވަނީ އިއްޔެ ވަނީ އަންގަވާފައެވެ. މީގެއިތުރުން މާލޭގައި އިމާރާތްކުރުމަށް ސިޓީ ކައުންސިލުން ދޭ ހުއްދަތައް ވަގުތީ ގޮތުން ވަނީ މަޑުޖައްސާލާފައެވެ.

މީގެއިތުރުން ފުލުހުން ވެސް ވަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައެވެ.