Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

މިތިބީ އެއްވެސް ބަޔަކާ ވާދަކުރަން ނުކެރިގެނެއް ނޫން: ގާސިމް

ގާސިމް އިބްރާހިމް - ފޮޓޯ: ޖުމްހޫރީ ޕާޓީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއްވެސް ބަޔަކާ ވާދަކުރަން ނުކެރިގެން ނޫޅުއްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ މިއަދު އޮތީ ކޯލިޝަނެއްގައި ކަމަށާއި އެ ކޯލިޝަން ރޫޅާލާ ބަޔަކަށް ވާން އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ ދާނީ ގާނޫނު އަސާސީ އާއި ހެދިފައިވާ ގަވާއިދުތަކުގެ އިމުގެ ތެރެއިން ތެރެއިން ކަމަށާއި އެ ޕާޓީން ގަބޫލުކުރާ އުސޫލަކީ އެއީ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީކީ އެއްވެސް ބަޔަކާ ވާދަކުރަން ނުކެރިގެން، ވާދަނުކުރެވޭނެ ކަމަށް ހީކޮށްގެނެއް ނޫން. އަޅުގަނޑުމެންނަށް ވެސް އިނގޭ، އަޅުގަނޑުމެންނަށް ވެސް ވާދަކުރެވޭނެކަން. އެ ދާނީ ކުރިއަށްތޯ ފަހަތަށްތޯ ހަމަ އެނގޭނީ ނަތީޖާ ނިމުނީމަ" ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ގާސިމް ވަނީ މަޖިލިސް އިންތިހާބުގައި ހުރިހާ ގޮނޑި އަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ޖުމްހޫރީ ޕާޓީގެ މެމްބަރުން ފާޅުކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް މަޑުމައިތިރިކަމާއި ކިޔަމަންތެރިކަމާ އެކު ޖުމްހޫރީ ޕާޓީ މިވަގުތު އޮތީ ކޯލިޝަނެއް ވެސް އޮތުމާއެކު އެ ޕާޓީން ވިސްނާ ވިސްނުންތަކާ އެއްގޮތަށް ކަންތައްތައް ގެންދިޔުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ހަމަހިމޭނުން. އަޅުގަނޑުމެން ހަމަހިމެނޭނުން ތިބީކީ މީހެއްގެ ޖާނުން ބޮޑުވެގެން ނޫނީ ކުޑަވެގެން ނިކުންނަން ނުކުރިގެނެއް ނޫން. ކަންތައްތައް ކާމިޔާބުވަނީ ބޮޑު ކުޑަމިނަކުން ނޫން. އެއީ ރައްޔިތުންގެ ވިސްނުން، ރައްޔިތުން ނިންމާ ނިންމުން. ބާރުހުރި މީހާތޯ ނުވަތަ ބޮޑު މީހާތޯ، އެ އެއްޗެއް ބަލާކަށެއް އަޅުގަނޑުމެން މިން އަޅާކަށެއް ނެތީމު" ގާސިމު ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން 87 ދާއިރާ އަށް ނިކުންނަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށާއި އެ ޕާޓީން ކުރާ ގައުމީ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

އަދި ކޮންމެ ދާއިރާއަކަށް ވާދަކުރަން ވެސް ޖުމްހޫރީ ޕާޓީ އަށް ކެރޭނެ ކަމަށާއި ހޮވުމާއި ނުހޮވުން އެއީ ރައްޔިތުން ނިންމާ ކަމެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.