މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި އުފައްދަން ހުއްދަ ދީފައިވާ ޕާޓީއަށް ވަނުމަށް ބޭނުންވާ 3،000 މީހުންގެ ފޯމާއެކު މިއަދު ޕާޓީ ރަޖިސްޓާ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.
އެމްޓީޑީގެ ފަރާތުން އީސީއަށް މިއަދު 3،333 މީހުން ސޮއިކޮށްފައިވާ ފޯމު ހުށައަޅާފައިވެއެވެ. ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައި އުފައްދާ ޕާޓީ ފޯމުތައް އީސީން ވަނީ ބަލައިގެންފައެވެ.
އީސީން ބުނެފައިވަނީ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގެ ހުއްދަ، އެމްޓީޑީން މިއަދު ހުށައެޅި ފޯމުތައް ބެލުމަށް ފަހު ދެވޭނެ ކަމަށެވެ. އެ ޖަލްސާގައި މަދުވެގެން 300 މީހުން ހާޒިރުވެ ތިބެން ޖެހޭނެއެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދާއި މެނިފެސްޓޯ ވެސް އެ ޖަލްސާގައި ފާސްކުރަން ޖެހޭނެއެވެ.
ބެލެވޭ ގޮތުގައި މި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާނެ އެއް ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ޕާޓީއަށް ސޮއިކުރި އެންމެ ފުރަތަމަ މީހަކީ ވެސް އަދީބެވެ.