Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

"ބިދޭސީންނާ މެދު ދިވެހިން އަމަލު ބަހައްޓާ ގޮތް ރަނގަޅެއް ނޫން"

މައިގްރަންޓްސް ދުވަހާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި، ދިވެހި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ މެދު ދިވެހިން އަމަލު ބަހައްޓާ ގޮތް ރަނގަޅު ނޫން ކަމަށް ބުނެފިއެވެ.

އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބިދޭސީންގެ ހައްގުތައް ގާނޫނު އަސާސީގައި ކަށަވަރުކުރެވިފައިވި ނަމަވެސް ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ބަހައްޓާތަން ނުފެން ކަމަށެވެ. އަދި ބިދޭސީންގެ ހައްގުތަކަށް އިހުމާލުވާ ދިވެހިން ގިނަ ކަމަށް ފާހަގަކުރިއެވެ.

އަދި އެކޮމިޝަނަށް ގިނަ މައްސަލަތަކެއް އެކަމާ ގުޅިގެން މިއަހަރުވެސް ހުށައެޅިފައިވާ ކަމަށާއި އޭގެ ތެރޭގައި ދިރިއުޅެން ޖެހޭ ތަނުގެ ދަތިކަމާއި ވަޒީފާގެ މާހައުލުގައި އަނިޔާއާއި ފުރައްސާރައާއި ކުރިމަތިވުމާއި ތަފާތުކުރުމާއި، މަސައްކަތަށް ބޭނުންވާ ސާމާނު ނުލިބުމާއި މަސައްކަތް ކުރާ މާހައުލަކީ މަސައްކަތް ކުރެވޭ ވަރުގެ މާހައުލެއް ނޫން ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ކުންފުނިތަކުން ބިދޭސީން ރާއްޖެ ގެނައުމަށް ފަހު ޕާސްޕޯޓު އަތުލުމާއި މުސާރަ ނުދިނުން އަދި ވިސާ ފީ ދައްކާ ނުދޭ ކަމަށް ބުނެ ވެސް ގިނަ މައްސަލަތަކެއް ހުށައެޅިފައިވާ ކަން ކޮމިޝަނުން ފާހަގަކުރިއެވެ.

އެޗްއާރްސީއެމުން ވަނީ ކުންފުނިތަކުން ބިދޭސީން ގެންނައިރު އިމިގްރޭޝަން ގާނޫނާއި އެއްގޮތަށް އަމަލު ކުރުމަށާއި، މަސައްކަތުގެ މައިދާނުގައި ތަފާތުކުރުންތަކާއި ފުރައްސާރަ ނައްތާލައި، އެހެނިހެން އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ގޮވާލާފައެވެ. ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތާއި އިންސާނުންނަށްވީތީ ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް ލިބިދިނުން ކަށަވަރުކުރުމަށް ނިޒާމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި މަސައްކަތްކުރުވާ ފަރާތްތައް ޒިންމާދާރުކުރުވަން ޖެހޭކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.