ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ)ގެ ފަރާތުން ރާއް އަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު މިޒް ލީން ކޭ. ކްރިސްޓިއަންސެން، ރައީސް ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލު ކުރެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، މިޒް ކްރިސްޓިއަންސެން، ޔޫއެންއެފްޕީއޭގެ ޑިރެކްޓަރުގެ މަޤާމުގައި ހުންނަވައިގެން، އެކި ގޮތްގޮތުން ދެއްވި އެއްބާރުލެއްވުމަށާއި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮށް ދެއްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަ ކުރައްވައި، އެ ކަމަނާ އަށް ޝުކުރު އަދާކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ސާސްކަފްގެ ލަޑުދަނޑތައް ޙާޞިލް ކުރުމުގައި، ވަކިން ޙާއްޞަކޮށް، އަންހެނުންގެ ތަރައްޤީ އާއި ޞިއްޙަތާ ގުޅުން ހުރި ދާއިރާތަކުގެ ލަނޑުދަނޑިތައް ޙާޞިލް ކުރުމުގައި ހޯދިފައިވާ ކާމިޔާބުތަކާއި، މިކަމަށް ހުރި ގޮންޖެހުންތަކާ ބެހޭ މައުލޫމާތު މިޒް ކްރިސްޓިއަންސެނަށް ދެއްވި އެވެ. އަދި މިކަމުގައި ޔޫއެންއެފްޕީއޭގެ އެހީތެރިކަން ހޯއްދެވިދާނެ އިތުރު ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މިޒް ކްރިސްޓިއަންސެންގެ ވާހަކަފުޅުގައި، ރާއްޖެ އަށް އަބަދުވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ދާނެ ކަމުގެ ޔަޤީންކަން ރަދެއްވިއެވެ. އަދި އަންހެނުންނަށާއި އިންސާނީ ޙައްޤުތަކަށް ޙާއްޞަ ކުރެވިގެން ސަރުކާރުގައި ވަކި މިނިސްޓްރީއެއް ހުންނަކަން ފާހަގަ ކުރައްވައި، އެއީ މިފަދަ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ފަރާތުން އެޅުއްވި ވަރަށް ރަނގަޅު ބާރެއް ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ވިދާޅުވި އެވެ.