Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ގާސިމް އާއެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް: ޔާމީން

ގާސިމް އިބްރާހިމް އާއި އަބްދުﷲ ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރިއަށް އޮތް ތަނުގައި ގާސިމް އާއެކު މަސައްކަތް ކުރާތަން ފެނިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޔާމީން ވިދާޅުވީ އެއީ ކުރިއަށް އޮތް ތަނުގައި ވިސްނަން ހުރި ކަންކަން ކަމަށާއި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ.

"މަސައްކަތް ނުކުރެންވީ ސަބަބެއް ވެސް ނެތް. އެމްޑީޕީގައި އެ ހުންނަ ކަހަލަ ހަރުކަށި ވިސްނުމެއް ނޫން ޖުމްހޫރީ ޕާޓީގައި ހުންނަނީ. އެކަމަކު ޖުމްހޫރީ ޕާޓީގައި ބައެއް ހަރުކަށި ވިސްނުމުގެ މީހުން ނެތެކޭ ނޫން. އެކަމަކީ ގާސިމަކީ އެކަހަލަ ބޭފުޅަކަށް ނުވެ ހިނގައިދާނެ. އަޅުގަނޑު ދަންނަ ގާސިމް އެކަހަލަ ހަރުކަށި ސިފަތަކެއް ނުގެންގުޅޭ" ޔާމީން ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ މިވަގުތު އޮތީ ކޯލިޝަނެއްގައި ކަމަށްވާއިރު ޔާމީން ވިދާޅުވި ގޮތުގައި ކޯލިޝަން ހިފަހައްޓާ ވެރިކަން ބަދަލުވުމުގެ ހުރިހާ ކަމެއްގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވި ބޭފުޅަކީ ގާސިމްއެވެ. ގާސިމް އަކީ ވަރަށް ގިނަ ރައްޔިތުންނާއި އާއްމު ނިކަމެތިންނަށް އެހީވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ޔާމީން ވަނީ ކޯލިޝަނުގެ ހަގީގީ ބާރު އޮތީ ގާސިމްގެ އަތްޕުޅުގައި ކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ގާސިމަށް ރަނގަޅު ގޮތް އެދެން. މާބޮޑަށް މީތި ގޯސްވެގެން ގޮސް ރައްޔިތުންގެ ހައްގުތައް ގެއްލި އަޅުގަނޑުމެންގެ މިނިވަންކަން ގެއްލޭތަން ބަލާކަށް އަޅުގަނޑު ދަންނަ ގާސިމް ހުންނަވާނެ ކަމަކަށް ގަބޫލެއް ނުކުރަން" ޔާމީން ވިދާޅުވިއެވެ.

ގާސިމް އާއެކު މަސައްކަތް ނުކުރެންވީ ސަބަބެއް ނެތް ކަމަށް ޔާމީން ވިދާޅުވިއިރު، 2013 ވަނަ އަހަރު އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމުގައި ގާސިމް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވިފަހުން ޔާމީނާއި ގާސިމްއާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދި ގާސިމް އެންމެފަހުން ވަނީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަން ފަށާފައެވެ.