ގިނަ ބަޔަކު އެ ފިލްމަކަށްޓަކައި އިންތިޒާރުކުރަމުން އަންނަ ކަންގަނާ ރަނައުތުގެ "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ"ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މިއަދު ރިލީޒްކުރި މި ޓްރެއިލާއިން ކަންގަނާގެ އެކްޓިން ހުނަރު ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. ޓްރެއިލާ ރިލީޒްކުރުމާއެކު ގިނަ ބަޔަކު ދަނީ ކަންގަނާ އަދާކޮށްފައިވާ ހުނަރުވެރި މަސައްކަތަށް ތަޢުރީފް ކިޔަމުންނެވެ.
މި ފިލްމް ޝޫޓްކުރުމުގައި ގިނަ ދަތިތަކެއް ވަނީ ދިމާވެފައެވެ. އެގޮތުން އެތައް ފަހަރެއްގެ މަތިން ޝޫޓިން ޑިލޭވުމާއި، ފިލްމްގެ މެދުތެރެއިން ބައެއް އެކްޓަރުން ފިލްމް ދޫކޮށްލުމުގެ އިތުރުން ލަފާކުރި މިންވަރަށްވުރެ ފިލްމްގެ ޕްރޮޑަކްޝަން ބަޖެޓްވެސް މަތިވެގެން ދިޔަކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް ދިމާވި ގޮންޖެހުންތައް ކަޑައްތުކުރުމަށްފަހު ފިލްމްގެ ޝޫޓިން ނިންމައި މިހާރު މިވަނީ ޓްރެއިލާ ވެސް ރިލީޒްކޮށްފަ އެވެ.
މި ފިލްމަކީ އިންޑިއާގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކުޅަދާނަ ރާނީ ކަމުގައިވާ ރާނީ ލަކްޝްމީބާއިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ރާނީ ލަކްޝްމީބާއި އަކީ އިނގިރޭސިންގެ ބާރުދަށުން އިންޑިއާ މިނިވަން ކުރުމަށްޓަކައި އެންމެ ފުރަތަމަ މިނިވަންކަމުގެ ހަނގުރާމައެއް ކުރި ފަރާތެވެ.
މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހާއި ގުޅުވައިގެން އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހަކީ 26 ޖެނުއަރީ އެވެ.