Last Updated: July 2, 10:58
Wednesday, July 2, 2025
މުނިފޫހިފިލުވުން

ދީވާނާ 2 ( އަށްވަނަބައި )

މިފެނުނު މަންޒަރުން މިހާރު އެދެމެދުގައި ގުޅުމެއްއޮތްކަމަށް އޭނާގެ ހިތްވެސް ބުނަން ފަށައިފިއެވެ. އާއިންގެ ކާރުފަސްދީ އަރްވިން ދިއުމުން އާއިންއަށް ދަތްކުނޑި ވިކާލެވުނެވެ. އަރްވިންގެ ފަހަތުން ގޮސް އޭނާގެ ގައިގާ ބޮނިޑި އަޅަފާނަމޭވެސް އޭނާގެ ހިތަށްއެރިއެވެ. މިހާރު ކަންތައް މިދަނީ ދެން މާމައްޗަށެވެ. ދެން އޭނާއަކަށް އިތުރަކަށް ކެތެއްނުވާނެއެވެ. އިމާދަށްވުރެވެސް އަރްވިންގެ ނުރައްކާ އޭނާއަށް ބޮޑުވެއްޖެއެވެ. އާއިން އައިސްފައި ހުރި ރުޅީގެ ސަބަބުން އިތުރަށް ހުޅުމާލޭގައި މަޑުކުރާކަށްވެސް ބޭނުމެއްނުވިއެވެ. އެހެންކަމުން، އެގަދަ ވިއްސާރައިގެތޭގައިވެސް އޭނާ އެނބުރި މާލެއައެވެ. ގެޔަށް އައިސް ކޮޓަރިއަށްވަދެވުނުއިރުވެސް އޭނާގެ ރުޅި ކޮންޓްރޯލެއްނުވިއެވެ.
" އަރްވިން!!" އާއިންއަށް ރުޅިއައިސްގެން ހަޅޭއްލަވައިގަނެވުނެވެ.
ބޮލުގައި ދެއަތުން ހިފައްޓަމުން އާއިން އެނދުހުރަކަށް ވެއްޓިގަތެވެ. އަރްވިންގެ މަތިން ހަނދާންކުރަން ދުވަހު އޭނާ ބޭނުންނުވީނަމަވެސް، ކޮންމެވެސް ހާލަތެއް ދިމާވެގެން އޭނާއަށް އަރްވިންއާ ކުރިމަތިލާން އެބަޖެހެއެވެ. މާޒީގެ ހިތި ހަނދާންތަކާއި ދުރަށްދާން އޭނާ ކިތަންމެ ބޭނުންވީނަމަވެސް، އަރްވިން ފެންނަހައި ހިނދަކު އޭނާއަށް އެހަނދާންތަކާއި ދުރަށްދެވޭކަށް ނެތެވެ.
އާއިން ލޯމަރާލައިގެން އިރުކޮޅަކު އޮތުމަށްފަހު ކުއްލިއަކަށް ތެދުވިއެވެ. އަދި އެނދުގެ ހެޑްބޯޑްމަތީގައި އޮތް އަލްބަލް ހުޅުވާލިއެވެ. އޭނާ މަންމައާއެކު ނަގާއިފައިވާ ފޮޓޯއަށް ބަލަން އޮތްވައި އޭނާގެ ލޮލުގައި އަޅައިގަތީ އެފޮޓޯގެ ދަށުން ކަންނުކުމެފައިވާ އެހެން ފޮޓޯއެއްގައެވެ. އާއިން އެފަރުވާތެރިކަމާއެކު އެފޮޓޯގަނޑު ނެރެބަލާލިއެވެ.
" އަރްވިން؟" އެފޮޓޯގައި އޭނާއާއި އެކުގައިވާ ފިރިހެން ކުއްޖާފެނިފައި އޭނާއަށް ކިޔާލެވުނެވެ.
އެދުވަސް އޭނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ އާއިންގެ އުމުރުން ހަތްއަހަރު ފުރުނު ދުވަހު ނަގާފައިވާ ފޮޓޯއެކެވެ. އޭރު އަރްވިންގެ އުމުރުން ބާރައަހަރެވެ. އަރްވިން އެދުވަހު އޭނާއަށް އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ބޯޅައެއްދިނެވެ. އެފޮޓޯ ނަގާފައިވަނީ އަރްވިން އޭނާއަށް ބޯޅަދިން ވަގުތެވެ.
" ކޮބާ…ދޮންބެއަށް ޝުކުރިއްޔާއޭ ބުނޭ!…" އާއިން އުފާވެފައި ބޯޅައިގައި ހިފިވަގުތު މަންމަ ބުނެލިއެވެ.
" ޝުކުރިއްޔާ…ދޮންބޭ…" އާއިން ހެވިލާފައި ބުންޏެވެ.
އެވަގުތު އަރްވިން އާއިންގެ ގައިގާ ބައްދާލަމުން އޭނާގެ ކޮލުގައި ލޯބިކޮށްލިއެވެ. އެހަނދާންވެފައި އާއިންގެ ލޮލުން ބޭއިޚްތިޔާރުގައި ކަރުނަ އައެވެ. އޭނާދެކެ ލޯބިވާ ދޮންބެއަކު ހުރުމުން އެދުވަހު އޭނާ ކިހާ އުފާވި ހެއްޔެވެ؟ ނަމަވެސް ހާލަތު ބަދަލުވާކަށް ގިނައިރެއް ނުނެގިއެވެ. އޭނާއަށް ނުވެސް އެނގިހުއްޓައި އޭނާގެ ޙަޔާތަށް ކޮޅިގަނޑެއް ލައިގަތީއެވެ.
އެއްދުވަހެއްގެ ހެނދުނުވީއިރު އޭނާގެ ދިރިއުޅުންވަނީ ހީވެސް ނުކުރާފަދަ ގޮތަކަށް ބަދަލުވެފައެވެ. މަންމަވަނީ ގެދޫކޮށް އަބަދުގެ އަބަދަށް ގޮސްފައެވެ. މަންމައާއި އެކުގައި ދޮންބެ ގެންދިޔައިރު، އޭނާހުރީ އެކަނިވެރި ބިކަވެފައެވެ. މަންމަ ނުފެނިގެން އޭނާ ރޮއެފައި ބައްޕައާ އެތައް ސުވާލެއްކުރިއެވެ. ނަމަވެސް މަންމަ އަދި އަންނާނެ ކަމުގައި ބުނަމުން ބައްޕަ އޭނާ މަސަލަސްކުރިއެވެ.
" އާޒިމް ރަނގަޅަށް އަޑުއަހާތި!….އެމުޑުދާރު އަންހެނާ ދެން މިގެޔަށް ވައްދައިގެން ނުވާނެ….އާއިންއަށްވެސް އަންގާ ދެން އޭނާގެ މަންމައެއް ނާންނާނޭ….އެސުންޕާ އަރްވިންއަށްޓަކާ މިމައުސޫމު ކުއްޖާ ދޫކޮށް އެދިޔައީ….." ކާފަ ރުޅިވެރިކަމާއެކު ބުންޏެވެ.
މަންމަ އޭނާ ދޫކޮށް ދިޔައީ ކީއްވެގެކަން ނޭނގުނު ނަމަވެސް، މަންމަ އެނބުރި އަންނާނެކަމުގެ އުއްމީދުގައި އޭނާ ކިހާދިގު އިންތިޒާރެއް ކުރިހެއްޔެވެ؟ ނަމަވެސް މަންމަ އޭނާ ހޯދާކަށް ނައެވެ.
" ދަރިފުޅާ…މަންމަ ހޯދަން ނުރޮއޭ…ދެން މަންމައެއް ނާންނާނެ….ދަރިފުޅުދެކެ މަންމަ ލޯބިވާނަމަ…ދަރިފުޅުދޫކޮށް ނުދާނެ…" އެންމެފަހުން ބައްޕަވެސް ބުނިވާހަކަ އަކީ އެއީއެވެ. މަންމަގެ ޚަބަރެއްނުވެ ގިނަދުވަސްވާން ފެށުމުން ޚުދު އޭނާއަށްވެސް ބައްޕަގެ ވާހަކަ ގަބޫލުކުރެވުނެވެ.
ދުވަސްތައް އެގޮތުގަ ވޭތުވަމުން ގޮސް އާއިންވެސް ދުނިޔެއަށް ލޯހުޅުވި ވާނުވާ އެނގެން ފެށުމުން، އެހާ ކުއްލިގޮތެއްގައި މަންމަ އޭނާ ދޫކޮށް ދާންޖެހުނު ސަބަބެއް އޮންނާނެ ކަމާމެދު ވިސްނެން ފެށުނެވެ.
" ބައްޕާ….މަންމަ އަހަރެން ދޫކޮށް ދާންޖެހުނީ ކީއްވެ؟…މަންމަ ދަމުން ހަމައެކަނި ދޮންބެ ގެންދިޔައީ ކީއްވެ؟.." އާއިން އެސުވާލު ތަކުރާރުކޮށް ބައްޕައާއި ކުރިއެވެ.
ނަމަވެސް ބައްޕަ އެސުވާލަކަށް ޖަވާބެއް ނުދެއެކެވެ. އެސުވާލަށް ޖަވާބުދިނީ ކާފައެވެ.
" ދަރިފުޅަށް ވިސްނޭވަރުވީމަ ބުނަން ކާފަމިމަޑުކުރީ….ދަރިފުޅަށް އެނގޭތަ؟ މަންމަ އަރްވިންދެކެ އެހާލޯބިވަނީ ކީއްވެގެންކަން….އެއީ އަރްވިންއަކީ މަންމަ އެންމެ ފުރަތަމަ ކައިވެނިކުރި މީހާގެ ދަރިވީމަ….އޭނާ ވަރިކުރީމަ ދަރިފުޅުގެ ބައްޕަޔާއިނީ….އަނެއްކާ ދުވަސްތަކެއްފަހުން އަނެއްކާ އަރްވިންގެ ބައްޕަ މާކަމުގޮސްގެން އޭނަގާތަށް އެދިޔައީ….ހުރިހާވެސް ނުބަޔަކީ އެއަރްވިން….އަރްވިންއާ ބައްދަލުކުރުމުގެ ނިޔަތުގަ އޭނާގެ ބައްޕަ މިގެޔަށް އަންނަންފެށީ…އެހިސާބުން އެހުރިހާކަމެއްވީ….." ކާފަ އޮޅުން ފިލުވައިދިނެވެ.
އާއިން ދޫކޮށް މަންމަ ދިޔައީ އަރްވިންއަށް ޓަކައިކަން އެނގުނު ހިސާބުން އޭނާގެ ހިތުގައި އަރްވިންއަށް ނަފްރަތު އުފެދުނެވެ. މަންމައަށް އަރްވިން އެހާ މުހިއްމުވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ބައްޕައަށްވުރެ އަރްވިންގެ ބައްޕަދެކެ މަންމަ ލޯބިވީ ކީއްވެގެން ހެއްޔެވެ؟ މިއަދުވެސް އަރްވިން އެއުޅެނީ މަންމަގެ ލޯބި ލިބިގެން ކިހާ އުފަލުން ހެއްޔެވެ؟ އެކަނިވެރިވެ ހިތާމަކުރަން ޖެހުނީ އޭނާއަށެވެ. މަންމަ ދިޔަތާ ގިނަދުވަސްތަކެއް ނުވެ ބައްޕަވެސް އިތުރު ކައިވެންޏެއް ކުރިއެވެ. ބައްޕައަށް ދެވަނަ ދަރިއަކު ލިބުމުން އޭނާ އެކުއްޖާއަށްވެސް ނަފްރަތު ކުރަންފެށިއެވެ. ބައްޕަވެސް މަންމަ ފަދައިން އޭނާއަށްވުރެ ބޮޑަށް ކޮއްކޮ ދެކެ ލޯބިވެދާނެއޭ އޭނާއަށް ހީކުރެވުނީއެވެ. ނަމަވެސް އޭނާ ހީކުރި ގޮތާއި ޚިލާފަށް ބައްޕަ ކޮންމެ ކަމެއްގައިވެސް އިސްކަންދެނީ އޭނާއަށެވެ. ދޮންމަންމަވެސް އޭނާއަށް ހެޔޮވެފައި ރަނގަޅެވެ. އޭނާގެ ކަންކަމަށް ސަމާލުކަންދީ ހަދައެވެ. ނަމަވެސް ދުވަހަކުވެސް އޭނާގެ ހިތެއް ދޮންމަންމައަކަށް ހެވެއްނުވެއެވެ. ނުވެސް ވާނެއެވެ. އުފަން މަންމަ އޭނާ ދޫކޮށް ދިޔައިރު، ދޮންމަންމަ ވަކީން އޭނާދެކެ ލޯބިވާނެކަމަށް އޭނާ ގަބޫލުކުރަންވީ ހެއްޔެވެ؟
އާއިންގެ ޚިޔާލުގެ ވާފަށް ކެނޑިގެން ދިޔައީ އޭނާގެ ފޯނުރިންގްވީ އަޑަށެވެ. ސިހިފައި އޭނާބަލާލިއިރު ގުޅަނީ މާޒްއެވެ.
" އޭތް…ފިނިބޮޑުވެގެން ގޭގަ އޮތީތަ؟…ހިނގާބަލަ ކޮފީއަކަށްދާން…" ފޯނުނެގުމާއެކު މާޒް ބުނެލިއެވެ.
އާއިންވެސް ހުރީ މާޒްގެ އެހީއަށް ބޭނުންވެފައެވެ. އެހެންކަމުން އޭނާ ދެކޮޅުހެދުމެއްނެތި ދާން އެއްބަސްވިއެވެ. އާއިން އަބަދުވެސް ގޮސްއުޅޭ އެރޯމާ ކޮފީޝޮޕަށް ދެމީހުން ދިޔައެވެ. އާއިން އޭނާއަށް ފެނުނު ކަންތައް މާޒްއާ ހިއްސާކުރިއެވެ.
" ހަމަ ޔަޤީންތަ ނާޒް އަރްވިންއާ ގުޅުމެއް އޮންނަކަން؟.." ޝައްކެއްގައި ހުރެފައި މާޒް އަހާލިއެވެ.
" ގުޅުމެއް ނޯންނަމަ ކީއްވެ އަރްވިންގެ ކާރުދާންވީ؟…އަދި ފައިބާފަ އަތްވެސް ހޫރާލިއޭ…." އާއިން ޔަޤީންކަމާއެކު ބުނެލިއެވެ.
" ވެދާނެއްނު ކާރުގަ އެހެންމީހަކު އިނީކަމަށްވެސް…..ނާޒްއެރީވެސް ކާރުގެ ކުރީސީޓަކަށް ނޫނެއްނު….މީހަކުނެތްނަމަ ކާރުގެ ކުރީސީޓަށް އަރަންވީނު…ދެމީހުންގެ ގުޅުމެއް އޮތިއްޔާ އެގޮތްކަންނޭނގެ ވުންގާތީ…" މާޒް ވިސްނާލާފައި ބުންޏެވެ.
" މަށަކަށް ނޭނގެ އިތުރުމީހަކު ނެތްކަމެއްވެސް…" އާއިންއަށްވެސް ޝައްކުވިއެވެ.
ދެންކަންތައް ކުރަންވީ ގޮތަކާއިމެދު ދެމީހުން އެކިގޮތް ގޮތަށް މަޝްވަރާކުރިއެވެ. މާޒްއަށް ވިސްނުނު ގޮތުގައި އާއިން މާފިނޑީއެވެ. ލޯބިވާއިރުވެސް އެކަމަށް އިންކާރު ކުރުމަކީ ފިނޑިކަމެކެވެ. މިހާރު ކަންތައްވެފައި އޮތްގޮތުން އާއިންގެ ދުލުން ނުބުނިނަމަވެސް، އޭނާ ފަރަހަނާޒްދެކެ ލޯބި ވާވަރު ހާމަވަމުން ދަނީއެވެ.
" ނާޒްގެ ކައިވެންޏަށް އެދެންވީނު…." މާޒް ކުއްލިއަކަށް ބުނެލި ޖުމްލައިން އާއިން ސިހިފައި ބަލާލިއެވެ.
"މިހާރު އަރްވިންއާ ގުޅުމެއް ނެތަސް، ގުޅުމެއް އުފެދުމަކީ ކިތަންމެ އަވަހަކަށްވެސް ވެދާނެކަމެއް…އެހެންވީމަ ލަސްކުރުމުގެ މާނައެއްނެތް…މިހުރިހާ ދުވަހުވެސް އަހަރެން މިހުރީ މިހެންވެސް ނުބުނަން….ތިފިރިހެނާއަށް ކެތްނުވެގެން ތެޅިގަންނާނެ އިރެއްގެ އިންތިޒާރުގަ މިހުރީ….މިހާރު މިއޮތީ އެތަން އައިސްފަ….ދެންވެސް ފިނޑިކަން ކަނޑުވާލާފަ ނިކަން ފިރިހެނެއްހެން ތިކަމާ ކުރިމަތިލާބަލަ!…މަށަކީ އާން ނަމަ މިހާރު ނާޒް މަގޭ މީހަކަށް ހަދައިފީމުސް….ތިހެން ފަސްފަހަތުން މުގޯލި އަޅާކަށް ނުހުންނާނަން…" މާޒް ނިކަން ކެރޭމީހެއްކަމުގައި ވެގެން ވާހަކަ ދެއްކިއެވެ.
އާއިން އެކަމާ އެއްބަސްވާން ބޭނުންނުވީ ނަމަވެސް މާޒް އެދެއްކީ ތެދުވާހަކަ އެކެވެ. އޭނާ ފިނޑީއެވެ. މިއޮއްހައި ދުވަހު އޭނާ އެއުޅުނީ އޭނާގެ އަމިއްލަ ނަފްސަށްވެސް އޮޅުވާލައިގެންނެވެ. ފަރަހަނާޒްދެކެ ލޯބިނުވާކަން މުޅިދުނިޔެއަށް ހާމަކޮށްދޭން އޭނާ ކިހާ ބަހަނާއެއް ދެއްކިހެއްޔެވެ؟ ނަމަވެސް މިއަދު ޚުދު އޭނާގެ ދުލުންވެސް އެއިއުތިރާފު ވެވެނީ ފަރަހަނާޒަށް އޭނާ އެދޭވަރެވެ. އެހެންމީހަކު ފަރަހަނާޒާއި ގާތްވުމުންވެސް އޭނާގެ ހިތަށް ކިހައި އަސަރެއް ކޮށްފި ހެއްޔެވެ.
" ހޫމް…ދެން ތިފޮނިކަނޑާމީހާއަށްވެސް ކަމަކާ ޖެހުނީމަ ތިޔެއް އެނގޭނީ…މިހާރުވެސް ތިއުޅެނީ މަގޭކޮއްކޮއަށް ހިތްކިޔައިގެން….މަދެކެ ބިރުންނެއްނު ތިހުންނަނީ އެއްޗެއް ބުނަން ނުކެރިފަ…" ސިއްރެއް ބޭޒާރުކޮށްލާފަދައިން ބުނުމާއެކު މާޒް ސިހުނެވެ. އޭނާ އެހާސިއްރުން އުޅެނިކޮށްވެސް އާއިންއަށް އެނގުނީތާއޭ ހިތަށްއެރިއެވެ.
" މަނޫޅެމޭ ނުކެރިގެންނެއް…އިރާ ކިޔަވާ ނިމޭންދެން މިމަޑުކުރަނީ…" މާޒް ދެރަނުވާންވެގެން ބުނެލިއެވެ.
ދެމީހުން އެތައްއިރަކު ވާހަކަ ދެއްކުމުންވެސް ވަކިކޮޅެއްގައި ޖެހޭގޮތެއް ނުވިއެވެ. މާޒްބުނާ ފަދައިން ހަމަހުރެފައި ގޮސް ފަރަހަނާޒްގެ ކައިވެންޏަށް އެދޭކަށްވެސް އޭނާއަކަށް ނުކެރޭނެވެ. އޭރުން އޭނާއަށް ޖެހޭނީ ފަރަހަނާޒަށް ކޮށްދިން ހުރިހާކަމެއްވެސް އަލިފުން ޔާއަށް ކިޔައިދީ ބޭޒާރުވާށެވެ. އެހެންވާކަށް އޭނާ ދުވަހަކުވެސް ބޭނުމެއް ނުވެއެވެ. އޭރުން ފަރަހަނާޒާއި އޭނާގެ ބައްޕަގެ އިތުބާރު ގެއްލޭނެއެވެ. ދެން އޮތީ ކޮންމެވެސް އެހެން ގޮތަކުން ފަރަހަނާޒްގެ ކައިވެންޏަށް އެދުމެވެ.
" އިޒީ…" ކުއްލިއަކަށް އޭނާގެ ޚިޔާލަށް އައީ އިޒްޔަންއެވެ.
މިކަމުގައިވެސް އޭނާއަށް އެންމެބޮޑު އެހީތެރިކަމެއް ވެވޭނެ މީހަކީ އެއީއެވެ.
" ހޫމް…ގޯހެއްނޫން….ހުރިހާކަމަކަށް އެފަކީރު ވައްދާތި!…މަށަށްހީވަނީ ނާޒްގާތު ކައިވެންޏަށް އަހަންވީވެސް އިޒީހެން…ދެއަންބަށް…" މާޒް ދިމާކޮށްލިއެވެ.
އާއިން ޖަވާބެއްނުދީ ލޯއަޅާލިއެވެ.
****
ޖެހިގެން އައިދުވަހު އޮފީސް ނިމުމާއެކީ މާޒްއާއެކު އާއިން އިޒްޔަންގެ ގެޔަށް ދިޔައެވެ.
" އައްދޭ…މިއަދު މާޒްވެސް ގޮވައިގެން އައި ދުވަހެއްތަ؟…" މާޒް ފެނުމާއެކު އިޒްޔަން އަހާލިއެވެ.
" ހޫމް…އިޒީ ތަޅައިގެންފާނެތީ ބޮޑީގާޑަށް މިއައީ…" ލާނެއްގޮތަކަށް ހީލަމުން މާޒް ބުނެލިއެވެ.
" ކީއްވެ އާން ގައިގާ މަ ތަޅައިގަންނަންވީ؟…މަމީ އެހާ ނުބައިމީހަކީތަ؟.." ގަޔާވެލާފައި އިޒްޔަންވެސް ބުނެލިއެވެ.
" ނޫނޭ….މިއަދު އޭނަ ދައްކަން އެއުޅޭ ވާހަކައެއް އަޑުއިވުނީމަ ފަހަރެއް އުފަލުންވެސް ތަޅައިގަނެވިދާނެ…އެހެންވެ އެކަމަށް ތައްޔާރުވާން ޖެހޭނެއްނު…" މާޒް ނުސީދާގޮތެއްގައި ބުނުމުން އިޒްޔަން ނުވިސްނިގެން އާއިންއާ ދިމާބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އާއިން ހިމޭން ކަމާއެކު ބަހެއްނުބުނެ އިންނަމަވެސް، އޭނާގެ ހިތުގައި ތަފާތު ގިނަ ޚިޔާލުތައް ހިނގަމުން ދިޔައެވެ. އޭނާއަށް ބުނެވޭ އެއްޗަކުން އިޒްޔަންމެން މަލާމާތްކުރާނެ ވަރު ހިތަށްއަރާފައި ޖެހިލުންވެ އަތްފައިވެސް ފިނިވާން ފަށައިފިއެވެ.
" ހޫމް…ކޮންމެވެސް ބޮޑު ވާހަކައެއް ބުނަން އުޅޭހެން ހާދަހީވެޔޭ….ޔަގީނުންވެސް މަގޭބޮލުގަ ކޮންމެވެސް ކަމެއް އަޅުވަން އެއުޅެނީ…." ޝައްކުގެ ނަޒަރަކުން ބަލާލާފައި އިޒްޔަން ބުނެލިއެވެ.
އެވަގުތު މާޒް ހީލިގޮތުންވެސް އިޒްޔަންއަށް އެކަން ޔަޤީންވިއެވެ.
" ދެންބުނެބަލަ އާން…" އާއިން ވާހަކަ ދައްކާނެ ކަމުގެ އިންތިޒާރުގައި އިނދެ އިނދެ އެއްޗެއް ނުބުނުމުން މާޒް ބުނެލިއެވެ.
" ކީއްވެތަ…މިއަދު މަންމަނަކަށް ވެގެން ތިއިނީ…ގައިމު ވަރަށްބޮޑު ވާހަކައެއް ބުނަންވެގެންނޯ އައިސް ތިއިނީ…ދެންބުނަންވެއްޖެއެއްނު…އުޝް ގެޔަށް ނާންނަނީސް ތިދައްކާ ވާހަކައެއް ދައްކާ….އެހެންނޫނީ ތިކަމެއްނުވާނެ…" އިޒްޔަން ބުނެލިއެވެ.
އެންމެފަހުން ވަރަށް ޖެހިލުންވެ އިނދެ އާއިން އޭނާގެ ބޭނުން ހާމަކުރިއެވެ. ފަރަހަނާޒްއާ އޭނާ ކައިވެނިކުރަން ބޭނުން ވާހަކަ ބުނުމާއެކު އިޒްޔަންއަށް ހެވުނެވެ.
" ދެން ސަމާސާއެއްނޫނޭ މީ…" އިޒްޔަން ހޭންފެށުމުން ރަކިވެގެން އާއިން ބުނެލިއެވެ.
" ނޭނގޭނެއްނު….މިއޮއްހުރިހާ ދުވަހުކީ އެހެން ލަވައެއް…މިއަދު ހަމަ ކުއްލިއަކަށް ލަވަޔާ ރާގުވެސް ބަދަލުވީމަ ހިނި އަންނާނެ ދޯ….ލޯބިވާ ވާހަކަވެސް ނުބުނެ ހަމަ ކުއްލިއަކަށް ކައިވެންޏާ ހަމައަށް ތިދިޔައީ، އަނެއްކާ ރޭގަ ނިދަން އޮންނާ ހުވަފެނުގަ ފެނުނީތަ ނާޒް އަރްވިންއާ އިންނަނިކޮށް" މަލާމާތުގެ ރާގެއްގައި އެހެން ބުނަމުން އިޒްޔަން އަނެއްކާވެސް ހޭންފެށިއެވެ. އެވަގުތު އާއިންއަށް ވީގޮތުން މާޒްގެ ގާތަށްވެސް ހިނިއައެވެ. ދެމީހުން އާއިންއާ ދިމާކޮށްފައި ހޭންފެށުމުން އާއިން ރަނގަޅަށްވެސް ރަކިވިއެވެ.
" ހޫމް ދެން ކިހިނެކޭ މަ ހަދަންވީ؟…" ހުނުން މައިތިރިކޮށްފައި ސީރިއަސްވެލަމުން އިޒްޔަން އަހާލިއެވެ.
" އަހަރެން ނާޒްއާ ކައިވެނިކުރަން ބޭނުންވާ ވާހަކަ ނާޒްގެ ބައްޕަގާތު ބުނެދޭންވީ…ބުނޭ މިގެއަށް އައުމުގެ ތެރޭގަ ނާޒް ފެނި ފެނި ކަމުދިޔައީއޭ…އެހެންވީމަ ނާޒްއާ ކައިވެނިކުރަން ބޭނުންވީއޭ….އަހަރެންނާ ބެހޭގޮތުން ސުވާލުކޮށްފިނަމަ އަހަރެންނަކީ ކާކުކަން ބުނެދީ….އިޒީއަށް އެނގޭނެއްނުދެން ކީކޭކަން ބުނަންވީ…" އާއިން ސީރިއަސްކަމާއެކު ބުނެލިއެވެ.
" މަ ބޭނުން އެއްޗެއް ބުނަންވީދޯ…….އެކަމު އެމީހުން ކައިވެންޏާ އިންކާރު ކުރިޔަސް މަގޭ ކުށްވެރި ނުކުރާތި!" ހިނިއައިސްފައި އިޒްޔަން ބުނެލިއެވެ.
" އިޒީ…ސީރިއަސްވެބަލަ! އަހަރެންނަކީ ގޯސްމީހެއްނޫނެއްނު….އެހެންވީމަ ކީއްވެ ކައިވެންޏާ އިންކާރުކުރަންވީ….އިޒީ އަހަރެން އެމީހުންގެ ކުރިމަތީގަ ގޯސްކޮށްފިނަމަ އެމީހުން އިންކާރުކޮށްފާނެ…" އާއިން މޮޅިވެރި ރާގަކަށް ބުނެލިއެވެ.
" އެންމެ ރަނގަޅު….މިރޭ ރަނގަޅު ވަގުތެއް ބަލާފަ އަހަރެން ތިކަމާ އުޅޭނަން….އެކަމު ބުނެބަލަ! ހަމަ އަރްވިންދެކެ ބިރުންތަ ތިހާވަރެއް ތިވީ؟…" އިޒްޔަންހުރީ އަދިވެސް އާއިންއާ ދިމާކުރާހިތުންނެވެ.
" ދެން މިވަގުތު އޭނާގެ ވާހަކަ ކީއްކުރަންތަ ތިދައްކަނީ؟…އެނޫން ކޮންމެވެސް ވާހަކައެއް ދައްކަބަލަ!" އަރްވިންގެ ނަން ބޭނުންކޮށްގެން ދިމާކުރަން ފެށުމުން ހިތްހަމަނުޖެހިފައި އާއިން ބުންޏެވެ.
" އޯކޭ…ސޮރީ ސޮރީ…" ހެމުން ހެމުން އިޒްޔަން ބުނެލިއެވެ.
ތިންމީހުން އެކި އެކި ވާހަކައިގައި އަސުރުވާންދެން ތިއްބެވެ. އަސުރު ނަމާދުގެ ބަންގި ގޮވުމުން އިޒްޔަން ދިޔައީ ހާދީ ގޮވައިގެން މިސްކިތަށް ދިއުމަށެވެ. އެއީ މިހާރު އިޒްޔަންގެ އާދައަކަށްވަނީ ވެފައެވެ. އޭނާ އެކަންކުރަނީ އުފަލާއެކުއެވެ. އާއިންއާއި މާޒް އެގެއިން ނުކުމެގެން މާލެ ދިއުމަށް މިސްރާބުޖެހިއެވެ. ހުކުދު ދުވަހަކު ބައެއްފަހަރު ހުކުރަށް ދިޔަނަމަވެސް އާއިންއަކީ ނަމާދާ ވަރަށް ދުރު ޒުވާނެކެވެ. މާޒްވެސް ހަމަ އެފަދައެވެ. ދެމީހުން މަޝްވަރާ ކުރަމުން ދިޔައީ މިރޭ އިޒްޔަން އެވާހަކަ ދެއްކުމުން ހާދީ ނުވަތަ ފަރަހަނާޒް ދޭނެ ޖަވާބަކާމެދުގައެވެ.
" ނާޒް ނޫނެކޭ ބުނެފިނަމަ އާން ކިހިނެއް ހަދާނީ؟.." އާއިން ބުނާ އެއްޗެއް ބަލާލުމަށްޓަކައި މާޒް އަހާލިއެވެ.
" ކާމިޔާބު ވާންދެން މަސައްކަތްކުރާނަން….ކުރިން އަރްވިންއަށް ކާމިޔާބުވީ ނަމަވެސް މިފަހަރު ކާމިޔާބު ކުރާނީ އަހަރެން…..ނާޒް ފެންނަ ހިސާބަށްވެސް ދެން އޭނާއަކަށް ނާދެވޭނެ…" ރުޅިވެރިކަމާއެކު އާއިން ބުނެލިއެވެ.
" ތީގެ މާނައަކީ ނާޒްއާ ކައިވެނިކުރަން ތިއުޅެނީ އަރްވިންގެ ސަބަބުންނޭތަ؟…އާން ނާޒްދެކެ ވާލޯތްބަށް ވުރެވެސް ބޮޑަށް އަރްވިންއަށް ނަފްރަތުކުރަންތަ؟….ކިހާ ދުވަހެއްވާންދެން ތިގޮތަށް އަމިއްލަ ބޭބެއަށް ނަފްރަތުކުރާނީ؟…ކޮންމެގޮތެއް ވިޔަސް މާޒީ ބަދަލެއް ނުކުރެވޭނެ….ވާންވީކަމެއްވެ ނިމިއްޖެ….މަންމަ އާން ދޫކޮށްފަ ދިޔައީމަ އެކަމުގެ ޒިންމާ އަރްވިންގެ ބޮލުގަ އަޅުވައިގެން އުމުރަށް ނަފްރަތު ކުރުމަކީ ކިހާ ތާކުން ތާކު ނުޖެހޭކަމެއް؟..އާން ވިސްނާލަބަލަ!…" މާޒް މަސައްކަތްކުރީ އާއިންއަށް ވިސްނައިދެވޭތޯއެވެ.
" މާޒް…އަހަރެން ކުރިންވެސް ބުނިން ތިމައުލޫއަށް އަހަންނާ ބަހުސް ނުކުރާށޭ!…މާޒް ކޮންމެ އެއްޗެކޭ ބުނިނަމަވެސް އަރްވިންދެކެ އަހަރެން މިކުރާ ނަފްރަތު ލޯތްބަކަށް ބަދަލެއް ނުވާނެ….." ދަތްކުނޑި ވިކާލަމުން އާއިން ބުނެލިއެވެ.
މާޒްވެސް އާއިންއާ އިތުރަށް ދެބަސްވާން ބޭނުން ނުވާތީ އެވާހަކަ މެދުކަނޑާލިއެވެ.
*****
އިރާދަމުގެ ވަގުތެވެ. އިޝާނަމާދުއް އައީއްސުރެ އިޒްޔަން ދެކޮޅަށް ހިނގަނީއެވެ. މިރޭ ނުވައެއްޖަހާއިރު ހާދީއާއެކީގައި ކެއުމަކަށްދާން އޭނާވަނީ ނިންމާފައެވެ. ހާދީވެސް ދެކޮޅު ހެދުމެއްނެތި އެކަމާވަނީ އެއްބަސްވެފައެވެ. ނަމަވެސް އިޒްޔަންގެ އަތްފައި މިހާރުއްސުރެ ފިނިވަމުންދަނީ ހާދީގާތުގައި އެވާހަކަ ދެއްކުމުން ވެދާނެގޮތެއް ހިތަށްއަރާފައެވެ. ހާދީ އެކަމާ އިންކާރުކޮށްފާނެއެވެ. ނޫންނަމަ އޭނާއަށް އާއިންގެ ވާހަކަ ދައްކަމުން ގޮސް ބުނަން ނުޖެހޭ އެއްޗެއްވެސް ބުނެވިދާނެއެވެ.
" އިޒީ…ހާދަ ހާސްވެގެން ތިއުޅެނީ ކޮންކަމަކާތަ؟…ހާދީބޭބެ ގޮވައިގެންނޭ ކިޔާފަ އަނެއްކާ މިރޭ އަންހެން ކުއްޖާ ބައްދަލުކުރަންތަ ތިދަނީ؟…" އިޒްޔަން އުޅޭގޮތުން މަޖާވެފައި އިނދެގެން އުޝާ ދިމާކޮށްލިއެވެ.
" ހޫމް….މިހާރު މާގިނަ ދުވަސްވެއްޖެއެއްނު އުޝްއާއެކު…..ދެން ބަދަލުކޮށްލަން މަށަށްވެސް ފެންނަނީ….މިހިތަށް އަރަނީ މިރޭ ނާޒްގެ ކައިވެންޏަށް އެދެންވީއޭ….އެކަމާ މިވިސްނަނީ…." ދެރަނުވާންވެގެން އިޒްޔަންވެސް ބުނެލިއެވެ.
" ނާ އެހެންޏަ…އިޒީ މަށާ ރައްޓެހިވާން އެހިރޭވެސް ތިވަރުވީކަމެއް ނޭނގެ….ތާކުފޫހަރު ނުލައިގެން ވިއްޔަ…" އުޝާ އަނެއްކާވެސް ހޭންފެށިއެވެ.
" އަސްލުވެސް ތިބުނީ ރަނގަޅަށް….މަގާ ހިތްއަވަސްވޭ އޮބިނޯންނަވަރަށް….ކީކޭތަ މަބުނާނީވެސް ހާދީބޭބެ ގާތު….މިއީ ހައްތަހާވެސް އެއާންގެ ކަންތައް….ތިމާއަށް ފިނޑިކަމުން ހާދީބެ ކުރިމައްޗަށްވެސް އަރަން ކެރެނީއެއްނޫން….ހާދަ ފިނޑި ފިރިހެނެކޭ އެއީ ޝަހާދެއް…" އިޒްޔަން ޝަކުވާގެ ފަތިވަރެއް އަމުނާލަމުން ސޯފާއަށް ވެއްޓިގަތެވެ. ހަމަ އެއާއެކު އަނެއްކާވެސް ފުންމައިގެން ތެދުވެ، ފޯނުން ގަޑިބަލާލިއެވެ.
" އޯހ…ގަޑިޖެހުނީ…އުޝް އަހަރެންދަނީ…." އުޝާއާ ދިމާބަލާލަމުން އިޒްޔަން ދޮރާދިމާއަށް ހިނގައިގަތެވެ.
" ބެސްޓް އޮފް ލަކް…" ހީލަމުން އުޝާ ބުނެލިއެވެ.
ނުނިމޭ