Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

ވެރިކަމުގައި ހުރިއިރު ޔާމީނަށް ގާސިމް ކަމުނުދިޔައީ ކީއްވެ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި އިރު އޭރު ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ކަމުނުގޮސް، މިހާރު އެމަނިކުފާނުގެ ޚިޔާނާތުގެ މައްސަލަ ބަލަން ފެށުމުން ކުއްލިއަކަށް ކަމުދިޔައީ ކީއްވެތޯ ޖޭޕީގެ ޕީޖީ ގްރޫޕުގެ ލީޑަރ އަބްދުﷲ ރިޔާޒް ސުވާލު އުފައްދަވައިފިއެވެ.

ރިޔާޒްގެ ފާޑުކިޔުންތައް އަނެއްކާވެސް ޔާމީނަށް އަމާޒުވީ، ގާސިމާއެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ޔާމީން ވިދާޅުވުމުންނެވެ. ރައީސް ކަމުގައި އެމަނިކުފާނު ހުންނެވި އިރު ހިނގާފައިވާ މާލީ މުއާމަލާތްތަކެއް ސަރުކާރުން ތަހުގީގު ކުރަމުން އަންނަ މިދަނޑިވަޅުގައި ޔާމީން ވަނީ ގާސިމަށް ދާދި ފަހުން ތައުރީފް ކުރައްވާފައެވެ.

ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ދެބޭފުޅުންގެ ދެމެދު އޮތް ގުޅުން ހީނަރުވެ، ގާސިމް ވަނީ ސަރުކާރު ކޯލިޝަން ދޫކުރައްވައި ނިކުމެވަޑައިގެންފައެވެ. އޭގެ ސަބަބުން ޖޭޕީގެ ވަޒީރުންނާއި ސަރުކާރުގައި ޖޭޕީ ތަމްސީލު ކުރެއްވި އިސް ބޭފުޅުން ވަނީ ވަގުތުން މަގާމުން ދުރުކޮށްފައެވެ.

އޭގެ އިތުރުން ޔާމީންގެ ސަރުކާރުގައި ގާސިމް އިބްރާހިމްގެ ހިއްސާ އޮތް އެތައް ކުންފުނިތަކަށް ވަނީ ދަތިކުރުންތައް ކުރިމަތިވެފައެވެ. ގާސިމް އިބްރާހިމް ވަނީ ރިޝްވަތު ދިން ކަމުގެ ކުށް ސާބިތުވެ ޔާމީންގެ ވެރިކަމުގައި ޖަލަށްވެސް ލެވިފައެވެ. ނަމަވެސް އެ ހުކުމް ފަހުން ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.