މެންޗެސްޓާ ޔުނައިޓެޑުގެ މެނޭޖަރު ކަމުން ޖޯސޭ މޮރީނިއޯ ވަކިކުރިތަނާ މާ ގިނަ އިރުތަކެއް ނުވަނީސް، އެޓީމުގެ މިޑްފީލްޑަރ، ޕޯލް ޕޮގްބާ ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓަކުން އޭނާއަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ޕޮގްބާއާ މޮރީނިއޯއާ ދެމެދު އޮތް ގުޅުން ހީނަރުވެ މޮރީނިއޯ ވަނީ ޔުނައިޓެޑުގެ ވައިސް ކެޕްޓަންގެ މަގާމުން ޕޮގްބާ ދުރުކޮށްފައެވެ. އަދި އޭނާއަށް ފުރަތަމަ އެގާރައިން ޖާގައެއް ނުދިނުމާއި ބައެއް އިންޓަވިއުތަކުގައި ފާޑުކިޔުންތައް ވެސް ޕޮގްބާއަށް ވަނީ އަމާޒުވެފައެވެ.
އިއްޔެ ކުއްލި ގޮތަކަށް މޮރީނިއޯ ވަކިކުރުމަށް ފަހު ޕޮގްބާގެ ޓުވިޓާ އަދި އިންސްޓަގްރާމްގައި ވަނީ 'ކެޕްޝަން ދިސް' ޖަހާފައި ހިނިތުން ވެގެން ހުރި ފޮޓޯއެއް ޝާއިއުކޮށްފައެވެ.

ޕޮގްބާ ވަނީ ފަހުން އެ ފޮޓޯ ޑިލީޓް ކޮށްލާފައެވެ. އަދި އެއީ އެޑިޑާސްގެ މާކެޓިން ފޮޓޯއެއް ކަމަށް ބުނެފައެވެ. ނަމަވެސް ގިނަ ޔުނައިޓެޑު ސަޕޯޓަރުން ވަނީ އޭނާއަށް ފާޑުކިޔާފައެވެ.
ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ގެރީ ނެވިލް ވެސް ވަނީ ޕޮގްބާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.