Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

އިންޑިޔާ ފައްޅިން ދިން ބަތުގައި ޒަހަރު ލާފައި!

އިންޑިޔާ ފައްޅިއަކަށް ދިޔަ ބަޔަކު އެތަނުން ކެއި ބަތެއް ކައިގެން 15 މީހުން މަރުވެފައިވާއިރު އެބަތުގައި، ޒަހަރު ހުރި ކަމަށް އިންޑިޔާ ފުލުހުން ބުނެފިއެވެ.

ފުލުހުން މިމައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނެފައިވަނީ އެބަތުގައި ސޫފާސޫފި މަރަން ބޭނުންކުރާ ޒަހަރުގެ ބާވަތެއް އެކުލެވޭ ކަން ކަށަވަރު ވެފައިވާ ކަމަށެވެ.

ފަނަރަ މީހުން މި ބަތް ކައިގެން މިހާތަނަށް މަރުވެފައިވާއިރު 100 މީހުން ވަނީ ބަލިވެ ހޮސްޕިޓަލުގައި އެޑުމިޓުކޮށްފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން އެ ޒަހަރު މަނާކޮށްފައިވި ނަމަވެސް އިންޑިޔާގައި ދަނޑުވެރިންނަށް ބޭނުންތެރި ޒަހަރެއް ކަމަށް ބުނެ އަދިވެސް ބާޒާރުގައި ވިއްކަން ހުރެއެވެ. އިންޑިޔާގައި މީގެ ކުރިން ވެސް މިޒަހަރުގެ ސަބަބުން ސްކޫލް ކުދިންތަކެއް މަރުވިއެވެ.

މީގެ ފަސް އަހަރު ކުރިން ހިނގި އެހާދިސާގައި 23 ކުއްޖަކު މަރުވީ، ޒަހަރު އަޅާފައި ހުރި ފުޅިއެއް ރަނގަޅަށް ސާފުކޮށް އެއަށް ތެޔޮ އަޅައި، އެ ތެލުން ކެއްކި އެއްޗެއް ކައިގެންނެވެ.