Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

އިބޫގެ ފަސް އަހަރުގެ ދައުރުވެސް ގުނާނީ ބަންދު ދުވަސް ނުލާތަ: އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި ކުރުމަށް އެތައް ވައުދުތަކެއް ވެފައިވާއިރު، އެ ސަތޭކަ ދުވަސް ގުނާނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ސަރުކާރުން އެންގުމުން އިދިކޮޅުގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އެގޮތުން ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބޫ ސޯލިހްގެ ފަސް އަހަރުގެ ދައުރުވެސް ގުނާނީ ބަންދު ދުވަސްތައް ނުލާތޯ ބަލަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ބައެއް އާންމުން ވެސް ވަނީ ބަންދު ދުވަސްތައް ނުގުނާތީ ފާޑުކިޔާފައެވެ. ރައީސް އިބޫގެ ވެރިކަން ފެށިގެން ދިޔައީ ވެސް ބަންދު ދުވަހެއްގައި ކަމަށާއި ބައެއް ވައުދުތައް ފެއްޓެވީ ވެސް ބަންދު ދުވަސްތަކުގައި ކަމަށް އާންމުން ބުނެފައިވެއެވެ.

އަދި ވައުދުވެވަޑައިގަތް އިރު، ބަންދު ދުވަސް ނުލާ ގުނާނެ ކަމަށް ވިދާޅުނުވުމުން ވެސް ބައެއް ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ޖުމުލަ 159 ކަމެއް ފުރަތަމަ 100 ދުވަހު ކުރުމަށް ރައީސް ނިންމަވާފައިވާއިރު އޭގެ ތެރެއިން 23 ވައުދެއް ވަނީ ފުރިހަމަ ކުރެވިފައެވެ.