ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަސްމީ ދަތުރުފުޅެއްގައި ދެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނީ އަންނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރަސްމީ ފުރަތަމަ ބޭރު ދަތުރުފުޅުގައި އަވަށްޓެރި އިންޑިޔާއަށް ރައީސް ސޯލިހް ވަޑައިގެން، އެގައުމުގެ ބޮޑުވަޒީރު އަދި ރައީސާ ބައްދަލުކުރެއްވިއެވެ. އިބޫ ވަނީ އިންޑިޔާއަށް ވަޑައިގެން 1.4 ބިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއްގައި ވެސް ސޮއިކުރައްވާފައެވެ.
ޔޫއޭއީއަށް ރައީސް ދަތުރުފުޅު ފައްޓަވާނީ އާ އަހަރު ފެށިގެން ކަމަށާއި ޖެނުއަރީ ކުރީކޮޅު އެމަނިކުފާނުގެ ދަތުރު ފައްޓަވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އަދި ދުވަސް ކައިރި ވުމުން އެ ދަތުރުގެ ތަފްސީލުތައް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ޝާހިދު އިތުރަށް ވިދާޅުވީ، ރައީސް ސީދާ ގައުމުތަކަށް ވަޑައިގަންނަވަނީ ރާއްޖެއާ މެދު ދެކޭ ގޮތް ބަދަލު ކުރުމަށާއި ގުޅުން ހަރުދަނާ ކުރުމަށް ކަމަށެވެ.
ރައީސްގެ މަންދޫބުންގެ ގޮތުގައި ޝާހިދުގެ އިތުރުން ތިން ވަޒީރަކު ވަނީ މިމަހުގެ ކުރީ ކޮޅު ފަސް ގައުމަކަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި އިންޑިޔާ އަދި ޔޫއޭއީ ވެސް ހިމެނެއެވެ.