ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީ އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއެކު ކަމަށާއި ކުރީގެ ރައީސް ޔާމީނާ، އެޕާޓީއާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.
ބައެއް މީޑިޔާ ތަކުން، ޖޭޕީއާއި ޔާމީނާ ދެމެދު ސިއްރު ގުޅުމެއް އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އަލީ ސޯލިހް ވަނީ ދޮގުކޮށްފައެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ޔާމީނާ ދެމެދު ސިއްރު ބައްދަލުވުމެއް ހިނގާފައިނުވާ ކަމަށް އަލީ ސޯލިހް މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް ޔާމީނާއި އަދި އެމަނިކުފާނާ ގާތް ބޭފުޅަކާއި ވެސް ޖޭޕީގެ އެއްވެސް ބޭފުޅަކު ސިއްރު ބައްދަލުވުމެއް ބާއްވާފައިނުވާނެ ކަމަށެވެ. ސަރުކާރު ކޯލިޝަން ދަމަހައްޓަން ޖޭޕީން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް ގާސިމް އިބްރާހިމް ވެސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ގާސިމް ވަނީ މިހަފްތާ ތެރޭ ބޭއްވި ބައްދަލުވުމެއްގައި ނުސީދާ ގޮތުން އެމްޑީޕީ އަދި އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެފައެވެ. އަދި އެމްޑީޕީ ސަޕޯޓަރުން ސޯޝަލް މީޑިޔާގައި އެމަނިކުފާނަށާއި ޖޭޕީއަށް ފާޑުވިދާޅުވާތީ އެކަން ވެސް ގާސިމް ކުށްވެރި ކުރެއްވިއެވެ. އެހެން ނަމަވެސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް އިންތިޚާބަށް ވާދަކުރެއްވިކަން އިއުލާން ކުރި ރޭ، އެ ޖަލްސާގައި ގާސިމް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރީގެ ރައީސް ޔާމީން ވަނީ ދާދި ފަހުން އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނަކީ ދީލަތި ހިތްހެޔޮ ބޭފުޅެއް ކަމަށާއި ގާސިމާއެކު މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.
އަދި ޖޭޕީއާ ދާދި ފަހުން ގުޅިފައިވާ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ތާއީދުކޮށް ރައީސް ޔާމީން ވަނީ ޕީޕީއެމުން ވިލުފުށި ދާއިރާއަށް ވާދަނުކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.