ސީރިޔާގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން އެގައުމުން ފޭބުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަސްކަރިއްޔާއަށް އަންގަވައިފިއެވެ.
ސީރިޔާގައި ހަރަކާތްތެރިވި ހަނގުރާމަވެރި ޖަމާއަތް، އައިއެސްގެ ބާރު ދެރަވެ އެއްކޮށް ބަލިކަށިވުމުން ޓްރަމްޕް ވަނީ އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމަ ކާމިޔާބުވެފައިވާކަން އިއުލާން ކުރައްވާފައެވެ.
އައިއެސްގެ އަތް ދަށުގައި ތިބި އަވަށްތަށް ވެސް ސީރިޔާ އަސްކަރިއްޔާއިން ވަނީ ހިފައި އައިއެސް ފައްސާލާފައެވެ. 2،000 ވަރަކަށް އެމެރިކާ ސިފައިން އެ ހަނގުރާމާގައި ސީރިޔާ އަސްކަރިއްޔާއާ ބައިވެރިވެފައިވާއިރު ކުއްލި ގޮތަކަށް ސިފައިން އަނބުރާ ރަށަށް ގެނައުމަށް ނިންމެވުމުން ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވަނީ އެނިންމުމަށް ފާޑުކިޔާފައެވެ.
ޓްރަމްޕް އެކަމާ ގުޅިގެން ވިދާޅުވީ، ގައުމުން ބޭރުގައި ތިބި އެމެރިކާ ސިފައިން މަރުވި ޚަބަރު އާއިލާތަކަށް ދިނުމަކީ ދަތި ކަމެއް ކަމަށެވެ. އެހެންކަމުން ނިމިފައިވާ ހަނގުރާމައެއް ގައި ސިފައިން ގައުމުން ބޭރުގައި ބޭތިއްބުމަށް ނުފެންނަ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.