މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އިންވެސް ކުރިއަށް އޮތް އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ބައިވެރިވެ، 15 ދާއިރާއަކަށް ކެންޑިޑޭޓުން ނެރެން ނިންމައިފިއެވެ.
ޕާޓީގެ މުސްތަޝާރު، އަބްދުﷲ ހަސީން "ސީއެންއެމް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 15 ދާއިރާއަކަށް ވާދަކުރަން ޕާޓީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ދާއިރާތައް އަދި ކަނޑައަޅާނީ ޕާޓީން އިތުރަށް މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
މިވަގުތު ޕާޓީން ކުރަމުން ދަނީ ރަޖިސްޓާ ކުރާ ޖަލްސާ ބޭއްވުމަށް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހަސީން ވިދާޅުވިއެވެ. އެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާއި މެނިފެސްޓޯ އެކުލަވާލަން ޖެހޭނެއެވެ.
ލޭބާ ޕާޓީ ރަޖިސްޓާ ކުރުމަށް 3،017 މީހުންގެ ސޮއި ހަމަކޮށް ހަސީން ވަނީ އީސީ އަށް ހުށައަޅާފައެވެ. އީސީން ވަނީ ފޯމުތައް ޗެކް ކުރުމުގެ މަސައްކަތް ފަށާފައެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް މިވަގުތު ގެންދަވަނީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މޯލްޑިވްސް ތްރީވޭ ޑިމޮކްރެޓްސް ގެ ނަމުގައި ހަދާފައިވާ ޕާޓީއަށް ވެސް 3،333 މީހުންގެ ސޮއި ހަމަކޮށް އީސީއަށް ހުށައަޅާފައިވެއެވެ.