Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

އިންޑިޔާ ލޯނު ނެގީ ޗައިނާ ދަރަނި ދައްކާކަށް ނޫން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަވަށްޓެރި އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި 1.4 ބިލިއަން ޑޮލަރުގެ ލޯން ފެސިލިޓީއެއް ހޯއްދެވީ ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ނެގި ލޯނުތަކުން ރާއްޖެ އެގައުމަށް ދަރާފައިވާ މިންވަރު، ރައީސް ނެންގެވި ލޯނާ ދާދި އެއްވަރެވެ. އެމްއެމްއޭގެ ގަވަނަރު އަހުމަދު ނަސީރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވިދާޅުވީ ދައުލަތުން ޗައިނާ އަށް ދަރާފައިވާ މިންވަރު 1.5 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ އިންޑިޔާއިން ލޯނު ނެގީ ބަޖެޓު ތަންފީޒު ކުރުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ޗައިނާއާ ވާހަކަ ދައްކައި، ދޫކޮށްފައިވާ ލޯނުތަކާއި އެމްއޯޔޫތަކާ ގުޅިގެން ރަނގަޅު ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ލޯނު ދައްކާނެ ގޮތުގެ ތަފްސީލެއް ރައީސް ދެއްވާފައެއް ނުވެއެވެ.

ނަމަވެސް އެމަނިކުފާނު ވަނީ އިންޑިޔާއާ އެކު ވެވުނު އެއްބަސްވުމުގައި އިންޓްރެސްޓު ރޭޓު، ކުރީ ސަރުކާރުން ނެގި ލޯނުތަކާ އަޅާ ބަލާއިރު ވަރަށް ކުޑަ ކަމަށް ވިދާޅުވެފައެވެ. ޗައިނާއިން ނެގި ލޯނުތަކުގެ އިންޓްރެސްޓު 5 ޕަސެންޓާއި 8 ޕަސެންޓާ ދެމެދުގައި ހުރި ނަމަވެސް އިންޑިޔާއާ ހެދުނު އެއްބަސްވުމުގައި އިންޓްރެސްޓު ރޭޓަކީ %1.5 ކަމަށް ރައީސް ވިދާޅުވިއެވެ.

ބަޖެޓު ސަޕޯޓަށް އިންޑިޔާ ލޯނުން 200 މިލިއަން ޑޮލަރު އިންޑިޔާއިން ދިނެވެ. އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ އިންޑިޔާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދީފައިވާ ފައިސާއެވެ. ބާކީ 150 މިލިޔަން ޑޮލަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ރާއްޖޭގެ ޓީބިލާއި ބޮންޑަށް އިންޑިއާ ސަރުކާރުން އިންވެސްޓް ކުރި ފައިސާއެވެ. އެއީ 1.5 ޕަސެންޓު އިންޓްރެސްޓާއެކު ދިވެހި ސަރުކާރުން ދެ އަހަރު ތެރޭ އަނބުރާ ދައްކަން ޖެހޭ ފައިސާއެވެ.