Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ތިން ސައިޓެއް ސަލާމަތީ މިންގަނޑު ފުރިހަމަނުވާތީ ހުއްޓުވަނީ

ޕްލޭނިން މިނސިްޓަރ މުހައްމަދު އަސްލަމް

މާލޭގައި މަސައްކަތް ކުރަމުން އަންނަ ތިން އިމާރާތެއްގެ މަސައްކަތް ހުއްޓުވަން އަންގައިފިއެވެ. ޕްލޭނިން މިނިސްޓްރީން ބެލި ބެލުމުގައި ތިން ސައިޓެއްގައި މަސައްކަތް ކުރަމުންދިޔައީ އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ނާޅާކަން ފާހަގަކުރެވުމުން އެ ތިން ސައިޓުގެ މަސައްކަތް ހުއްޓުމަށް އަންގާފައިވެއެވެ.

ޕްލޭނިން މިނިސްޓަރ އަސްލަމާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 163 ސައިޓެއް އެ މިނިސްޓްރީން ވަނީ ބަލާފައެވެ. އޭގެ ތެރެއިން 70 ސައިޓެއްގެ މަސައްކަތް ގާތުން ބަލަމުން އަންނަ ކަމަށާއި 7 ސައިޓަކަށް ޚާއްސަ ސަމާލުކަމެއް މިނިސްޓްރީން ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މިހާތަނަށް އެ މިނިސްޓްރީން ބަލަމުން ދިޔައީ މަސައްކަތް ކުރާ ސައިޓުތައް އެކަނި ކަމަށެވެ. މަސައްކަތް ހުއްޓާފައި ނުވަތަ ބާވެފައިވާ ސައިޓުތަކާއި އިމާރާތްތަކުގެ ހާލަތުވެސް ބަލާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިމާރާތްތަކުގެ މަސައްކަތް ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކުރުމަށް ބިލްޑިންގ ކޯޑެއް ހަދަމުން އަންނަ ކަމަށާއި އެ ކޯޑުގެ މަސައްކަތް ޖެނުއަރީ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެ ކޯޑަކީ މިއަހަރުގެ މާޗު މަހު ނިމިފައި އޮންނަން ޖެހޭ ކޯޑެއް ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އިމާރާތްތަކުގެ މަސައްކަތް ކުރަމުން އަންނަ ގޮތް ބެލުމަށް މިނިސްޓްރީއާއި ކައުންސިލުން ކުރަން ފަށާފައިވަނީ އާދީއްތަ ދުވަހު ޑަބްލިއު ކޮންސްޓަރކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، އުމުރުން 7 އަހަރުގެ ރަޝްވާން ޖިއާން ނިޔާވުމާ ގުޅިގެންނެވެ.

ކައުންސިލުން ޑަބްލިއު ކޮންސްޓްރަކްޝަންގެ އިމާރާތްކުރުމުގެ ހުއްދަތައް ހިފަހައްޓާފައިވާއިރު އެފަދަ ނުރައްކާތެރި ސައިޓުތައް ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.