Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އެމްޑީޕީން ކަނޑާލާނެތީ ބިރެއް ނުގަނޭ: މުސްތަފާ

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ.

އެމްޑީޕީން ކަނޑާލައި ޕާޓީގެ ޓިކެޓުގައި ވާދަނުކުރެވޭ ގޮތް ހަދާފާނެތީ ބިރެއް ނުގަންނަ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މީގެ ހަތަރު އަހަރު ކުރިން 2014 ވަނަ އަހަރު މަޖިލިސް އިންތިޚާބަށް އެމްޑީޕީ ޓިކެޓުގައި އިންތިޚާބުވުމަށް ފަހު އެމްޑީޕީން ވަކިވުމާ ގުޅިގެން މުސްތަފާއަށް މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އެދި ސިޓީ ލާފައިވުމާ ގުޅިގެން އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީން ކަނޑާލާނެތީ ބިރެއް ނުގަންނަ ކަމަށެވެ.

ޚަބަރުދާރު! މުސްތަފާ އަކީ އެމްޑީޕީ އިން ކަނޑާލަފާނެތީ ކުޑަވެސް ޖެހިލުމެއް ވާނެ މީހެއް ނޫން! އެއްވެސް ޕާޓީއަކަށް ނުވަދެ މަޖިލީހަށް ކުރިމަތިލައި، ގޮނޑި ކާމިޔާބުކުރުމުގެ ހިތްވަރު މުސްތަފާގެ ކިބައިގަ ހުންނާނެ. ބިރު ދައްކަން ނޫޅޭތި"

މުސްތަފާ ކުރެއްވި ޓުވީޓުގައި އެމްޑީޕީއަށް އިންޒާރު ދީފައިވާއިރު އޭނާ ވިދާޅުވީ، 2014 ވަނަ އަހަރު މަޖިލިސް ގޮނޑި އެމްޑީޕީ ޓިކެޓުގައި ވާދަކޮށް ކާމިޔާބުކުރުމަށް ފަހު ޕާޓީން ވަކިވީ ޖުޑީޝަރީ މެދުވެރިކޮށް ގޮނޑި ގެއްލުވާލާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ކަމަށެވެ.

އަދި އެ ނިންމުން ނިންމީ ދާއިރާގެ މެމްބަރުންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށާއި އަހަރުތަކެއް ފާއިތުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުވުމުން އެމަނިކުފާނަށް ވެސް އެވާހަކަ ދެންނެވި ކަމަށް އޭނާއާ ހަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ނަޝީދު ވެސް މުސްތަފާ ގާތު އިތުރު ގޮތެއް އޭގައި ނެތް ކަމަށް ވިދާޅުވި ކަމަށް ބުނެއެވެ.