ހާދީއާއި އިޒްޔަންތިބީ ވެލްވެޓް ރެސްޓޯރެންޓްގެ ހުޅުވިފައިވާ ހިތްގައިމު މާހައުލުގައެވެ. ކާއެއްޗެއްސަށް އޯޑަރ ދިނުމަށްފަހު އިޒްޔަން ހާދީއާ ދިމާއަށް އެނބުރިލިއެވެ. ނަމަވެސް އޭނާ ދައްކަން އައި ވާހަކަ ފަށާނެގޮތެއްނޭނގި ކަންބޮޑުވެގެން އިސާހިތަކު އޭނާ ފިނިވެއްޖެއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފައިވެސް ބުނާހައި ހިތްވަރެއް ނުލިބުނެވެ. ދެއަތްދެއަތާއި މޮޑެލަބޮޑެލާ އިނދެވުނީއެވެ. އިރުއިރުކޮޅުން ވަށައިގެންވީ މާހައުލަށްވެސް އޭނާ ބަލާލައެވެ.
" އެކޮއެ ބޭބެގާތު ވާހަކައެއް ބުނަން އުޅޭހެން ބޭބެއަށް ވަރަށް ހީވޭ….އަނެއްކާ ބޭބެމެންގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ފެނުނީތަ؟." އިޒްޔަންގެ ހަރަކާތްތަށް ހުރިގޮތުން އެއްޗެއް ވިސްނިގެން ހާދީ އަހާލިއެވެ.
" އާނ…ނޫން…މިބުނީ އެކަހަލަ އެއްވެސް ކަމެއްނުވޭ….އަހަރެން ބުނަން އުޅުނީ ބޭބެ…މި އެ..މިތަން ކަމުދޭހޭ؟…" އޭނާގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް ނޭނގިގެން އިޒްޔަން ބުނެލިއެވެ.
" އާނ…މީ ކިހާ ހިތްގައިމު މާހައުލެއް…..ތިކަހަލަ ޒުވާންކުދިން ހިތްހަމަ ޖައްސާލަން އަންނަން ވަރަށް ރަނގަޅުތަނެއްމީ… އެކަމަކު ބޭބެމެން ކަހަލަ މުސްކުޅިން ކީއްކުރާނީ؟…" ހީލަމުން ހާދީ ބުނެލިއެވެ.
" ހިތްހަމަ ޖައްސަންޖެހޭނީ ޒުވާނުން އެކައްޏެއްނޫނެއްނު…ބޭބެވެސް ނާޒްއާއެކު ބައެއްފަހަރު އަންނަ ނަމަ ނާޒްވެސް ހިތްހަމަ ޖެހޭނެއްނު…" އިޒްޔަން ބުނެލިއެވެ.
" އެމަންޖެ ބޭނުމެއްނުވާނެ މިކަހަލަ ތަންތާކަށް އަންނާކަށް….މީހުން ގިނަ ތަންތަނަށް އަންނަން ނުލާހިކު ޖެހިލުންވާނެ…" ހާދީ އޮޅުން ފިލުވައިދިނެވެ.
" ނާޒްވެސް ކައިވެނިކުރީމަ ފިރިމީހާއެކީ އާދެވޭނެއްނު…" އިޒްޔަން ދުރުދުރުން އޭނާގެ މައުލޫއަށް ދެވޭތޯ މަސައްކަތްކުރިއެވެ.
" އާނ…އެމަންޖެ ކައިވެންޏެއް ކުރަނިކޮށް ތިބުނާހެން ވެދާނެ….." ހާދީވެސް އިޒްޔަންއާ އެއްބައިވެލިއެވެ.
" ބޭބެ ނުވިސްނަންތަ އެކަމާ….މިބުނީ ނާޒްގެ ކައިވެންޏާމެދު؟…" އިޒްޔަން ސީމާ މައުލޫއިން ސުވާލުކޮށްލިއެވެ.
" ނޫނޭ…އަބަދުވެސް ވިންނަން….މިހާރު ފަރަހައަށް އަށާރަވެސް ފުރުނީ….ކޮންމެ ބައްޕައަކުވެސް އުއްމީދުކުރާނެދޯ ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ލިބޭތޯ…ބޭބެވެސް ކުރަން….ބޭބެގެ އަބަދުގެވެސް ދުޢާއަކީ ބޭބެނެތް ދުވަހަކުންވެސް އެމަންޖެ އުފަލުގަ ގެންގުޅޭނެ ހެޔޮލަފާފިރިޔަކު އެމަންޖެއަށް ލިބުން…." ހާދީ އޭނާގެ ހިތް އިޒްޔަންގެ ކުރިމަތީގައި ހުޅުވާލިއެވެ.
" ބޭބެ ތިބުނާ ކަހަލަ މީހެއްގެ ޝަރުތު ތަކަކީ ކޮބާ؟.." އިޒްޔަން ޝައުޤުވެރިކަމާއެކު ސުވާލުކޮށްލިއެވެ.
" ފުރަތަމަ ކަމަކަށް އެމީހާ ވާންޖެހޭނެ ދީންވެރި މީހަކަށް….ދީނަށް ލޯބިކުރުން އެއީ ލާޒިމްކަމެއް ކޮންމެ މުސްލިމަކަށްވެސް….ހެއްދެވިފަރާތްދެކެ ލޯބިނުވެ ކިހިނެއް އިންސާނަކުދެކެ ލޯބިވާނީ…އަދި އޭނާ ވާންޖެހޭނެ އަތްނބެއްގެ ޒިންމާ އުފުލޭވަރުގެ ޤާބިލް ޒިންމާދާރު މީހަކަށް….އޭގެ މާނައެއްނޫން މުއްސަނދި މަހުޖަނަކަށް ވާންޖެހޭނެއެކޭ….އަހަރެންނަކީވެސް ފަޤީރު ނިކަމެއްޗެއް….ފަޤީރުނަމަވެސް ހަރުދަނާ އުޅުމެއްހުރި ރިވެތި އަޚުލާޤެއްގެ ވެރިއަކަށްވަނިކޮށް އެވީ….ކޮންމެހާލެއްގާވެސް އަހަރެންގެ ދަރިފުޅު ގޮވައިގެން އުޅެވޭނެވަރުގެ ހިތްވަރެއް ހުރި މީހަކަށް ވާންޖެހޭނެ…" ހާދީ އޭނާގެ ޝަރުތުތައް އިއްވާލިއިރު، ފުރަތަމަ އޮތް ޝަރުތުނޫން ހުރިހާ ޝަރުތެއް އާއިންގެ ކިބައިގައި ހަމަވެއެވެ.
އެއީ ދީންވެރިކަމެވެ. ކޮންމެމީހަކީވެސް މަސައްކަތްކޮށްފިނަމަ ދީންވެރިމީހަކަށް ވެވިދާނެ މީހެކެވެ. އެހެންކަމުން އިޒްޔަން ގަސްތުކުރީ އާއިންގެ ވާހަކަ ބުނުމަށެވެ.
" އަހަރެންގެ ނަޒަރުގަ ތިބުނާ ކަހަލަ ކުއްޖަކު އެބަހުރި….އޭނާހުރީ ނާޒްގެ ކައިވެންޏަށް އެދި އެދި….އޭނާގެ ހަމަ އެންމެ ކަމެއް ރަނގަޅުކޮށްލަނިކޮށް ބޭބެ ތިބުނާ ހުރިހާ ޝަރުތެއް ފުރިހަމަވޭ…" އިޒްޔަން ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.
" އެހެންތަ؟…އެއީ ކޮންކުއްޖެއް؟…" ހާދީ ޝައުޤުވެރިކަމާއެކު ސުވާލުކޮށްލިއެވެ.
އިޒްޔަން އާއިންގެ ވާހަކަ ހާދީގާތުގައި ބުންޏެވެ. އާއިންއަށް ނާޒް ކަމުގޮސްގެން އޭނާގާތުގައި އެކަމަށް އެދުނުވާހަކަ ބުނެ އޭނާގެ ޒިންމާ އަދާކުރިއެވެ.
" އާއިންއަކީ ވަރަށް ރަނގަޅުކުއްޖެއް….ބޭބެވެސް ދަންނާނެ އާއިން…އެއީ މަތީ ތައުލީމު ހާސިލްކޮށްގެންހުރި މޮޅު ޒުވާނެއް….ބައްޕަގެ އަމިއްލަ ކުންފުނީގަ މަސައްކަތްކުރަނީ…..ބަލާލަންވެސް ނުލާހިކު ރީތި….ހަމައެކަނި ދީންވެރިކަން އޭނާގެ ނެތީ….އެއީ ކުޑައިރުއްސުރެ އޭނާއަށް އެކަށީގެންވާ ދީނީ ތައުލީމެއް ދެވިފަނެތީމަ ވީގޮތް….އެކަމު ބޭބެއާ ނާޒްގެ ހިތްވަރެއް ހުރިއްޔާ ބޭބެ ބޭނުންވާފަދަ މީހަކަށް އޭނާހެދިދާނެ…..މިރޭ އަހަރެން މެދުވެރިކޮށް ނާޒްގެ ކައިވެންޏަށް އޭނާ އެދުމުންވެސް ދޭހަކޮށްދެނީ އޭނާގެ އަޚުލާޤު ރަނގަޅުކަން….ނޫންނަމަ އޭނާއަށް ކިތައްފުރުސަތު ލިބޭނީ މަގުމަތިންވެސް ނާޒްއާ ވާހަކަދައްކަން….ކީކޭ ބޭބެ ބުނަނީ؟.." އިޒްޔަން އޭނާއަށް ވީ އެންމެ ރަނގަޅަކަށް އާއިންގެ ރަނގަޅުކަން ސާބިތުކޮށްދިނެވެ.
" ބޭބެ ކީއްވެ އެއްޗެއް ނުބުނީ؟…" އިޒްޔަންގެ ވާހަކަތައް އަޑުއަހާފައިވެސް ހާދީ ހިމޭނުން އިނުމުން އިޒްޔަން އަހާލިއެވެ.
" ކޮއްކޮ ތިދެއްކި ވާހަކައާމެދު ވިސްނާލަނީ….ބޭބެއަކަށް ތިބުނާ ކުއްޖާއެއް މާރަނގަޅަކަށް ނޭނގޭ….އެކަމަކު އެނގޭހާވެސް އެއްޗަކީ، ރަނގަޅުމީހަކަށް ނޫނީ ކޮއްކޮގެ ދުލުން ތިޔަހާ ތަޢުރީފެއް ނުކުރާނެކަން….ކޮއްކޮގެ ތިހުރި ރީތި އަޚުލާޤަކީ މިޒަމާނުގަ ވަރަށް މަދު ކުއްޖެގެ ކިބައިގާ ހުންނަ ސިފައެއް….މިވީ މަދު ދުވަސްކޮޅުގެ ތެރޭގަވެސް ކޮއްކޮގެ އުޅުން ބޭބެއަށް ވަރަށް ކަމުގޮސްފި….އެހެންވީމަ ބޭބެ ވިސްނާނަން ތިކަމާމެދު….ކޮއްކޮއަށް އިތުބާރު ނުކުރަނީކީނޫން…އެކަމަކު ހަމަ މިހެން އިނދެފަ ޖަވާބެއްދޭން ވަރަށްދަތި…" ހާދީ އޭނާގެ ޚިޔާލު ފާޅުކުރުމުން އިޒްޔަންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
އެހިސާބަށް އެމީހުންގެ ވާހަކަ ދިޔަތަނާ ކާއެއްޗެހި ގެނައުމުން އެމީހުންގެ ވާހަކަ މެދުކަނޑާލާފައި ކެއުމަށް އިސްކަންދިނެވެ. ހިމޭންކަމާއެކު ތިބެގެން ކަމުންދިޔައިރު، ހާދީ ވިސްނަމުން ދިޔައީ އިޒްޔަން ދެއްކި ވާހަކަތަކާއިމެދުގައެވެ. އިޒްޔަންވެސް އިތުރު ވާހަކައެއް ނުދައްކާ ކަމުންދިޔަނަމަވެސް އިރުއިރުކޮޅުން އޭނާގެ ފޯނަށް ވައިބައިން އަންނަމުން ދިޔަ މެސެޖްތަކަށް ބަލާލެވެއެވެ. މެސެޖުކުރަނީ އާއިންއެވެ. ނަމަވެސް އޭނާ މެސެޖްތައް ބަލާލުމަށްފަހު ޖަވާބުނުދީ ހީލަމުން ކެއުމައިގެން ކުރިޔަށްދިޔައެވެ. އާއިން ކެތްމަދުވެފައިވާ ވަރު އިހުސާސްކުރެވޭތީ އޭނާ ބޭނުންވަނީ އާއިން ތަޅުވާލުމަށެވެ.
" އާއިން އަކީ އެކޮއެގެ ބައްޕަ އެއްބަނޑުމީހެއްގެ ދަރިއެއްތަ؟….އެކޮއެގެ ބައްޕަމެން ކޮބާ؟…އަދި ދުވަހަކުވެސް ނުވެއްދެކެން…." ކައިނިމުމުން ހާދީ ވާހަކަދައްކަން ފެށިއެވެ.
މިހުރިހާ ދުވަސްވީއިރުވެސް، ހާދީ އިޒްޔަންގެ އާއިލާއާ ބެހޭގޮތުން ސުވާލުކޮށްފައެއް ނުވެއެވެ.
" ނޫނޭ…އެއީ މަންމަ އެއްބަނޑުމީހެއްގެ ދަރިއެއް…އާއިންގެ ބައްޕަގެ ކޮއްކޮ އަހަރެންގެ މަންމައަކީ…..މަންމައާ ބައްޕަވީ ސިންގަޕޫރުގަ…އަހަރެންގެ ހަގަށްތިބި ދެބޭންނަށް ކިޔަވައިދޭންގޮސް އުޅެނީ…." ކުރުގޮތަކަށް އިޒްޔަން ބުނެދިނެވެ.
" ބައްޕައަކީވެސް މާލޭމީހެއްތަ؟.." ހާދީ އަހާލިއެވެ.
" އާނ…ބައްޕަމެންގެ މުސްކުޅިގެ ބަހާފަ ލިބުނު ބައި ކުއްޔަށްދީފަ ސިންގަޕޫރަށް ދިޔައީ….ވަރަށްފަހުން ހުޅުމާލެއިން ގޯތިލިބުނީ….އަދި މިއުޅެނީ ގެ އެއްކޮށް ނުނިމިގެން….އަހަރެން ކިޔަވާނިމިގެން ވަޒީފާއަށް ދާންފެށިފަހުން ގޭގެ ތިންބައިވެސް މިހެދުނީ….އަދި އިތުރުދެބައި ހަދަން ގަސްތުކުރަން…." އިޒްޔަން ވަރަށް ރަނގަޅަށް އޮޅުން ފިލުވައިދިނެވެ.
" އެހެންތަ؟…ވަރަށް މުރާލި ހިތްހެޔޮ ކުއްޖެއްތީ….ބޭބެ ވަރަށް އުފާކުރަން އިއްތިފާޤުންވެސް ތިހާ ރަނގަޅު ކުއްޖަކާ ދިމާވީތީ…." ހާދީ އިޒްޔަންއަށް ތައުރީފުކޮށްލުމުން އިޒްޔަން ލަދުގަންނަ ގޮތްވިއެވެ.
****
އިޒްޔަންގެ ގޭގެ ބެލްކަނީގައި ދެކޮޅަށް ހިނގަ ހިނގާ އާއިންގެ ފައިވާޅުވާން ގާތްވެއްޖެއެވެ. ވައިބަރ އިން އެތައް މެސެޖެއް އިޒްޔަންއަށް ކުރެވުނުއިރުވެސް އިޒްޔަންގެ އެއްވެސް ޚަބަރެއް ނުވިއެވެ. އެކަމަކު ހުރިހާ މެސެޖެއްވެސް އިޒްޔަން ބަލައެވެ. އެހެންކަމުން އާއިންހުރީ ހިތްނުތަނަވަސްވެ ރުޅިގަދަވާގޮތްވެފައެވެ. ނަމަވެސް އަދިވެސް ކެތްތެރިކަމާއެކު އިންތިޒާރު ކުރަން އޭނާ ނިންމިއެވެ. ސިޓިންރޫމުގެ ސޯފާއެއްގައި ފޯނާކުޅެން އިން މާޒަށް އާއިން އުޅޭގޮތަށްފެނި އިރުއިރުކޮޅުން އޭނާގެ ގާތަށް ހިނިއާދެއެވެ.
" ދެން މިހާރު ވާވަރަށް ކަސްރަތު ކުރެވިއްޖެއެއްނު…އާދޭ އެއްޗެއްކާލަން…" އުޝާ ބެލްކަންޏަށް ނުކުމެ އާއިންއާ މުޚާތަބުކޮށް ބުންޏެވެ.
" ނުކެވޭނެ….ބަނޑުހައެއްނުވޭ…" އުޝާއާ ދިމާ ބަލާލަމުން ކުޑަކުއްޖަކު ފަދައިން އާއިން ބުނެލިއެވެ.
" ހޫމް…ހޫމް…މިރޭދެން ޖަވާބެއް ނުލިބެނީސް ނުވެސްކެވޭނެ….ނުވެސް ލެވޭނެ…ނުވެސްނިދޭނެ މިފިރިހެނާއަކަށް…" ދުރުގައި އިން މާޒްވެސް އާއިންއާ ދިމާކޮށްލިއެވެ. އާއިންއަށް ބުނާނެ އެއްޗެއް ނޭނގުމުން ހިމޭނުން ހުރީއެވެ.
އިންތިޒާރުގެ ދިގު ވަގުތުތަކަކަށްފަހު، އާއިންއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ ގޭދޮރުމައްޗަށް މަޑުކޮށްލި ސައިކަލުފެނިފައެވެ. ހާދީއާއި އިޒްޔަން އެތެރެއަށް ވަތްމަންޒަރު ފެނިފައި އޭނާގެ ހިތުގެ ތެޅުން ދެގުނައަށް އިތުރުވިއެވެ. އިޒްޔަން ގެޔަށް ވަތްއިރު މާޒްއާއި އާއިން ގޭތެރޭގައި ތިބި މަންޒަރުފެނުމުން ހިނިއަންނަ ގޮތްވީނަމަވެސް، ވަގުތުން މޫނުމައްޗަށް ސީރިއަސްކުލަ އަރުވާލަމުން އިސްޖަހައިގެން މޮޅިވެރިކަމާއެކު އައިސް ސޯފާގައި އިށީނެވެ. އާއިން އަވަސް އަވަހަށް އައިސް އިޒްޔަންގެ ގާތުގައި އިށީނެވެ.
" ކިހިނެއްވީ ބްރޯ؟" އިޒްޔަންގެ ހަރަކާތްތައްހުރި ގޮތުން ކަންބޮޑުވެފައި އާއިން އަހާލިއެވެ.
" ކިހިނެއްވާނީ؟….އާން މެސެޖުކުރާވަރުން ރަނގަޅަށް ވާހަކަވެސް ދެއްކުނީކީނޫން…" އާއިންގެ މޫނަށް ބަލާލަމުން ނުރުހިފައިވާ ރާގަކަށް އިޒްޔަން ބުނެލިއެވެ. އެވަގުތު އާއިންއަށް ތުންފަތުގައި ދައިގަންނަމުން އިސްއޮބާލެވުނީ ކުރެވުނު ކަންތަކުގެ މޮޔަ ހިތަށް އަރާފައެވެ.
" ހާދީބޭބެ ރުޅިއައީތަ؟…." މާޒްވެސް ކަންބޮޑުވެފައިވާ ރާގަކަށް އަހާލިއެވެ.
" އާނ…ކޮންމެމީހަކުވެސް ރުޅިއަންނާނެދޯ…" އިޒްޔަން އަދިވެސް އާއިން ތަޅުވާލަން މަސައްކަތްކުރިއެވެ.
" އޯކޭ..ސޮރީއޭ…އެކަމު ކީކޭތަ ހާދީބޭބެ ބުނީ؟…" ހިތްއަވަސްވެފައި އާއިން އަހާލިއެވެ.
" ދެން އެސޮރު ނުތަޅުވާ ބުނަންވެއްޖެއެއްނު…" އެންމެފަހުން އުޝާއަށްވެސް ނުހުރެވިގެން ބުނެވުނެވެ.
" އަހަރެން ވަރަށް ތަފްސީލުކޮށް ކިޔައިދިނިން ތިއީ ކާކުކަމާ، ކޮންއުޅޭ މަސައްކަތާއި އާއިލާއާ ކާބަފައިންނަށް ދާންދެން….އެކަމު" އެހިސާބަށް ބުނެފައި އިޒްޔަން ހުއްޓާލިއެވެ.
" އެކަމު ކިހިނެއްތަވީ؟" އަވަސް އަވަހަށް އާއިން އަހާލިއެވެ.
" ހާދީބޭބެ ބުނީ…ގެދޮރާ މުދާ ހުއްޓަސް، ބޮޑުވަޒީފާއެއްގަ އުޅުނަސް، އަދި ކިތަންމެ ރީތިމީހަކަސް، ތިގޮތަށް މީހަކު ބުނެލާއިރަށް ގޮތްނޭނގޭމީހަކާ ކިހިނެއްހޯ މަގޭހުރި ހަމަ އެންމެ ދަރިއެއްގެ ކައިވެނިކޮށްދެވޭނީ؟…ނުވާނެއޭ ތިކަމެއް…" އިޒްޔަން ސީރިއަސް ރާގެއްގައި ބުނެލިގޮތުން އާއިންގެ މޫނުގެ ކުލަ ވަގުތުން ބަދަލުވިއެވެ.
އޭނާހުރީ އެފަދަ ޖަވާބަކަށް ތައްޔާރުވެގެނެއް ނޫނެވެ. އިސްޖަހާލިގޮތަށް އާއިން އަނގައިންވެސް ނުބުނެ އިނެވެ. އިޒްޔަން އުޝާއާއި މާޒްގެ މޫނަށް ބަލާލަމުން ހީލިއެވެ. އެވަގުތު އިޒްޔަން އެބުނީ ދޮގެއްކަން އެނގި އެމީހުންގެ ހާތަށްވެސް ހިނިއައެވެ.
" ހާދަހާ ދެރައޭ ތިވީގޮތް…ދެން ކިހިނެއް ހަދާނީ؟.." މޮޅިވެރި ރާގަކަށް މާޒްބުނެލިއެވެ.
" ދެން އަޅާނުލާ!…ވަރަށްބޮޑަށް ޝުކުރިއްޔާ އިޒީ ތިކަން ކޮށްދިނީތީ….އެކަމު އަދި އަހަރެން އަމިއްލައަށް ހާދީބޭބެއާ ބައްދަލު ކުރާނަން……ހާދީބޭބެ އެއްބަސްވާންދެން ވާހަކަދައްކާނަން…..އަހަރެން އެހާފަސޭހައިން ބަލިގަބޫލެއް ނުކުރާނަން…" ވަރުގަދަ އަޒުމަކާއެކީ އާއިން ބުނެލިއެވެ.
" އެހާ ހިތްވަރު އެބަހުރިތަ؟.." ލާނެއް ގޮތަކަށް ހީލަމުން އިޒްޔަން އަހާލިއެވެ.
" އާނ….އަހަރެން މިހުރީ ފަހަތަށް ޖެހޭގޮތަކަށްނޫން…މިކަން ކޮށްފަ ހުއްޓާލާނީ.." އާއިން ޔަޤީންކަމާއެކު ބުނެލިއެވެ.
" ސާބަހޭ މަގޭ ބްރޯ….ތިހެން ވާންޖެހޭނެ…" އާއިންގެ ބުރަކަށީގައި ޖަހާލަމުން މާޒް ބުނެލިއެވެ.
" އެކަމު އަދި ކެތްކޮށްލާ!…ހާދީބޭބެ ބުނީ ވިސްނާލާފަ ޖަވާބެއް ދޭނަމޭ….ހާދީބޭބެ ދޭ ޖަވާބަކުން ތިހުރި ހިތްވަރެއްވެސް އެނގިދާނެ…" ހިނިގަނޑެއް ޖަހާލަމުން އިޒްޔަން ބުނެލިއެވެ.
" ހަމަ ތެދެއްތަ؟…ހާދީބޭބެ ބުނިތަ ވިސްނާލާނަމޭ؟.." ޔަގީން ނުވެފައި އާއިން އަހާލިއެވެ.
" ހޫމް…ހީވަނީ ރަނގަޅު ޖަވާބެއް ދޭނެހެން….ދެން މިރޭ އަހަރެމެން ނިދިޔަދީފަ ގެޔަށްދޭ…" އަމުރުކޮށްލާފަދަ ގޮތަކަށް ބުނުމުން އާއިން ހީލަމުން ސޯފާއިން ތެދުވިއެވެ. މާޒްވެސް އާއިންގެ ފަހަތުން ތެދުވިއެވެ.
" ގުޑްނައިޓް….ދެން ގޮސް ނާޒްގެ ހުވަފެން ބަލާ!" އާއިންމެން ނުކުމެ ނުކުމެ ހުއްޓައިވެސް އުޝާބުނެލިއެވެ. އާއިން ހީލާފައި ގުޑްނައިޓް ކިޔާލިއެވެ.
*****
ޖެހިގެން އައި ދުވަހުވެސް އާދައިގެ މަތިން އާއިން ކޮފީޝޮޕަށް ދިޔައެވެ. ދުރުދުރުން ފަރަހަނާޒް ދުށުމުގެ އުފާ އޭނާ ހާސިލްކުރިއެވެ. ތޫބާއާއި ފަރަހަނާޒް ޓެކްސީގައި ހުޅުމާލެއަށް އައުމުން އޭނާވެސް އެކުދިންގެ ފަސްފަހަތުން ހުޅުމާލެއަށްވެސް އައެވެ. ނަމަވެސް މިވަގުތު އިޒްޔަންއާއި އުޝާވެސް ގޭގައި ނޫޅޭނެކަން އެނގޭތީ އޭނާ އަނބުރާލާފައި މާލެދިޔައެވެ. މިހާރު އޭނާ އިންތިޒާރު ކުރަމުން ދަނީ ހާދީގެ ޖަވާބަކަށެވެ. ކޮންމެފަދަ ޖަވާބެއް ލިބުނުނަމަވެސް ކެރިގެން ކުރިމަތިލާން އޭނާ އެހުރީ ތައްޔާރަށެވެ.
ހާދީހުރީ ފަރަހަނާޒްއާ ވާހަކަދައްކާލާނެ ރަނގަޅު ވަގުތަކަށް ބަލަ ބަލައެވެ. އެހެންކަމުން ފުރުސަތެއްބަލާފައި އޭނާގެ ކޮޓަރިއަށް އައުމަށް ފަރަހަނާޒްގެ ގާތުގައި ބުންޏެވެ. ފަރަހަނާޒް މާބޮޑު ވިސްނުމެއްނެތި އޭނާގެ ބައްޕަގެ ގާތަށް ދިޔައެވެ.
" ކިހިނެއްވީ ބައްޕާ؟…" ވިސްނުމަކަށް ގެއްލިފައި ހާދީ އިނުމުން ފަރަހަނާޒް އަހާލިއެވެ.
" ދަރިފުޅުގާތު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން…" އިސްއުފުލާލަމުން ހާދީ ބުނެލިއެވެ.
" ހޫމް…އަހަރެން މިހުރީއަޑުއަހަން…" ފަރަހަނާޒް ގަޔާވެލާފައި ބުންޏެވެ.
ހާދީ ވަރަށް ވިސްނުންތެރިކަމާއެކު އިޒްޔަން ދެއްކި ވާހަކަ ފަރަހަނާޒްގެ ގާތުގައި ދެއްކިއެވެ. ބައްޕަގެ ވާހަކަތައް އަޑުއަހަން އިންއިރު ފަހަރަނާޒް ކުޑަކޮށް ލަދުގަންނަ ގޮތްވިނަމަވެސް އެވާހަކަތަކާމެދު އޭނާ ވިސްނިއެވެ. އެބުނާ އާއިންއަކީ ކާކުކަމެއް އޭނާއަށް ނޭނގުނެވެ. ދުވަހަކު ދުށް ހަނދާނެއްވެސް އޭނާ ނުވެއެވެ.
" ދަރިފުޅު ކޮންގޮތަކަށް ވިސްނަނީ؟..ކައިވެންޏެއް ކުރަން ދަރިފުޅު ބޭނުންވޭތަ؟.." ލޯތްބާއެކު ހާދީ އަހާލިއެވެ.
" ބައްޕާ…އަހަރެން އަދި ކިޔަވާވެސް ނުނުމެއެއްނު….ދެން ކިހިނެއް؟.." ހާލަތާއި ގުޅޭގޮތުން ދޭނެ ޖަވާބެއް ނޭނގުމުން ފަރަހަނާޒް ބުނެލިއެވެ.
" ދަރިފުޅު ބޭނުން ނުވަންޏާ ބައްޕަ ކޮންމެހެން ބޭނުމެއްނޫން ބާރުއަޅާކަށް…އެކަމަކު ބައްޕައަށް ވިސްނުނު ގޮތުގަ މިޒަމާނުގަ އަހަރެމެން ފަދަ ނިކަމެއްޗަކަށް މިފަދަ ފުރުސަތެއް ލިބޭނީ މަދުން….ބައްޕަގެ ހިތެއް ނުބުނޭ އެއީ ގޯސް ކުއްޖެކޭ…އިޒްޔަންގެ ވާހަކަތަކުން ދޭހަވަނީ އެއީ ވަރަށް ރަނގަޅު އަޚުލާޤެއްގެ ވެރިއެއްކަން…." ހާދީ އޭނާ ދެކޭގޮތް ހާމަކުރިއެވެ.
" އެކަމު ބައްޕަ ތިބުނީނު އެއީ ދީނާ ވަރަށްދުރު މީހެކޭ….ނަމާދާ ދުރުމީހަކު ކިހިނެއް ރަނގަޅުވާނީ؟..އަހަރެން ބޭނުންވަނީ ދީނަށް ލޯބިކުރާމީހަކާ ކައިވެނިކުރަން…" ވިސްނާލާފައި ފަރަހަނާޒް ބުންޏެވެ.
" ދަރިފުޅާ….އެކި ކުދިން ބޮޑުވާނީ އެކިގޮތަށް ތަރުބިއްޔަތު ދެވިގެން….ދަރިފުޅަށްވެސް ބައްޕަ އިހުމާލުވީނަމަ، ޒަމާނުގެ އޮޔާއެކު ބެހިގެން ގޮސް ދަރިފުޅުވެސް ހުރީހީ ގެއްލި ހަލާކުވެފަ….އެއްވެސް މީހަކީ އުފަންވުމުގަ ދީންވެރިމީހެއް ނޫން…ދީންވެރިކަމަކީ ހޯދީމަ ލިބޭ އެއްޗެއް…އީމާންތެރިކަމަކީ ވަރުގަދަވެ ބަލިކަށިވާވެސް އެއްޗެއް…މިއަދު ނުލާހިކު ދީންވެރިކޮށް އުޅޭމީހަކުވެސް ދިމާވާ ހާލަތުން ދީނާ ދުރަށްވެސް އެބަދޭ…ހުރިހާވެސް އެއްޗަކީ ހިތް….ދަރިފުޅުދެކެ ލޯބިވާމީހަކު ދަރިފުޅު އެދޭގޮތަކަށް ބަދަލުވެސް ކުރެވިދާނެ….މަގުން ކައްސާލާފަވާ މީހަކަށް މަގުދެއްކިއްޖެނަމަ އެއީ ކިހާބޮޑު ހެޔޮކަމެއް….ކިހާބޮޑު ދަރުމައާ ޘަވާބެއް ދަރިފުޅަށް ލިބޭނެ…." ހާދީބެލީ ފަރަހަނާޒަށް ވިސްނައިދެވޭތޯއެވެ.
" އާނ…ބައްޕަ ތިބުނީ ރަނގަޅުވާހަކައެއް….މީހަކު އިސްލާހުވެދާނެ ކިތަންމެ އަވަހަކަށްވެސް…..އެކަމު ބައްޕާ އޭނަ އަހަރެން ބުނާގޮތް ހަދާނެތަ؟…" ޔަގީންކަމެއް ނެތްގޮތަކަށް ފަރަހަނާޒް އަހާލިއެވެ.
" މަސައްކަތް ކުރެވިދާނެ އެއްނު….ފުރުސަތެއް ދެވިދާނެއެއްނު…ކައިވެނީގެ ކުރިން އޭނާއަށް އިސްލާހުވާން ފުރުސަތެއްދޭނީ….އޭނާގެ އަމަލުތަކުން އެކަން ސާބިތުކޮށްދީފިނަމަ ކައިވެނިކުރާނީ….ނޫންނަމަ އިންކާރު ކުރާނީ…" ހާދީ ޚިޔާލެއް ހުށަހެޅުމުން ފަރަހަނާޒްވެސް އެގޮތާ ގަބޫލުވިއެވެ.
" އެހެންވީމަ ދަރިފުޅު އޭނައާ ބައްދަލުކޮށް، ދަރިފުޅު އޭނަގެ ފަރާތުން އެދޭކަންތައް ހުށަހަޅަންވީނު…" ހާދީ އެދުނެވެ.
" އެކަމު ބައްޕާ….އަހަރެން ކިހިނެއް…އަހަރެންނަކަށް ނުކެރޭނެ…" ވަގުތުން ފަރަހަނާޒް އިންކާރުކުރިއެވެ.
" ދަރިފުޅާ….ބައްޕަ ނުބުނަމޭ އޭނައާއެކު އެކަހެރިވެގެން ބައްދަލުކުރާކަށް….ބައްޕަ އޭނަގާތު ބުނާނަން މިގެޔަށް އަންނަން….އޭރުން ދަރިފުޅު ބޭނުންވާގޮތް ބުނާނީ…." ހާދީ އެހެން ބުނުމުން، އެކަމާ އެއްބަސްވުމުގެ ގޮތުން ފަހަރަނާޒް ބޯހަލުވާލިއެވެ. ނަމަވެސް ފިރިހެނަކާ ބައްދަލުވުމުގެ ޚިޔާލު ހިތަށް ގެނެވުމުންވެސް އޭނާގެ އަތްފައި ފިނިވެއްޖެއެވެ.
****
އާއިން ކެތްތެރިކަމެއްނެތި އިންތިޒާރު ކުރާތާ ދެދުވަސްފަހުން ހާދީ އޭނާއަށް ގުޅިއެވެ. އަދި ބައްދަލުކުރަން އެގެއަށް ދިއުމަށް ދައުވަތުދިނެވެ. ހާދީމެންގެ ގެޔަށް ދިއުމަށް އެދުމުން އޭނާގެ ހިތުގައި ކުޅެލީ އުފާވެރިކަމުގެ ރާގެކެވެ. ހާދީގެ ފަރާތުން އޭނާއަށް އުފާވެރި ޖަވާބެއް ލިބޭނެކަމުގެ އުއްމީދު ހިތުގައި އާވިއެވެ. އޭނާ ވަގުތުން އެޚަބަރު މާޒްއަށް ދިނެވެ.
" މިރޭ ދެން ތިހުރި ހިތްވަރެއްވެސް ދައްކާލައްޗޭ!….އަހަރެންގެ އެހީއެއް ބޭނުންވަންޏާވެސް ބުނެލާތި! " މަޖާވެފައި މާޒް ބުނެލިއެވެ.
ރޭނގަޑުވެ ވަގުތެވެ. ހާދީގެ ގެޔަށްދާން ވަގުތު ކުޑަތަންވީ ވަރަކަށް އާއިންގެ ހިތް އަވަސްވަމުން ދިޔައެވެ. މުޅި ހަށިގަނޑަށްވެސް ނޭނގޭ ގޮތްތަކެއް ވަމުން ދިޔައެވެ. އިޒްޔަންގެ ގޭގެ ބެލްކަނީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާހުރިއިރު، އޭނާ ވިސްނަމުން ދިޔައީ ހާދީ ދީފާނެ ޖަވާބަކާއިމެދުގައެވެ. ހާދީ ސުވާލެއްކޮށްފިނަމަ ދޭނެ ޖަވާބަށް ދާންދެން ހިތުތެރޭގައި އޭނާ ރާވަމުން ދިޔައެވެ.
" މިރެއަކީ ބޮޑު ރެއެއް…އެއްގޮތަކުން ވެއްޖެއްޔާ އަހަރެމެންނަށް ސައެއް ލިބޭނެ…ނޫންނަމަ ދެންޖެހޭނީ މީހަކު ހޮސްޕިޓަލްގަ އެނދުމަތިކޮށްގެން ހޭލާތިބެން ކަންނާނގެ…" އާއިން އާ ދިމާކުރުމުގެ ގޮތުން އިޒްޔަން ބުނެލިއެވެ.
" އާނ ދެން މިރޭ މަށާ ދިމާކުރޭ!….ކިޔާނެ އެއްޗެއް ކިޔާ…މަށަށް މިކަން ކާމިޔާބު ވެއްޖެއްޔާ….ކަލޭމެންވެސް ޖެހޭނެ މަށަށް ޕާރޓީދޭން…" ކަންބޮޑުވެފައި ހުރިއިރުވެސް އާއިން ރައްދުދިނެވެ.
" ކައިވެނި ޕާރޓީވެސް އަހަރެމެންގެ ޚަރަދުގަ ދީފާނާނަން…ދޯ މާޒް….ތިކަން ވޭތޯބަލާ!…" އިޒްޔަން އަނެއްކާވެސް ގޯނާ ކޮށްލިއެވެ. މާޒްވެސް ހީހީފައި އިޒްޔަންއާ އެއްބައިވިއެވެ.
ގަޑިން ނުވައެއް ޖެހުމާއެކު، ހިތްއަވަސްވެފައިހުރެ އާއިން އިޒްޔަންގެ ބައިން ނުކުމެ ހާދީމެން އުޅޭބަޔަށް ގޮސް ދޮރުމަތީ ހުއްޓިލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ބެލްއަޅާލިއެވެ. ގިނައިރެއްނުވެ ހާދީ ދޮރުހުޅުވައިފިއެވެ.
" އާއިން….އަވަހަށް އާދޭ އެތެރެއަށް…" އާއިން ފެނުމާއެކު ހިނިތުންވެލަމުން ހާދީ އެދުނެވެ.
އާއިން މަޑުމަޑުން ގޮސް ހާދީދެއްކި ސޯފާގައި އިށީނެވެ. އާއިންއާއި ޖެހިގެން ހާދީ އިށީނެވެ. އިރުކޮޅެއްފަހުން ފަރަހަނާޒް މަޑުމަޑުން އައިސް ހާދީގެ ގާތަށް ހުއްޓުނެވެ.
" ކާން ދާންވީދޯ؟…" ފަހަރަނާޒަށް ބަލާލަމުން ހާދީ އެހިއެވެ. އެވަގުތު ފަރަހަނާޒް ބޮލުގެ އިޝާރާތުން އާއެކޭ ބުނިއިރު، ބައްޕަގެ ގާތުގައި އިން އާއިން ފެނިފައި އޭނާހުރީ ޖެހިލުންވެފައެވެ.
" ކޮބާ…ހިނގާ އިހަށް ކާން…ކައިގެން ހަމަޖެހިލައިގެން ވާހަކަދެއްކިދާނެއްނު…" ސޯފާއިން ތެދުވަމުން ހާދީބުނެލިއެވެ. އާއިންވެސް ދެބަހެއްނެތި ހާދީއާއެކުގައި ކާބަޔަށް ދިޔައެވެ. އާއިން ބަހެއްވެސް ނުބުނެ ކަމުން ދިޔައިރު، ކާއެއްޗެހި މީރުތޯ އަހާލުން ފިޔަވައި މާގިނަ ވާހަކައެއް ހާދީވެސް ނުދައްކައެވެ. އެމީހުން ކައިނިމޭންދެން ފަރަނަހަނާޒްއާ ތޫބާ ތިބީ ސިޓިން ރޫމުގައެވެ.
" ތޫ…އަހަރެން ހާދަ ބިރުގަނެއޭ އެބަ…." ތޫބާގެ އަތުގައި ހިފާލަމުން ކަންބޮޑުވެފައި ފަރަހަނާޒް ބުންޏެވެ.
" ދެން ތިހާ ފިނޑިނުވެބަލަ! ހަމަޖެހިބަލަ!…ގޯސްކަމެއް ކުރާކަށް ނޫނެއްނު ތިއުޅެނީ…" ތޫބާ ފަރަހަނާޒަށް ހިތްވަރު ލައިދިނެވެ.
ހާދީއާއި އާއިން ކައިނިމިގެން ސިޓިންރޫމަށް ނުކުތުމުން ތޫބާ އަވަސް އަވަހަށް ސޯފާއިން ތެދުވެގެން ގޮސް ކާބަޔަށް ވަނެވެ. ފަރަހަނާޒް ކަންބޮޑުވެގެން އިސްއުފުލާލަންވެސް ނުކެރިފައި އިނެވެ.
" ދެކުދިން ވާހަކަދައްކާލާ….ބައްޕަ އެބައަންނަން…" ކޮޓަރިއާ ދިމާއަށް ހިނގައގަންނަމުން ހާދީ ބުންޏެވެ.
ހާދީ ބޭނުންވީ ފަރަހަނާޒްއާއި އާއިންއަށް ވާހަކަދައްކާލަން ވަގުތުކޮޅެއް ދޭށެވެ. އާއިން ފަރަހަނާޒްއާއި ތަންކޮޅެއް ދުރުގައި އިށީނެވެ. ފަހަރަނާޒް އިސްޖަހައިގެން އޭނާގެ އިނގިލިތަކާއި ކުޅެލަ ކުޅެލާ އިންއިރު، ހިތްތެޅޭވަރުން ހީވަނީ މޭފޫއަޅާފައި ނުކުމެދާނެހެންނެވެ. އާއިން ސިއްރު ސިއްރުން ފަރަހަނާޒްގެ މޫނަށް ބަލާލިއެވެ. އިސްޖަހާލައިގެން ފަރަހަނާޒް އިންގޮތުން އޭނާ އެއިނީ ނުހަނު ކަންބޮޑުވެފައިކަން އާއިންއަށް އެނގުނެވެ. ދެމީހުންކުރެ އެކަކުވެސް ބަހެއްނުބުނެ ހިމޭންކަމުގައި ވަގުތުތައް ދިގުލައި ދާންފެށުމުން ދެހިތުގެ ތެޅުންވެސް ދިޔައީ އިތުރުވަމުންނެވެ.
" ކިހިނެއްތަ؟…" އާއިން ފުންނޭވާއެއްލަމުން ހިތްވަރުކޮށްފައި އަހާލިއެވެ.
އާއިންގެ ފިރިހެންވަންތަ އަޑު ފަރަހަނާޒްގެ ކަންފަތުގައި ޖެހުމުން ބުނަން ނޭނގޭފަދަ ގޮތެއް އޭނާގެ ހިތަށްވެގެން ދިޔައެވެ. ޖަވާބުދޭން ވެސް ހަނދާންނެތިފައި އިރުކޮޅަކު އޭނާއަށް އިނދެވުނެވެ.
" ރަނގަޅު" ޖެހިލުންވެ އިނދެ މަޑުމަޑުން ފަހަރަނާޒް ޖަވާބުދިނެވެ.
"ނާޒްގެ ބައްޕަ ބުނެފަ ކަންނޭނގެ އޮންނާނީ އަހަރެންގެ ވާހަކަ….އެކަމުވެސް އިތުރު ސުވާލެއް އޮތްނަމަ ހަމަކުރަންވީ….ނާޒްގެ ކޮންމެ ސުވާލަކަށް ތެދުތެދަށް އަހަރެން ޖަވާބުދޭނަން…" އެދެމެދުގައިވާ ބީރައްޓެހިކަން ނައްތާލުމަށް އާއިން މަސައްކަތްކުރިއެވެ.
ފަހަރަނާޒް އިރުކޮޅަކު ވިސްނާލަން އިނެވެ. އޭނާކުރާނެ މާގިނަ ސުވާލުތަކެއް ނެތްނަމަވެސް ބުނަން ބޭނުންވާ ކިތަންމެ އެއްޗެއް އެބަހުއްޓެވެ.
" ނަމާދު ކުރަންތަ؟…" ވަރަށް ހިތްވަރު ކޮށްފައި ފަހަރަނާޒް އަހާލިއެވެ.
އެވަގުތު އާއިންއަށް އިސްއުފުލާ ފަހަރަނާޒްގެ މޫނަށް ބަލާލެވުނީ ހައިރާންކަމާއެކުގައެވެ. ފަހަރަނާޒް އެފަދަ ސުވާލެއް ކޮއްފާނެކަމަށް އޭނާއަށް ވިސްނިފައެއް ނެތެވެ. ފަހަރަނާޒްގެ ސުވާލަށް ދޭންވީ ޖަވާބު ހިތަށްއެރުމާއެކު ވަގުތުން އާއިން މާޔޫސްވިއެވެ.
"ނޫން…ބައެއްފަހަރު ހުކުރު ނަމާދަށް ދާން" ލަދުން އިނދެ އާއިން ޖަވާބުދިންއިރު އޭނަގެ އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ.
ފަރަހަނާޒް ކުރާނެ ކޮންމެ ސުވާލަކަށް ޖަވާބުދޭން ތައްޔާރަށްހުރި ކަމަށް ބުނިއިރު، ފުރަތަމަ ކުރި ސުވާލަށް އޭނާއަށް ދޭންމިޖެހުނީ އެކުއްޖާ ހިތްނޭދޭފަދަ ޖަވާބެކެވެ.
ނުނިމޭ