Last Updated: June 8, 15:03
Monday, June 8, 2026
ދުނިޔެ

އިނގިރޭސި އެއާޕޯޓު އަލުން ހުޅުވައިފި

އިއްޔެ ޑްރޯން އަރުވައި ހުއްޓުމަކަށް ގެނައި އިނގިރޭސި ވިލާތުގެ ގެޓްވިކް އެއާޕޯޓުގެ ރަންވޭ އަލުން ބޭނުން ކުރަން ފަށައިފިއެވެ.

އިނގިރޭސި ވިލާތުގެ ދެވަނައަށް އެންމެ ކާރުބާރު ބޮޑު އެއާޕޯޓު ހުއްޓުމަކަށް ގެނެސްފައިވަނީ އިއްޔެއެވެ. 24 ގަޑިއިރަށް ވުރެ ގިނަ އިރު އެއާޕޯޓް ހުއްޓުމެއްގައި އޮތްއިރު އިނގިރޭސި ފުލުހުން ވަނީ އަސްކަރިއްޔާގެ އެހީވެސް ހޯދާފައެވެ.

ނަމަވެސް އަދިވެސް ޑްރޯން އޮޕަރޭޓުކުރި ބަޔަކު ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. އެއާޕޯޓް ރަންވޭ ހުޅުވާލި ނަމަވެސް އަދިވެސް ފުރިހަމައަށް ބޯޓުތައް ޖައްސަން ނުފަށައެވެ. އެއާޕޯޓު ހުޅުވިއިރު 765 ފްލައިޓު ޖައްސައި ނައްޓަން ތައްޔާރަށް އޮތެވެ.

އިސް އޮފިޝަލުންނާ ހަވާލާދީ "ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު ރަންވޭގެ މަސައްކަތް ކުރިއާ އެއްގޮތަށް ދާނެ ކަމަށެވެ.

ޑްރޯންތަކެއް އެއާޕޯޓަށް އަރުވާފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޑްރޯން ފްލައިޓު ތެރެއަށް ވަދެ ފްލައިޓަށް ބޮޑެތި ގެއްލުން ވާނެތީ ޕައިލެޓުންނަށް ބޯޓު ޖައްސަން އަދި ނައްޓާލަން ހުއްދައެއް ނުލިބުނެވެ.

ޑްރޯން އޮޕަރޭޓު ކުރި ފަރާތެއް އިނގިރޭސި ފުލުހުންނަށް އަދިވެސް ހޯދިފައިނުވާއިރު އެމީހުން ޑިމާންޑު ކުރީ ތިމާވެއްޓާ ގުޅޭގޮތުން ވެފައިވާ އިހުމާލުތަކަށް ސަރުކާރުން ޖަވާބުދާރީ ވުމަށެވެ. ޚަބަރު ލިބޭ ގޮތުގައި އިނގިރޭސި ސަރުކާރުން ވަނީ އެކަން ކުރުމަށް ޚާއްސަ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ.