Last Updated: July 1, 11:57
Wednesday, July 1, 2026
ރިޕޯޓް

ރެޑްރޯސްގެ ޗެކް ކުރުމަށްފަހު "ދީމާ ކްރީމް ބިސްކޯދު" ކޫޕަނެއް!

ރެޑްރޯސްގެއިން ގެންދިޔަ ފައިސާގެ އަދަދު ލިޔެފައިވާ ނަސީބު ކޫޕަން

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހިތަދޫ ރެޑްރޯސް ގޭގައި މަސްތުވާތަކެތި ބޭނުން ކޮށް ގެންގުޅުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި ކޯޓް އޯޑަރެއްގެ ދަށުން އެގެ ފާސްކޮށް އެގެން ތަކެތި ގެންދިއުމުގައި ފުލުހުން އަމަލްކޮށްފައިވަނީ އެފަދަ ކަންކަމުގައި ފުލުހުން އަމަލްކުރަނެޖެހޭ އުސޫލާއި ހިލާފަށް ކަން އެގިއްޖެއެވެ.

ކޯޓު އަމުރެއްގެ ދަށުން ރެޑްރޯސްގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި ފައިސާ އަދި "ވަގަށް ނަގާފައިވާކަމަށް ބެލެވޭ" އިލެކްޓްރޯނިކްސް ސާމާން ތައް އަތުލައިގެންފައިވާ ކަމަށް ފުލުހުން ވަނީ މީޑިއާގައި ހާމަ ކޮށްފައެވެ. އަދި އެގެ ފުލުހުން ބަލައި ފާސްކޮށް ނިމިފައިވާއިރު އެގެ ބަލައި ފާސްކޮށްފިކަމަށް ބުނެ ފުލުހުން ދީފައިވަނީ "ދީމާ ކްރީމް ބިސްކޯދު" ކޫޕަނެކެވެ. އަދި އެލިއުމުގެ ކޮޕީއެއް ވަނީ އައްޑޫލައިވްއަށް ލިބިފައެވެ.

އެގެއިން ފުލުހުން ގެންދިޔަ ސާމާން ލިޔެފައިވާ އާދައިގެ ކައުދާސްގަނޑުގައި 4575 ނަންބަރު ޖަހައި ސޮއިކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ތަންތަން ބަލައި ޗެކް ކުރުމަށް ފަހު ދޭނީ ފުލުހުންގެ ލެޓަހެޑް ހިމެނޭ ލިއުންތައް ކަމަށެވެ. އަދި އެގޮތަށް ގެންދެވެ ތަކެތި ނޯޓުކުރުމަށް ވަކި ސްޓޭންޑަޑްގެ ލިއެކިއުންތައް ހުންނާނެކަމަށެވެ. ނަމަވެސް ރެޑްރޯސްގެއިން ތަކެތި ބަލައި ފާސްކުރުމަށް ފަހު "ނަސީބް ކޫޕަނެއް"ގައި ލިޔެ ދިން ސަބަބެއް ނޭގޭ ކަމަށެވެ.

ރެޑްރޯސްގެއިން ވާހަކަ ދެއްކި މީހަކު ބުނީ އެގެ ބަލައި ފާސްކުރުމަށްފަހު އާދައިގެ ބިސްކޯދު ކޫޕަނެއްގައި ނެގި ފައިސާގެ ނޫޓް އަދަދު ލިޔެ ދީފައިވާ އިރު ގެ ބަލައި ފާސްކުރިކަމަށް ދޭން ޖެހޭ ލިއުން ނުލިބިގެން އައްޑޫގައި ހުރި ފުލުހުންގެ ކޮމާންޑަރަށް ދަންނަވާފައިވާނެ ކަމަށެވެ.

ފުލުހުން ހިންގާ ގިނަ އޮޕަރޭޝަނުގައި ފުލުހުންނަށް ބައެއް ފަހަރު ކާމިޔާބެއް ނުލިބޭ އެންމެ ބޮޑު ސަބަބަކީ އެމުވައްސަސާއިން ހިފަހައްޓަންޖެހޭ ޕްރޮފެޝަނަލް ސްޓޭންޑާރޑް ނުހިފެއްޓޭތީ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންވެ ގިނަ ފަހަރު ފުލުހުން ހިންގާ އޮޕަރޭޝަން ވަނީ ބޭކާރު އެއްޗަކަށެވެ.

އައްޑޫގައި ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަން ތަކުގައި އެފަދަ ޕްރޮފެޝަނަލް ގޮތްތައް ހިފަހައްޓާތަން ފެންނަނީ ވަރަށް މަދު ފަހަރު ތަކުގައިއެވެ. އެގޮތުން ފުލުހުން ރޯޑް ޓްރެފިކް ބަލައި ޗެކް ކުރަމުންދާއިރު ބައެއް ފުލުހުން އޮޕަރޭޝަންތަކުގައި ދުއްވާ ސައިކަލް ތަކުގެ ޒޯން "އޭ" ޒޯން ގައި ހުންނަ ކަންވެސް ފާހަގަކުރެވެއެވެ.