Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އަދުރޭ އަޅުގަނޑާ ވާދަކުރަން ބިރުގަނޭ: ސިރާޖް

ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިހާރު ހުންނެވީ އެދާއިރާއަށް ވާދަކުރައްވަން ބިރުން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

"އަވަސް" އިން ކޮންމެ ހުކުރު ދުވަހެއްގައި ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމުގައި މިއަދު އަދުރޭ ބައިވެރިވެވަޑައިގެން ވިދާޅުވީ، ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން އަދި ނުނިންމަވާ ކަމަށެވެ. އެދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ސިރާޖް، އެކަމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ އަދުރޭ އެހެން ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ އޭނާ ކާމިޔާބުކޮށް އިންތިޚާބަށް ނިކުމެދާނެތީ އޭނާއާ ވާދަކުރަން ޖެހިލުންވާތީ ކަމަށެވެ.

އަދުރޭ ވިދާޅުވީ އޭނާއަށް ޕާޓީން ޓިކެޓު ދިން ނަމަވެސް ވާދަކުރައްވާނީ ދާއިރާ ރައްޔިތުންނާ މަޝްވަރާ ކޮށްފައި ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ނަމަވެސް އޭނާގެ ދާއިރާއިން ގިނަ ވޯޓު ލިބުނީ ކުރީގެ ރައީސް ޔާމީނަށް ކަމަށާއި އެއިން އެނގެނީ ރައްޔިތުންގެ މަޖިލީހުގައި މިދިޔަ 10 އަހަރު ކުރި މަސައްކަތް އެ ދާއިރާގެ ރައްޔިތުން ގަބޫލުކުރާ ކަން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީ ޕްރައިމަރީގައި ފޮނަދޫ ދާއިރާއަށް ސިރާޖުގެ އިތުރުން ވެސް ހަތަރު މީހަކު ވާދަކުރެއެވެ. ސިރާޖު ވަނީ ޕްރައިމަރީގައި ބައިވެރިވެ ކެމްޕޭނު މިހާރުވެސް ފަށާފައެވެ.