ރޭ ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުންގެ ބައްދަލުވުމެއްގައި މުޒާހަރާ ކުރީ އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅިގެން ދުރާލާ ރާވައިގެން ނޫން ކަމަށް އެމުޒާހަރާ އިންތިޒާމް ކުރި "ނަވާނަވައި" ހަރަކާތުން ބުނެފިއެވެ.
ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ "ނަވާނަވައި" ވަނީ ރޭގެ ލީޑަރުންގެ ބައްދަލުވުމުގައި މަހުޖަނުންގެ ކިބައިން ރައްޔިތުންގެ މަޖިލިސް ސަލާމަތް ކުރުމަށް ހިމޭން މުޒާހަރާއެއް ކޮށްފައެވެ. މުޒާހަރާގައި ވަކި ޕާޓީއަކަށް ނިސްބަތްވާ އެއްވެސް ބަޔަކު ބައިވެރިވެފައިނުވެއެވެ.
ނަމަވެސް އެ މުޒާހަރާ އަކީ ވަކި ސިޔާސީ ޕާޓީއެއް އިސްވެ ހުރެ ކޯލިޝަން ބައިބައިކުރުމަށް ދުރާލާ ރާވައިގެން ކުރި މުޒާހަރާއެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރު ޑރ. ޖަމީލް ވަނީ ތުހުމަތުކޮށްފައެވެ.
ޖަމީލްގެ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން ނަވާނަވައިގެ ތަރުޖަމާނު ފާތިމަތު ސާއިރާ "މިހާރު" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެބޭފުޅުންގެ މަސައްކަތަކީ ސިޔާސީ ޕާޓީތަކާ ގުޅިގެން ކުރާ މަސައްކަތެއް ނޫން ކަމަށެވެ.
އަދި ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ޕާޓީއަކީ ރައްޔިތުންގެ ފިކުރުތަކާ ދުރު، އަދި ވަކި ބަޔަކާ ކައިރި ފިކުރުތަކެއް ކަމަށެވެ.