Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ޚިޔާނާތްތެރިންނަށް ރައްޔިތުން ނޫނެކޭ ބުނީމަ ޤައުމު ހަލަބޮލިކުރަން ނޫޅޭ: ޝެއިޚް އިލްޔާސް

ދައުލަތަށް ޚިޔާނާތްތެރިވި ފަރާތްތަކަށް ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނޫނެކޭ ބުނުމުންވެސް ޤައުމު ހަލަބޮލިކުރުމަށް ނޫޅުމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިން ގޮވާލައްވައިފި އެވެ.

ޝެއިޚް އިލްޔާސް މިހެން ގޮވާލައްވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ ނިމިގެންދިޔަ ވެރިކަމުގައި ދައުލަތުގެ ޚަޒާނާއަށް ޚިޔާނާތްތެރިވި ބަޔަކަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނީމާވެސް އެކަން ޤަބޫލުނުކޮށް ޤައުމު ހަލަބޮލިކުރަން އުޅުމުގެ ބަދަލުގައި ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް، ﷲ އަށް ބިރުވެތިވެ ތައުބާވުން މާ ރަނގަޅު ކަމަށެވެ.

އެ ޓްވީޓް އަމާޒުކުރައްވާފައި ވަނީ ކޮން ފަރާތަކަށް ނުވަތަ ފަރާތްތަކަށް ކަމެއް ޝެއިޚް އިލްޔާސް ވިދާޅުވެފައެއް ނުވެއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީއެމް އިން ދަނީ ސިލްސިލާކޮށް އެ ޕާޓީގެ އޮފީސް ކުރިމަތީގައި މުޒާހަރާކުރަމުންނެވެ.