Last Updated: June 19, 18:13
Friday, June 19, 2026
މުނިފޫހިފިލުވުން

"މެން އިން ބްލެކް: އިންޓަނޭޝަނަލް"ގެ ޓްރެއިލާ ދައްކާލައިފި

މުޅިން އާ ކާސްޓަކާއެކު، އާ ވާހަކައަކާއެކު އެފް. ގޭރީ ގްރޭ ޑައިރެކްޓްކޮށްފައިވާ ފިލްމް "މެން އިން ބްލެކް: އިންޓަނޭޝަނަލް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ސޮނީ ޕިކްޗާސް އިން އުފައްދާ މި ފިލްމްގެ ފުރަތަމަ ޓްރެއިލާ މިއަދު ރިލީޒްކުރިއިރު، ޓްރެއިލާ އަށް ދަނީ ފޭނުންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ފިލްމްގެ ލީޑް ރޯލްތަކުން ފެނިގެންދާނީ މަޝްހޫރު ތަރިން ކަމުގައިވާ ކްރިސް ހެމްސްވާތު އާއި ޓެސާ ތޮމްޕްސަން އެވެ.

އެމްއައިބީ ސީރީސްގެ ހަތަރު ވަނަ ފިލްމް ކަމުގައިވާ މި ފިލްމަކީ ޓޮމީ ލީ ޖޮންސް އާއި ވިލް ސްމިތު ކުޅެފައިވާ އެމްއައިބީ ފިލްމްތަކުގެ ސްޕިން އޮފް އެކެވެ. ޓްރެއިލާ އިން އެނގިގެންދާ ގޮތުގައި މި ފިލްމަކީ އެމްއައިބީގެ އިނގިރޭސިވިލާތުގައި ހުންނަ ބްރާންޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އަދި ކްރިސް އާއި ޓެސާ އަދާކުރާނީ ބްރިޓިޝް ދެ އޭޖެންޓުން ކަމަށްވާ އެމް އާއި އެޗްގެ ރޯލެވެ.

މި ފިލްމުން އިތުރަށް ފެނިގެންދާނެ ތަރިންގެ ތެރޭގައި އެމާ ތޮމްޕްސަން އާއި ލިއަމް ނީސަން ވެސް ހިމެނެއެވެ. މި ފިލްމް ޝޫޓްކޮށްފައިވާ ގިނަ ޤައުމްތަކުގެ ތެރޭގައި މޮރޮކޯ، އިޓަލީ، ނިއު ޔޯކް (އެމެރިކާ) އަދި އިންގްލޭންޑް ހިމެނެއެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.