Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ރާއްޖޭގެ ތަރައްޤީގެ ތަޞައްވުރަށް އެހީވެދޭނެކަމުގެ ޔަޤީންކަން ޖަޕާނުން ދީފި

ފޮރިން މިނިސްޓަރ ޝާހިދު، ޖަޕާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފިނޭންސް ތާރޯ އާސޯ އާއި ބައްދަލުކުރައްވަނީ - ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ކުރައްވާ ތަޞައްވަރު ޙަޤީޤަތަކަށް ހެދުމަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް ޖަޕާނު ސަރުކާރުން އެހީވެދޭނެކަމުގެ ޔަޤީންކަން ޖަޕާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފިނޭންސް، ހިޒް އެކްސެލަންސީ ތާރޯ އާސޯ ދެއްވައިފި އެވެ.

ޖަޕާންގެ ޕްރައިމް މިނިސްޓަރ މިހެން ވިދާޅުވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތް ގުޅުމަށް އަލިއަޅުވާލައްވައި ޖަޕާނަށް ޝުކުރުއަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދުގެ މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް، އަލްފާޟިލް އިބްރާހީމް އަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛް ފައްޔާޟް އިސްމާޢީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްފާޟިލް އަޙްމަދު ޚަލީލާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޓޯކިއޯގައި ހުންނަ ދިވެހި އެމްބަސީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.