ކުރީ ހަތަރު ސަރުކާރުގައި ވެސް އެކި ފެންވަރުގައި މަސައްކަތް ކުރައްވާފައިވާ ދިވެހި ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
ޖަމީލް ވަނީ "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމަށް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކަން ކަށަވަރުކޮށްދެއްވާފައެވެ. ޖަމީލް ވަނީ ރޭ ކުުރެއްވި ޓޫވީޓެއްގައި ވިލިމާލެ ރައްޔިތުންނަށް ޒަމާނީ ތަރައްގީ ހައްގުވާ މިންވަރު ހޯދަދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިސަރުކާރުގެ ކެބިނެޓު އިއުލާންކުރި އިރުވެސް ޖަމީލް ވަނީ ދެން ފެންނާނީ ރައްޔިތުންގެ މަޖިލިހުން ކަމަށް ވިދާޅުވެ މަޖިލިސް އިންތިޚާބަށް ވާދަކުރާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
ޖުމުހޫރީ ޕާޓީން ޖަމީލް ނިކުންނެވި ނަމަވެސް ކޯލިޝަންގައި ހިމެނޭ އެމްޑީޕީން ވެސް އެ ދާއިރާއަށް ކެންޑިޑޭޓަކު ނެރޭނެއެވެ. ވިލިމާލެ ދާއިރާއަށް ވެސް އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ އެމްޑީޕީ ޕްރައިމަރީ އެ ދާއިރާގައި ވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ.