އިންޑިއާގެ ޕަންޖާބްގެ ރުޕްނާގަރްގައި ބައްޕައަކާއި އޭނާގެ ރަހުމަތްތެރިޔަކާއި ދެމީހުންވެގެން، އޭނާގެ 17 އަހަރުގެ އަންހެން ދަރިފުޅު ރޭޕްކޮށްލައިފި އެވެ. ރިޕޯޓްތައް ބުނާގޮތުން އެ އަންހެން ކުއްޖާ މިހާރު އިނީ ބަލިވެއެވެ. އަދި އެކުއްޖާގެ ބަނޑަށް މިހާރު ހަތް މަސް ފުރިއްޖެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގެ އެންމެ ބޮޑު ނިއުސް އޭޖެންސީ ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ އޮފިޝަލަކު ބުނާގޮތުގައި އެ އަންހެން ކުއްޖާ ދިރިއުޅެމުން އައީ އޭނާގެ ބައްޕައާއެކު ރުޕްނާގަރްގައި ކަމަށާއި، ބައްޕައާއި އެ ގޭގައި ދިރިއުޅެމުން އައި އިތުރު ފިރިހެނަކާއި ދެމީހުން ވަނީ އެތައް ފަހަރެއްގެ މަތިން އެކުއްޖާ ރޭޕްކޮށްފައި ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ އަންހެނަކާއި ކުޑަކުދިންގެ ޖަމިއްޔާއަކުން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެންނެވެ. ފުލުހުން ވަނީ ވަގުތުން މި މައްސަލަ ތަހުޤީޤުކުރަން ފަށައި، އަންހެން ކުއްޖާގެ ބައްޕައާއި ބައްޕަގެ ރަހުމަތްތެރިޔާ ހައްޔަރުކޮށްފަ އެވެ. އެމީހުންގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ.
ދާދިފަހުން އިންޑިއާގެ ވެސްޓް ބެންގާލްގައި ވެސް ވަނީ ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްލުމަށްފަހު މަރާލާފައެވެ.